މަސްވެރިކަމާއި ގުޅޭ

_DSC4941

ކަނޑަށް މަސް އުކާ މަންޒަރު މީސްމީޑިޔާގައި ފެތުރުން އެންމެ ރަނގަޅު ހެއްޔެވެ؟

މި ދުވަސްވަރަކީ އަބަދުވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މަސްވެރިކަން ރަގަޅު ދުވަސްވަރެކެވެ. ވަކިން ޚާއްސަކޮށް ކަނޑުމަހުގެ މަސްވެރިކަން ވަރަށް ތިޔާގި ދުވަސްވަރެކެވެ. މަދު އެންކޮޅެއް ހިފައިގެން މާކަނޑަށް ނުކުތަސް ނުވަތަ މަދު ފަޅުވެރިންނާއި އެކު މަހަށް ދިޔަޔަސް، މަސްކަނޑުން ދިމާވާ ދަހި މަސް އައިންތަކުން އޮޑިފުރާލެވޭ ވަރަށް މަސްބޭނެއެވެ. މި ހަފްތާގެ ހޮނިހިރު ދުވަހު ހއ. އިހަވަންދޫ މާހޯރަ 4 ދޯނީގެ 6 ފަޅުވެރިން ދޮށި އަޅައިގެން 17 ޓަނު މަސް ބޭނުމަކީ އެއް މިސާލެވެ.

ހިތާމައަކީ މަސްވެރިން ބާނާ މަސް ކިރުމުގައި ދިމާވާ ގޮންޖެހުންތައް ގިނަ ކަމެވެ. އައިސް ލިބުމުގެ ދަތިތަކާއި މަސްކިރުމުގައި ދިމާވާ ގޮންޖެހުންތަކެވެ. ގިނައިން މަސްބާނާ ދުވަހެއްގައި މަސްކިރަން ކިއުގައި ގިނައިރު އޮންނަންޖެހޭ ޖެހުމެވެ. ބޭނި މަސްކޮޅު ކިރާފަ އޭގެ އަނެއްދުވަހު މަހަށްނުދެވޭ ކިތައްމެ ދުވަހަކާއި މަސްވެރިން ކުރިމަތިލައެވެ. އެކަށީގެންވާ ވަރަށް އައިސް ނުލިބި ގިނަ ދުވަސްވުމުން، ބާނާ ހުރިހާމަހެއް ތާޒާކޮށް ގެންގުޅުމަކީ އުނދަގޫ ކަމެއްކަމަށް މަސްވެރިން ބުނެއެވެ.

ބައެއް ދޯނިތަކުގައި މަސް ފިނިކޮށްގެން ގެންގުޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަދި ބައެއް ދޯނިތައް ފަރުމާކޮށްފައި ހުންނަނީ އެއްފަހަރާ ބައިވަރު މަސް ފިނިކޮށްގެން ރައްކާކުރެވޭ ގޮތަކަށް ނޫނެވެ. އެހެންކަމުން، ގިނައިން މަސްބާނަން ފުރުސަތު ލިބޭދުވަހު، މަސް ނުކިރި ކިއުގައި ގިނަވަގުތު އޮންނަން ޖެހިއްޖެނަމަ މަސްތައް ހަލާކުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ފާއިތުވި ދެދުވަހު ހަލާކުވެފައިވާ މަސްތައް ކަނޑަށްއަޅާ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ. އަދި އެކި މީސްމީހުންނާއި ޕޭޖުތަކުން އެ ވީޑިއޯތައް ހިއްސާކުރަމުން އެބަގެންދެއެވެ. ވީޑިއޯ ޕޯސްޓް ކުރަމުން ލިޔެފައިވަނީ "ސަރުކާރުގެ ދޯހަޅިކަން ފެނިގެން މިދަނީ. ޝުކުރިއްޔާ"އެވެ.

