މަސްވެރިކަމާއި ގުޅޭ

ޑޮންފަންގުގެ އިސްވެރިންނާއި ބައްދަލުކުރުން، ފޮޓޯ: މަސްވެރިކަމާއިބެހޭ ވުޒާރާ
ޑޮންފަންގުގެ އިސްވެރިންނާއި ބައްދަލުކުރުން، ފޮޓޯ: މަސްވެރިކަމާއިބެހޭ ވުޒާރާ

އަމާޒަކީ މަސް ޕްރޮސެސިންގް ޕްލާންޓުތަކުގެ މަސައްކަތް އަންނަ އަހަރުތެރޭ ނިންމުން : ޑޮންގްފަންގް ކުންފުނި

ރާއްޖޭގެ ތިން ރަށެއްގައި ގާއިމްކުރާ މަސް ޕްރޮސެސިންގް ޕްލާންޓުތަކުގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ނިންމާނެކަމުގެ ޔަޤީންކަން މި ޕްރޮޖެކްޓު ހަވާލުކޮށްފައިވާ ޗައިނާ ކުންފުނިން ދީފިއެވެ.

މަސް ޕްރޮސެސިންގް ޕްލާންޓް ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ދ. މާދެލި، ގދ. ފިޔޯރީ އަދި ޅ. ފެލިވަރުގައެވެ.

ޕްރޮސެސިންގ ޕްލާންޓް ގާއިމްކުރުމަށް ޗައިނާގެ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކް ކޮމްޕެނީ އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި އެކު ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.

ޑޮންގްފަންގް އިލެކްޓްރިކް ކޮންޕެނީގެ އިސްވެރިންނާއި އެކު މިއަދު މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކޮންގްފަން އިލެކްޓްރިކްގެ ޗެއާމަން ލި ޖިއަންހުއާ އަދި އިސްވެރިންވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ވަޒީރު ޝިޔާމްވަނީ މަސް ޕްރޮސެސިންގ ޕްލާންޓުތައް ތިމާވެއްޓާއި ރައްޓެހި، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޮޕަރޭޓުކުރާ ތަންތަންނަށް ހަދާދިނުމަށް އެދިވަޑައިގެންފައެވެ. އަދި މިއާއެކު ރާއްޖޭގައި ޕްރޮސެސްކުރާ މަހަކީ ދުނިޔޭގެ އެންމެ ތިމާވެއްޓާއި ރައްޓެހިގޮތަށް ތައްޔާރުކުރާ މަހަށް ވެގެންދާނެ ކަމަށް ވަޒީރު ޝިޔާމު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޗެއާމަން ލި ޖިއާހުއާވަނީ މި މަޝްރޫޢު އަވަހަށް ނިންމުމަށް ކުންފުނިން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ފަހުކޮޅު މަޝްރޫޢު ނިންމާލުންކަމަށް ޗެއަރމަން ވިދާޅުވިއެވެ.

ޕްރޮސެސިންގް ޕްލާންޓްގެ ތެރެއިން، މާދެލީގައި މަސައްކަތް ރޭވިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި މަސްވެރި އުޅަނދުފަހަރާއި މަސްކިރާ އުޅަނދުފަހަރާއި މަސް ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ ކެރިއަރ ބޯޓު ގާތްކުރެވޭ ގޮތަށް ބަނދަރު ހެދުމާއި މަސްގަނެ ފިނިކުރެވޭނެ ފެސިލިޓީތަކާއި އަދި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނަ ފިޔަވަހީގައި ދުވާލަކު 50 ޓަނު ދަޅުގައި މަސް ބަންދުކުރާ ކޭނަރީއެއް ގާއިމު ކުރަން ހަމަޖެހިފައި ވެއެވެ. ފިޝަރީޒް މިނިސްޓަރީން ލަފާކުރާ ގޮތުގައި މިޕްރޮޖެކްޓަށް 100 މިލިއަން ޑޮލަރު ހަރަދުވާނެއެވެ.

ގދ. ފިޔޯރީގައި މަސްގަނެ ފިނިކުރެވޭނެ ފެސިލިޓީތަކާއި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކު ދުވާލަކު 100 ޓަނުގެ ދަޅުގައި މަސް ބަންދުކުރާ ކޭނަރީއަކާއި، ފިޝްމީލް ޕްލާންޓަކާއި އަދި ރިހާކުރު ފެކްޓަރީއެއް ގާއިމު ކުރެވިގެން ދާނެއެވެ.

މި މަޝްރޫއުއއަށް 60 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.

އޭގެ އިތުރުން ފެލިވަރުގައި ދުވާލަކު 100 ޓަނުގެ ދަޅުގައި މަސް ބަންދުކުރާ ކޭނަރީއެއް ގާއިމު ކުރަން ނިންމާފައި ވާއިރު، ލަފާކުރެވޭ ގޮތުގައި މިޕްރޮޖެކްޓަށް 25 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިޕްރޮޖެކްޓްތައް ނިމުމުން ދިވެހިރާއްޖޭގައި 81 ހާސް ޓަނުގެ މަސް ދަޅުގައާއި ޕައުޗްގައި ބަންދުކުރެވޭނެ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖެއަށް މަހާއި މަހުގެ އުފެއްދުންތަކުން ކުރެވޭ ވިޔަފާރިތަކުން، އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ފުރަތަމަ ފިޔަވަޅަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.