މަސްވެރިކަމާއި ގުޅޭ

ދަތްބުޅިމިޔަރު -- ފޮޓޯ/ ފްރީޑައިވިން ޔޫއޭއީ

ދަތްބުޅިމިޔަރު

މިއީ ރާއްޖޭގައި ވަރަށް މަދުންއުޅޭ މިޔަރެކެވެ. މިބާވަތުގެ މިޔަރެއް ރާއްޖެއިން ރެކޯޑް ކުރެވިފައިވަނީ ހަމައެންމެ މިޔަރެކެވެ. އެއީ ރ. މަޑުއްވަރީ ދޯންޏެއް ހއ. އަތޮޅުގައި މިޔަރު މަސްވެރިކަން ކުރުމުގައި ބޭނިފައިވާ މިޔަރެކެވެ. މިޔަރު ބޭނިފަރާތުން މިއީ ކުރިން ނުފެންނަ މިޔަރެއްކަމުން އެމިޔަރުގެ އަނގަ ހިއްކައިގެން ރައްކާކޮށްފައިވަނިކޮށް މެރިން ރިސާރޗް ސެކްޝަންގެ ތަޙުލީލީޓީމުން އެއަނގަ އައިޑެންޓިފައި ކުރީއެވެ.
މިއީ މެދުއިސްކޮޅެއްގެ މިޔަރެކެވެ. މިބާވަތުގެ މިޔަރު ގާތްގަޑަކަށް 2.4 މީޓަރަށް ބޮޑުވާކަމަށްވެއެވެ. މިޔަރުގެ ތުންކޮޅު ހުންނަނީ ވަށްކޮށެވެ. މިޔަރުގެ ކުލައަކީ މައިގަޑުގޮތެއްގައި އަޅިއެވެ. މިޔަރުގެ ބަނޑުދަށްފަރާތް ހުންނަނީ ހުދުކުލައެއްގައެވެ. މިޔަރުގެ އަނގައިގައި ހުންނަ ދަތްތައް ހުންނަނީ ބުޅިކޮށެވެ. މިބާވަތުގެ މިޔަރަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތީ، މިއީ ރާއްޖެއިން ވަރަށް ނުފެންނަ ބާވަތެއްކަމަށްވާތީއެވެ. ވީމާ މިމިޔަރުގައި ހުރި އެންމެ ފާހަގަކުރެވޭ ސިފަކަމުގައިވާ "ދަތްބުޅިކަން " ފާހަގަކޮށް "ދަތްބުޅިމިޔަރު” ކިޔާފައިވަނީއެވެ. މިބާވަތުގެ މިޔަރުގެ ޢާއްމު ކާނާއަކީ އެތެރެވަރީގައި ކަނޑުގެ މަތީބައިގައި އުޅޭ ކުދިމަހާއި އަޑީގައި އުޅޭ ތަފާތު ބާވަތްތަކުގެ މަހެވެ. މިބާވަތުގެ މިޔަރު ޢާންމުކޮށް އުޅެނީ 30 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ.

އިނގިރޭސި ނަން: Snaggletooth shark

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!