މަސްވެރިކަމާއި ގުޅޭ

ދިރޭ ކުދިމަސް މެނޭޖްކުރުމުގެ ފިޔަވަޅުތައް

ދިރޭކުދިމަހުގެ މަސްވެރިކަމަކީ ފަރުތަކުގެ ނާޒުކު މާޙައުލަށް ބަރޯސާވާ މަސްވެރިކަމެކެވެ. އަދި މިމަސްވެރިކަމުގެ ވަސީލަތްތަކަކީ ސްވެރިކަމުގެ ސަބަބުންނާއި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން އަދި މޫސުމީ ބަދަލުތަކާއި ދިމާވާ ޤުދުރަތީ ކާރިސާތައް ފަދަ ކަންކަމުގެ ސަބަބުން އާބާދީއަށް ނޭދެވޭ އަސަރުކުރާ ވަސީލަތްތަކެކެވެ.

އެހެންކަމުން، ވޭތުވެދިޔަ އަހަރުތަކުގައި މި މަސްވެރިކަން ފުޅާވެގެންގޮސްފައިވާ މިންވަރަށާއި، ދިރޭކުދިމަހުގެ މަސްވެރިކަންކުރާ ފަރާތްތަކާއި ޞިނާޢަތުގެ މަސްލަޙަތަށް ބަލައި، ކަމާގުޅޭ އެންމެހައި ފަރާތްތަކާއި މުސްތަޤުބަލުގެ ޖީލުތަކުގެ މަންފާއަށްޓަކައި، މި މުހިންމު ވަސީލަތް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަނެފައިވާ އުސޫލުތަކާއި ބެލެހެއްޓުމުގެ އަވަސް ފިޔަވަޅުތަކެއް އެކަށީގެންވާ ވަގުތުގައި ތަޢާރުފުކުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން، މި ޕްލޭންގައި ކަނޑައަޅައިފައިވާ އަމާޒުތަކާއި އިސްތިރާޖުތައް ހާސިލުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ތިރީގައި އެވަނީއެވެ.

1. ލަފާދޭ ކޮމިޓީއެއް އުފެއްދުން
ދިރޭކުދިމަހުގެ މަސްވެރިކަން ބެލެހެއްޓުމާއި، ދިރޭކުދިމަހުގެ މަސްވެރިކަމުގައި ހިފާ ބާވަތްތަކާ ގުޅޭ ދިރާސާތައް ކުރުމާއި، އެބާވަތްތަކުގެ އާބާދީ މެނޭޖްކުރުމާއި، ދިރޭކުދިމަހުގެ މަސްވެރިކަމުގެ ވިޔަފާރި ކުރުމާގުޅޭ ސިޔާސަތުތަކާއި ދިރޭކުދިމަހުގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީ ކުރުމާ ގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން އަދި މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި ލަފާދޭ ކޮމިޓީއެއް އުފެއްދޭނެއެވެ. އަދި ކޮމިޓީގެ ޖަލްސާތައް މަދުވެގެން އަހަރަކު ދެފަހަރު ބޭއްވޭނެއެވެ.
ކޮމިޓީ އެކުލަވައިލާނީ ތިރީގައިވާ މެންބަރުންގެ މައްޗަށެވެ.
(ހ) މުޤައްރިރު (މިނިސްޓްރީގެ ފިޝަރީޒް ޑިޕާޓްމަންޓް ތަމްސީލު ކުރާ މަންދޫބެއް)؛
(ށ) އެމް.އެމް.އާރް.އައި ތަމްސީލުކުރާ މަންދޫބެއް؛

(ނ) ދިރޭކުދިމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނާއި އެކްސްޕޯޓަރުން ތަމްސީލުކުރާ
3 މަންދޫބުން؛
(ރ) މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ތަމްސީލުކުރާ މަންދޫބެއް؛
(ބ) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ތަމްސީލުކުރާ މަންދޫބެއް؛
(ޅ) މޯލްޑިވްސް ކަސްޓަމްސް ސަރވިސް ތަމްސީލުކުރާ މަންދޫބެއް؛ އަދި
(އ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާއެއް ތަމްސީލުކުރާ މަންދޫބެއް

