މަސްވެރިކަމާއި ގުޅޭ

ދިރޭކުދިމަހުގެ މަސްވެރިކަން ކުރާ ސަރަޙައްދުތައް

ދިރޭކުދިމަހުގެ މަސްވެރިކަމަކީ އެކްސްޕޯޓު ކުރުމަށް ކުރާ މަސްވެރިކަމަކަށް ވެފައި، ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް އެއިރު ހުރި ހަމައެކަނި އަތޮޅަކީ ކ.އަތޮޅަށް ވުމާއެކު، 1980 ގެ އަހަރުތަކުގެ ކުރީކޮޅު، ދިރޭކުދިމަހުގެ މަސްވެރިކަން މައިގަނޑު ގޮތެއްގައި ކުރަމުން ގޮސްފައިވަނީ، ކ. އަތޮޅުގައެވެ.

އެހެންނަމަވެސް، އަތޮޅުތަކުގެ މެދުގައި ދަތުރުފަތުރުކުރުމުގެ ނިޒާމަށް އައި ތަރައްޤީއާ ގުޅިގެން މި ބާވަތުގެ މަސްވެރިކަން 2004 ވަނަ އަހަރާ ހަމައަށް އައިއިރު ބ.އަތޮޅަށް ފުޅާވެ އަދި 2008 ވަނަ އަހަރާ ހަމައަށް އައިއިރު ހުވަދު އަތޮޅަށްވެސް ފުޅާވެގެންގޮސްފައިވެއެވެ.

މީގެ އިތުރުން 2012 ވަނަ އަހަރު ކުރިއަށް ގެންދެވުނު ”ޑާވިން ރީފް ފިޝް ޕްރޮޖެކްޓް“ ގައި ފަޅުތަކާއި ފަރުތަކާއި، އެތަންތަނުގެ ދިރުންތަކުގެ ބޭނުން ހިފޭ މިންވަރު ދެނެގަތުމަށް (ރިސޯސް ޔޫސް މެޕް ކުރުމަށް) ކުރެވުނު ދިރާސާތަކުން ދެއްކި ގޮތުގައި، 4 އަތޮޅުގެ އިތުރުން، ފ.އަތޮޅުގައި ވެސް ދިރޭކުދިމަހުގެ މަސްވެރިކަން ކުރަމުންދިޔައެވެ.އަދި 2016 ވަނަ އަހަރު ދިރޭކުދިމަހުގެ މަސްވެރިކަންކުރާ ފަރާތްތަކާ އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކާއި ކުރެވުނު މުޢާމަލާތްތަކުން މި ބާވަތުގެ މަސްވެރިކަން ލ.އަތޮޅާއި، އައްޑު އަތޮޅާއި، ބ.އަތޮޅާއި، ރ.އަތޮޅާއި، ހއ.އަތޮޅު އަދި ހދ.އަތޮޅުގައި ވެސް ކުރިއަށްގެންދާކަން ހާމަވެގެންގޮސްފައިވެއެވެ. އެހެންނަމަވެސް މި އަތޮޅުތަކުގައި އެކަން ކުރެވެމުންދަނީ ކިހާ މިންވަރަކަށްކަން އަދި އަންދާޒާކުރެވިފައެއް ނުވެއެވެ.

ދިރޭކުދިމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ ވަރުގެ ސަރަޙައްދު އަންދާޒާކުރުމަށް ގިނަގުނަ ދިރާސާތަކެއް ކޮށްފައިވެއެވެ. މިގޮތުން، މި ދިރާސާތަކުން ދައްކާގޮތުގައި އެންމެ ފުރަތަމަ މި މަސްވެރިކަން ފެށިގެން އައި އިރު ބޭނުންކޮށްފައި ވަނީ ރާއްޖޭގެ ފަރުގެ ސަރަޙައްދުގެ 250 ހެކްޓަރެވެ. އަދި 2014 ވަނަ އަހަރު ކުރެވުނު ދިރާސާއިން ދައްކާގޮތުގައި މަސްވެރިކަމުގައި ބޭނުންކުރާ ފަރުގެ ސަރަޙައްދު ވިހި ގުނަ އިތުރުވެ، 5000 ހެކްޓަރު މި މަސްވެރިކަމުގައި ބޭނުންކުރިއެވެ. މި އަންދާޒާ ކުރުމުގައި މުޅި ރާއްޖޭގެ ޖުމުލަ ފަރުގެ ސަރަޙައްދު ދެނެގަތުމަށް ކުރެވުނު ދިރާސާއަކުން ލިބިފައިވާ މަޢުލޫމާތު ބޭނުންކޮށްފައިވެއެވެ. މަސްވެރިކަމުގައި ބޭނުންކުރާ ވަރުގެ ސަރަޙައްދު ދެނެގަތުމަށް ކޮށްފައިވާ ދިރާސާތަކުގެ ޚުލާޞާއެއް ތާވަލު 2 ގައި ބަޔާންކޮށްފައި އެވަނީއެވެ.

މަސްދަރު: ދިވެހިރާއްޖޭގެ ދިރޭކުދިމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!