މަސްވެރިކަމާއި ގުޅޭ

ފަރުމަހުގެ މަސްވެރިކަމަށް ނަޒަރެއް

ފަރުމަހުގެ މަސްވެރިކަމުގެ އަޖުމަބެލުމުގެ ގޮތުން 1980 ގެ އަހަރުތަކުގައި ކުރެވުނު ދިރާސާތަކުން ދެއްކި ގޮތުގައި ކަނޑުމަހުގެ މަސްވެރިކަމާ ޚިލާފަށް ފަރުމަހުގެ މަސްވެރިކަމަކީ ދިވެހިން އެހާ ފުޅާ ދާއިރާއެއްގައި ކުރަމުން އައި މަސްވެރިކަމެއް ނޫނެވެ.

އަދި ފަރުމަހުގެ ބާވަތްތަކަކީ ދިވެހިންގެ ސުފުރާ މަތިންވެސް ކުރީގައި އެހާ ގިނައިން ފެނުނު ބާވަތްތަކެއް ނޫނެވެ. އެހެން ނަމަވެސް، ނަވާރަ ސަތޭކައިގެ އަހަރުތަކުގެ ފަހުކޮޅުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެގެން ދިޔުމާއެކު، ފަރުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސް ވިއްކުމަށް އިތުރު ބާޒާރެއް ހުޅުވި، ފަރުމަހުގެ މަސްވެރިކަން އިތުރަށް ކުރިއަރައިގެން ދިޔައެވެ. މީގެއިތުރުން، ދިވެހިންގެ ކެއުމުގެ ތެރޭގައިވެސް ފަރުމަހުގެ ބާވަތްތައް ބޭނުންކުރާ މިންވަރު އިތުރުވެގެން ދިޔައެވެ.

2014 ގައި ޝާއިޢުކޮށްފައިވާ ފަރުމަހުގެ މަސްވެރިކަމުގެ ރިވިއު ތައްޔާރުކުރުމަށް ކޮށްފައިވާ ސާވޭއިން ދައްކާގޮތުގައި ހަފްތާއަކު ގޭބިސީއަކަށް ގާތްގަނޑަކަށް 1 އާއި 5 އާ ދެމެދުގެ އަދަދަކަށް ފަރުމަސް ކެއުމުގެގޮތުގައި ބޭނުންކުރެއެވެ. މީގެ އިތުރުން، ފަރުމަހުގެ ބާވަތްތަކަށް އޮތް އެކްސްޕޯޓު މާކެޓް ވެސް ވަނީ ފުޅާވެފައެވެ. އެހެން ނަމަވެސް، މިބާވަތްތައް އަދިވެސް ބޮޑަށް ވިއްކަމުންދަނީ ރިސޯޓުތަކަށާއި ރާއްޖޭގެ ލޯކަލް މާރކެޓްތަކަށެވެ.

އާންމު ގޮތެއްގައި ފަރުމަހުގެ މަސްދަތުރުތަގުގައި ހޭދަވަނީ އެންމެ ދުވަހެކެވެ. އެހެން ނަމަވެސް، ބައެއް ފަހަރު ފަރުމަހުގެ މަސްވެރިކަމަށް ކުރާ ދަތުރުތައް ދެތިން ދުވަހަށްވެސް ދެމިގެންދެއެވެ. ފަރުމަހުގެ މަސްވެރިކަމާ ބެހޭ މަޢުލޫމާތު ރިޕޯޓްކުރުމުގެ އިންތިޒާމު އެންމެ ފުރިހަމަގޮތުގައި ހަމަޖެހިފައި ނެތުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ފަރުމަހުގެ މަސްވެރިކަން ކުރެވޭ މިންވަރު އަންދާޒާކުރަން ދައްޗެވެ. އެހެން ނަމަވެސް، މިނިސްޓްރީގެ ފަރާތުން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ކުރި ސާވޭތަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގައި ފަރުމަހުގެ މަސްވެރިކަމުގައި ގާތްގަނޑަކަށް 1400 އުޅަނދާއި 5000 މަސްވެރިން ޙަރަކާތްތެރިވެއެވެ. މީގެތެރެއިން އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކުރާ މަސައްކަތެއްގެ ގޮތުގައި ފަރުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އާމްދަނީ ހޯދަންކުރާ ދެވަނަ މަސައްކަތެއްގެ ގޮތުގައި މި މަސްވެރިކަމުގައި އުޅެނީ ނިސްބަތުން ކިހާ މަސްވެރިންނެއްކަން ދެނެގަންނަން ދައްޗެވެ.

ފަރުމަހުގެ މަސްވެރިކަމުގައި އަހަރެއްގެ މައްޗަށް ބާނާ މިންވަރަށް ބަލައިލާއިރު، 2014 ވަނަ އަހަރު ކޮށްފައިވާ ފަރުމަހުގެ މަސްވެރިކަމުގެ ރިވިއުއިން ދައްކާގޮތުގައި، ގާތްގަނޑަކަށް 18,000 ޓަނާއި 23,400 ޓަނާ ދެމެދުގެ ފަރުމަސް މި މަސްވެރިކަމުގައި ބާނައެވެ. ނަމަވެސް، މި ރިވިއު ތައްޔާރު ކުރިފަހުން ފަރުމަހުގެ މަސްވެރިކަން އިތުރަށް ފުޅާވެގެން ގޮސްފައިވާކަން ފާހަގަކުރަންޖެހެއެވެ.

މަސްދަރު: ދިވެހިރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!