މަސްވެރިކަމާއި ގުޅޭ

ފަރުމަހަށް ދަންތަ؟

ފަރުމަހުގެ ވެއްޓާއިމެދު ވިސްނައިލާއިރު މުހިންމު އެއްކަމަކީ މަސް އުޅޭ ފެންވަރެވެ.

ބައެއްބާވަތުގެ މަހަކީ ވަރަށް ތިލަފަށުގައި އުޅޭ މަހެވެ. އަނެއްބައި މަހަކީ އެއަށްވުރެ ފުނުގައިއުޅޭ މަހެވެ. މިހެންގޮސް އަޑީގެ ބިމާއިހަމާގައި އުޅޭމަހާއި، ބިމުގައި ބަނޑުޖަހައިގެން އުޅޭ ބާވަތްތަކާއި އަދި ބިމުގައި ޅުލެވިގެން އުޅޭ އެތަކެއް ބާވަތުގެ މަސްވެސް ހިމެނެއެވެ.

އަދިހަމަ މިއާއިއެކު ފާހަގަވާ އަނެއްކަމަކީ، ބައެއް ބާވަތްތަކުގެ މަހަކީ އެތެރެވަރިތަކާއި ފަރުތަކުގެ މާޙައުލުތަކުގައި އުޅޭ އެއްޗިއްސައްވާއިރު، އަނެއްބާވަތްތަކަކީ އެތެރެވަރިތަކާއި ބޭރުމަތި އަދި މާކަނޑުތަކުގައިވެސް އުޅޭ ބާވަތްތައްކަމެވެ. ހަމައެހެންމެ ބައެއް ބާވަތުގެ މަހަކީ ހަމައެކަނި މާކަނޑުތަކުގައި އުޅޭ ތަކެއްޗެވެ.

މަސްބޭނުމަށް ނުވަތަ މަސްވެރިކަންކުރުމަށް ނިކުންނަ މަސްވެރިންނަށް، އެމީހުން މަސްވެރިކަން ކުރާ ތަނެއްގެ ވެއްޓައިބެހޭ އެކަށޭނަ މަޢުލޫމާތު ލިބިހުރިނަމަ، ފައިދާބޮޑު ގޮތެއްގައި އެ މަސްވެރިކަމެއް ކުރެވޭނެއެވެ. ކުރީގެ ބައެއްގައި އިޝާރާތް ކުރެވިފައިވާފަދައިން މިއަދު ކުރާ ފަރުމަސްވެރިކަމަކީވެސް ކުރީގެ ދުވަސްވަރާއި ތަފާތުކޮށް، ގިނަފަހަރަށް ވަކިއަމާޒެއް އޮވެގެން ކުރާ މަސައްކަތެކެވެ.

މިގޮތުން މިސާލަކަށް މަސްބޭނުންވާ މާރކެޓަކަށް މަސްހޯދާ ވަކިބާވަތެއްގެ ބަޔަކު ކުރާ މަސްވެރިކަމެއްގައި ބޮޑަށް ބޭނުންވާނީ އެބާވަތްތަކެވެ. އެހެނިހެން ބާވަތް ބޭނިއްޖެނަމަ ލިބޭނެކަމަށް ވިއްކާލުމުގައި ދަތިތަކެއް ހުރެފައި، އާމްދަނީއެއް ނުލިބޭނެއެވެ. މިފަދަ އެތައް ސަބަބަކަށްޓަކައި މޫސުމާއި އެތަނެއްގެ ވެށީގެ ވީހައިވެސް ގިނަ މަޢުލޫމާތެއް އެނގިގެން ތިބުމަކީ މަސައްކަތުގައި ކާމިޔާބުވުމަށް ވަރަށްވެސް ބޭނުން ބޮޑު ކަމެކެވެ.

މިރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި މިފަދަކަމަކަށް އަމާޒުކޮށްގެން އެއްވެސް ސަރވޭއެއް ހެދި، ދިރާސާތަކެއް ކުރެވި ހާމަކުރެވިފައެއް ނެތެވެ. ނަމަވެސް ގިނަ ސަރަޙައްދުތަކަކީ އެ ހިސާބެއްގައި އުޅޭ މީހުން އަދި ޚާއްޞަކޮށް މަސްވެރިންގެތެރެއިން ބަޔަކު، އެތަންތަނުގެ ޚަބަރު ދަންނަ ތަންތަނެވެ. އެކިމީހުންނަށް އެތަނެއް އެނގޭވަރާއި ލިބިހުރި ތަޖުރިބާ ތަފާތުވެދާނެއެވެ. އަދި އެކަންކަން ދަންނަމީހުން އަނެކުންނަށް މަޢުލޫމާތު ހާމަކުރާ މިންވަރުވެސް އެކިވަރު ވާނެއެވެ.

މިގޮތުން ބަލާއިރު މިހާރު ތިބި ޢުމުރުން ދުވަސްވީ ބައެއް މުސްކުޅިންނާއި އަދި އޭގެކުރީގައި އެތައް ސަބަބަކަށްޓަކައި މޫސުމާއި އެތަނެއްގެ ވެށީގެ އުޅެ ގޮސްފައިވާ މީހުންގެ ތެރެއިން ގިނަބަޔަކީ އެމީހަކަށް އެނގިހުރި އެއްޗެއް ހިފަހައްޓައިގެންހުރެ، އެހެން އެއްވެސްމީހަކަށް ތިމާއަށް އެނގިހުރި އެއްޗަކުން މިންވަރެއްވެސް ނުދީ، އެމަޢުލޫމާތަކާއި ތިމާއާއިއެކު ނިމިގެންދާ މީހުންނެވެ. މިފަދަ މަޢުލޫމަތު އެއްކޮށް، ލިޔެ ރިކޯޑް ކުރެވެމުންދާނަމަ، އެ މައުލޫމާތުތަކަކީ ފަހަތުންއަންނަ ޖީލުތަކުގެ މަސްތވެރިންނަށް ވަރަށްވެސް އަގުބޮޑު ހަދިޔާއަކަށް ވާނެއެވެ.

އަސްދަނޑި: މަސްވެރިންގެ ނޫސް / - ކަނޑުވައި މުޙަންމަދު މަނިކު -
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.