މަސްވެރިކަމާއި ގުޅޭ

Kooddoo Jetty

ދުވާލަކު 5 ޓަނު މަސް ކިރާތީ މަސްވެރިން ނުރުހުން ފާޅުކުރަނީ

މަސްވެރިކަން ތިޔާގި ވުމާއެކު މަސްކިރުން ކޮންޓްރޯލް ކުރުމުން މަސްވެރިން ނުރުހުން ފާޅު ކުރަން ފަށައިފިއެވެ.

މަސް ގަންނަ މިންވަރު ކޮންޓްރޯލްކޮށް، ދޯންޏަކުން 5 ޓަނުގެ މަގުން މަސް ކިރާ ގޮތަށް މިފްކޯއިން ހަމަޖެއްސީ މިދިޔަ ހުކުރު ދުވަހުއެވެ. އޭގެ ކުރިންވެސް ގިނަ އަދަދަކަށް މަސް ބާނައިގެން ދޯނިތައް މަސްކިރަން ކިޔޫ ހަދައި، މަސް ކިރުން ލަސްވެގެން ވެސް ވަނީ މުޒާހަރާ ކޮށްފައެވެ.

އެންމެ ފަހުން މަސް ކިރޭ މިންވަރު ކޮންޓްރޯލް ކުރުމުން އެކަމުގެ ނުރުހުން ފާޅުކުރި މަސްވެރިން ފާހަގަ ކުރި ގޮތުގައި، މަސްވެރިކަމަކީ މޫސުމީ ކަމެއް ކަމަށް ވެފައި، މަސްވެރިކަން ތިޔާގިވާ މޫސުމުގައި މަސް ގަތުން ކޮންޓްރޯލް ކުރުމުން އެހީ މަސްވެރިންނަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

ބައެއް ދުވަސްވަރު މަސް ނުބޭނެވޭކަން ފާހަގަކޮށް މަސްވެރިއަކު ބުނީ، އެފަހަރުތަކު ހަރަދު ކެނޑުމުން ފައިދާ ނުވެ ގެއްލުން ވާކަމަށެވެ. ބަސްވެރިންގެ އުދާސްތައް މީސްމީޑިއާއަށް ބަންޑުން ކޮށްލާފައި ވާއިރު، މިފްކޯ ހިންގާތާ އެތައް އަހަރެއް ވީއިރުވެސް މަސްވެރިކަމުގެ މޫސުމަށް ތައްޔާރު ނުވެވޭ ކަން ފާހަގަކޮށް މަސްވެރިން ވަނީ މިފްކޯއަށް ފާޑުކިޔާފައެވެ.

"މި ސަރުކާރު ގެނައިން މަސްވެރިންނަށް ހަމަ އަގު ހޯދުމަށް. ލިބޭ އެތިކޮޅު ކޮންޓްރޯލް ކުރުމަކަށް ނޫން" ފޭސްބުކްގައި މަސްވެރިއަކު ލިޔެފައި ވެއެވެ.

ބޮޑު ޚަރަދުކޮށް ދޯނިފަހަރު ބަނދެގެން ތިރީހަކަށް ފަޅުވެރިންނާއި އެކު މަހަށް ގޮސް، ދުވާލަކަށް 5 ޓަނު މަސް ކިރުމަކީ ދެކޮޅުޖެހޭކަމެއް ނޫންކަމަށް މަސްވެރިން ބުނެއެވެ. މަސްވެރިންނަށް ރަގަޅު އާމްދަނީއެއް ލިބެން އޮންނަނީ އިރުވައި މޫސުމުގައި މަސްވެރިންކަން ރަގަޅު ދުވަސްވަރުގައި ކަމަށްވުމުން، ކޮންމެ އަހަރެއްގެ އިރުވައި މޫސުމާއި ދިމާކޮށް މަސްކިރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ނުދެވުމަކީ ސަރުކާރުތަކުން މަސްވެރިކަމާއި މަސްވެރިންނަށް އަޅާނުލާ ކަން ދައްކުވައިދޭކަމެއްކަން މަސްވެރިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!