މަސްވެރިކަމާއި ގުޅޭ

Koodoo

ކޫއްޑޫއަށް ބާރުބޮޑުވެ މަސްކިރުމުގައި ލަސްތަކެއް

ކޫއްޑޫއަށް ބާރުބޮޑުވެ މަސްކިރުމުގައި ލަސްތަކެއް ހުރުމާއެކު، މަސްވެރިން އެކަމުގެ ޝަކުވާ ކުރަން ފަށައިފިއެވެ.

ނަން ނުޖެހުމަށް ބުނެ މި ނޫހަށް މައުލޫމާތުދިން މަސްވެރިއަކު ބުނީ، މިއީ މަސްވެރިންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށެވެ. މަސް ކިރުން ލިމިޓު ކުރުމުގެ އަސްލު މަގުސަދަކަށް ވާންވާނީ މީގެ ކުރިން ލިމިޓެއް ނެތި މަސް ކިރަމުން ދިޔައިރު ދިމާވި ދަތިތައް ހައްލުކުރުން ކަން ފާހަގަކޮށް މަސްވެރިޔާ ބުނީ، ކަން ވަނީ ދިމާ އިދިކޮޅަށް ކަމަށެވެ.

ދޯންޏަކުން ފަސް ޓަނު މަސް ކިރާއިރުވެސް، މިއަދު  މަސްކިރަން ދޯންޏަށް އަރައިފިނަމަ ކިރޭނީ މާދަމާ މެންދުރު ކަމަށް މަސްވެރިޔާ ފާހަގަ ކުރިއެވެ.

"އަސްލު ކޫއްޑޫގަ ފަސް ޓަނު ކީއްކުރަން، ދޯންޏަކުން ތިން ޓަނު ނެގޭނެ ކެޕޭސިޓީއެއްވެސް ހަގީގަތުގަ ނެތް. މާނައަކީ ކޫއްޑޫގަ ވަސީލަތްތައް ހަލާކުވެގެން، ދުވަސްވެގެން ވަސީލަތްތައް ބޭނުން ނުކުރެވެނީ" މަސްވެރިޔާ ބުންޏެވެ.

މަސްވެރިޔާ ކިޔައިދިން ގޮތުގައި ކޫއްޑޫގައި އެކަށީގެންވާ ކެޕޭސިޓީއެއް ނެތެވެ.

"މިސާލަކަށް ބްރޭނަރުން މަސް ފިނިކޮށްފަ ނަގަން ބޭނުންކުރާ ކަރަންޓު މޯޓަރާ އެއްޗެހިވެސް އަބަދު ބަޑިޖަހާލަ ޖަހާލަ އެ ހުންނަނީ" ކޫއްޑޫގެ ހާލަތު ކިޔައިދެމުން މަސްވެރިޔާ ބުންޏެވެ.

މަސް ކިރުމަށް ދިމާވާ އެންމެ ބޮޑު އުނދަގުލަކީ މަސް ކިރަން ގޮސް އެތަނުގައި ތިބެންޖެހޭ ތިބުން ކަމަށް މަސްވެރިޔާ ބުންޏެވެ. މަސް ބާނައިގެން އައިސް ނުލިބިގެން އުޅެން ޖެހޭކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ކިޔުގައި ތިބުން އިންތިހާއަށް އުނދަގޫކަމަށް އޭނާ ބުންޏެވެ. އަދި ކިޔޫގައި ގިނައިރު ތިބެން ޖެހުނު ނަމަވެސް ކޫއްޑޫއިން އައިސް ނުލިބުމަކީ ދަތިކަމެއް ކަަމަށް މަސްވެރިޔާ ކިޔައިދިނެވެ.

1400 ރުފިޔާގެ އަައިސްކޮޅު ހޯދަން ދެތިން ފީފާ ޑީސަލް ހަރަދު ކުރަން ޖެހޭކަމަށް އޭނާ ބުންޏެވެ. އެއީ މަސައްކަތާ ނުބައްދަލު ހަރަދެއް ކަމަށް އޭނާ ބުންޏެވެ.

މަސްވެރިޔާ ބުނީ އެންމެ ބޮޑު މައްސަލައަކީ ތަން އަޕްގްރޭޑް ކުރެވިފައި ނެތުންކަމަށާއި ކޮންމެ ސަރުކާރަކުންވެސް މޮޅު ވާހަކަ ދެއްކި ނަމަވެސް ނަތީޖާ ނުނެރެވޭ ކަމަށެވެ. އަދި މަސްވެރިކަން ތިޔާގިވާ ދުވަސްވަރެއްގައި މަސް ކިރުން ކޮންޓްރޯލް ކުރުމުން އަސްލު ލިބެންވާ ނަފާ ނުލިބޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!