ގިނައިން މަސްބާނާ މޫސުމެއްގައި، މަސް ނުކިރި، ކުނިވެފައިވާ މަސްތައް ކަނޑަށް އަޅާ މަންޒަރު މީގެ ކުރިންވެސް މީޑިއާގައި ދައުރުވެފައި އެބަހުއްޓެވެ. މިފަދަ ވީޑިއޯތައް ބަލާ، ހިޔާލު ފާޅުކޮށް އެހެން މީޑީއާތަކުގައި އެ ވީޑިއޯތައް ހިއްސާކުރަނީ ހަމަ އެކަނި ދިވެހިންނެއް ނޫނެވެ. ދިވެހި މަސްވެރިކަމުގެ މައުލޫމާތު ގެނެސްދޭ އެކި މީސްމީޑިއާތައް ބަލާ، ފޮޓޯ/ވީޑިއޯ ހިއްސާ ކުރުާ ބޭރުގެ ފަރާތްތައްވެސް ވަރަށް ގިނައެވެ.

ދިވެހި މަސްވެރިން ކުރާ ދެމެހެއްޓެނިވި އަދި ތިމާވެއްޓާއި ރައްޓެހި މަސްވެރިކަމަކީ ބޭރުގެ ބާޒާރުތަކުގައި ދިވެހި މަސް މަޝްހޫރުވާ އެންމެ މުހިންމު ސަބަބެވެ. "އެކަތިން އެކަތިން" ކަނޑުމަސް ބާނާ "ޗެމްޕިއަނުން"ނަކީ ދިވެހި މަސްވެރިންކަން ބޭރުގެ ބާޒާރުތަކުގައި އިސްތިހާރުކުރެއެވެ. ތިމާވެއްޓަށް ގެއްލުންނުދީ ދިވެހިން ބާނާ މަހަށް މާކެޓްތަކުގައި ރަގަޅު އަގު ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކުރެވެއެވެ. އެހެންކަމުން ދިވެހި މަސްވެރިން ބާނާ މަސްތައް ކަނޑަށް އުކާލާ މަންޒަރު ދިވެހިން މީސް މީޑިއާ މެދުވެރުކޮށް ހިއްސާކުރުމަކީ އެންމެ ރަގަޅު ގޮތްތޯ ވިސްނަން ޖެހެއެވެ. އެގޮތަށް މަސްވެރިން ހިއްސާ ކުރާ ވީޑިއޯ ތަކުން ދިވެހި މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާކަމެއްކަމަށް މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

ދިވެހިން ބާނާ ކަނޑުމަހުގެ ބޮޑުބައެއް ވިއްކަނީ ބޭރުގެ ބާޒާރުތަކަށެވެ. އެހެންކަމުން، މަސްވެރިން ބާނާ މަސް ކަނޑަށް އަޅާ މަންޒަރު ދައްކުވައިދޭ ވީޑީއޯތައް ބޭރުގެ ފަރާތްތަކަށް ދެއްކުމަކީ ޒިންމާދާރު ގޮތެއްތޯ ސުވާލުކުރަން ޖެހެއެވެ.

މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްނުދެވޭނަމަ، މަސްވެރިން އަޑު އުފުލަންވީއެވެ. އަދި ކަމާއިބެހޭ އިދާރާތަކުން މަސްވެރިންގެ ޝަކުވާތަށް އަޑުއަހާ އެ ޝަކުވާތަކަށް އެދެވިގެންވާ ހައްލު ހޯދުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަންވީއެވެ. ސަރުކާރަށް މަސްވެރިންގެ އަޑު ނީވޭނަމަ، މުޒާހަރާކޮށް އަޑުއިއްވަން ވީއެވެ. ނަމަވެސް، ދިވެހި މަސްވެރިކަމާއި ދިވެހި މަސްވެރިންގެ ނަން ބޭރުގެ ބާޒާރު ތަކުގައި ކިލަނބުނުވާނެ ފަދަ ގޮތަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ކިހާ ޗެމްޕިއަން؟ މަސް ކިލޯ އެއް ޑޮލަރު

Comments are closed.