ހދ. ވައިކަރަދޫ ފަޅުން މުށިމަސް މަރުވުމުގެ މައްސަލަ މި އަހަރުވެސް ފެންމަތިވެ، މިއަދު އެކަނިވެސް ލޯޑަރު 10 ދަތްގަނޑުގެ މަސް ނަގައި ވަޅުލައިފިއެވެ.
"މަސްވެރިން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ނައިބުރައީސް މުހައްމަދު ނުހާމް ވިދާޅުވީ، މިއީ މީގެ ކުރީގައިވެސް ވައިކަރަދޫގައި ދިމާވާ ކަމެއް ކަމަށެވެ.
މިދިޔަ ދެ އަހަރުގެ ހޫނު މޫސުމުގައި މުށިމަސް އައިން އެރަށު ފަޅަށް ވަދެފައި ނުވާތީ، މިހާދިސާ ދިމާ ނުވާތާ ދެ އަހަރު ވީ ނަމަވެސް، އޭގެ ކުރިން ކޮންމެ އަހަރަކުވެސް ވައިކަރަދޫ ފަޅުން މަސް މަރުވެ ކުނި ވުމުގެ ހާދިސާ ދިމާވެއެވެ.
ނުހާމް ވިދާޅުވީ، އިއްޔެ އިރުއޮއްސުނުއިރު، މަސްތައް ފެންމައްޗަށް އަރައިގެން ކޮޅުކޮޅަށް ދުވަން ފެށުމުން، މިފަދަ ކަމެއް ހިނގަން އުޅޭކަމަށް ރަށުގެ ރައްޔިތުންނަށް ލަފާކުރެވިގެން ގިނަ އަދަދެއްގެ މަސް ހިފާފައިވާ ކަމަށެވެ.
ރަށުގެ ރައްޔިތުން ކަހަލަ ގޮތަކަށް ނުކުމެ ރޭގައި ވަރަށް ބައިވަރު މަސް ހިފި ކަމަށާއި، ބައެއް ގޭގެއަށް1000 މަސްވެސް ގެންދިޔަ ކަމަށް ނުހާމް ވިދާޅުވިއެވެ. އެހެންކަމުން ކުނިވެގެންް މައްޗަށް އަރާފައި ވަނީ ނުހިފިހުރި މަސްތައް ކަމަށް ނުހާމް ވިދާޅުވިއެވެ.
ކުނިވި މަސްތައް މިއަދު ނަގާ ނިންމި ނަމަވެސް މިހާރު އަނެއްކާވެސް މަސް މަރުވެ، މުޅި ބަނދަރުން ކުނިވަސް ދުވާކަމަށް ނުހާމް ވިދާޅުވިއެވެ. އަދި މިހާރު ހުރި މަސްތަކުން ލޯޑަރުގެ15 ދަތްގަނޑު މަސް ނެގޭނެ ކަމަށް ނުހާމް ވިދާޅުވެއެވެ.
ވައިކަރަދޫ ބަނދަރު އެންމެ ފުރަތަމަ ހަދާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކަމަށްވީ ނަމަވެސް އޭޣެ ފަހުން ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބަނދަރު ހެދިއިރު ހިލަ ޖަހައި އެއްކޮށް ބައްދާފައި ވާތީ، މި މައްސަލަ ދިމާވަނީ ކަމަށް ނުހާމް ވިދާޅުވިއެވެ.
މީގެ އިތުރުން ނުހާމް ވިދާޅުވީ، މިކަން ހައްލު ކުރުމަށް މިހާރު ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.