މީގެ ތެރެއިން އަންނަނިވި ފަރާތްތައް ކޮމިޓީއަށް ކުރިމަތިލުމުގެ ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވައިލައި މިނިސްޓްރީން އާންމުކޮށް އަންގައި އިޢުލާން ކުރެވޭނެއެވެ.
(ހ) ދިރޭކުދިމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނާއި އެކްސްޕޯޓަރުން ތަމްސީލުކުރާ މަންދޫބުން؛ އަދި
(ށ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާއެއް ތަމްސީލުކުރާ މަންދޫބު

ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނޭނެއެވެ.
(ހ) ދިރޭކުދިމަހުގެ މަސްވެރިކަމާގުޅޭ ފަންނީ އަދި އެހެނިހެން މަޢުލޫމާތު އެކުލެވޭ ރިޕޯޓުތައް މުޠާލިއާކުރުން؛
(ށ) ސަރަޙައްދީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގައި ދިރޭކުދިމަހުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ޤައުމީ ފެންވަރުގައި ތަންފީޛުކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން؛

(ނ) މި ޕްލޭން ތަންފީޛު ކުރެވޭ މިންވަރު ބެލުމާއި ޕްލޭން ތަންފީޛު ކުރެވޭ ގޮތުގެ ތަފުސީލު އަހަރަކު އެއްފަހަރު މިނިސްޓަރަށް އެރުވުން؛
(ރ) ދިރޭކުދިމަހުގެ މަސްވެރިކަމާގުޅޭ ފަންނީ ރިޕޯޓުތަކުންނާއި ކަމާ ގުޅޭ ފަރާތްތަކާއެކު ބޭއްވޭ މަސައްކަތު ބައްދަލުވުންތަކުން، އަދި މަޝްވަރާ ބައްދަލުވުންތަކުން ނެރެވޭ ނަތީޖާތަކާއި ހުށަހެޅުންތަކާ ގުޅިގެން، އަޅަންޖެހޭ މެނޭޖްކުރުމުގެ ފިޔަވަޅުތަކާބެހޭ ގޮތުން މިނިސްޓްރީއަށް ލަފާ ދިނުން؛ އަދި
(ބ) މި ޕްލޭން ތަންފީޛުކޮށް، މުޠާލިއާކޮށް މުރާޖަޢާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާދިނުން.

2. ލައިސަން ކުރުން

މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމުގައި ލައިސަންސްކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އިޤުތިޞާދީގޮތުން މަސްވެރިކަމުގެ ވަސީލަތްތަކަށް ބަރޯސާވާ ފަރާތްތައް ދެނެގަތުމާއި، މަސްވެރިކަމުގެ ތަފާސްހިސާބު އެއްކޮށް، ބެލެހެއްޓުމެވެ. އަދި މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީކުރުމަށާއި މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މަޢުލޫމާތު މިނިސްޓްރީއަށް ލިއްބައިދިނުމުގައި ލައިސަންސްގެ ނިޒާމު އިސް ދައުރެއް އަދާކުރެއެވެ.

މީގެ އިތުރުން މިފަދަ ލައިސަންސް ނިޒާމެއް ޤާއިމުކޮށް، މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް އެނިޒާމުގެ ތެރެއިން ރަސްމީކޮށް ރިކޯޑުކޮށް ބެލެހެއްޓުމަކީ މަސްވެރިންނާއި، މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކައުތެރިކޮށްދީ، އެފަރާތްތަކަށް ޙައްޤުވެގެންވާ އިޖުތިމާޢީ އަދި އިޤުތިޞާދީ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ. އަދި މިފަދަ ނިޒާމެއްގެ ތެރެއިން މަސްވެރިކަންކުރާ އުޅަނދުފަހަރާއި، އެއުޅަނދުފަހަރުގައި ހަރަކާތްތެރިވާ ކެޔޮޅުންނާއި ފަޅުވެރިންގެ މަޢުލޫމާތު އަދި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަނުގެ މަޢުލޫމާތު ބެލެހެއްޓުމަކީ ދިވެހިރާއްޖޭގައި ކުރެވޭ މަސްވެރިކަމަކީ އެކަށީގެންވާ ގޮތެއްގައި ރާވައި، ހިންގައި، ބަލަހައްޓަމުންގެންދާ މަސްވެރިކަމަކަށް ހެދުމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަ މަސްވެރިކަމަކަށްވުމަށް ވެސް މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމެކެވެ. މީގެ އިތުރުން މަ ސްވެރިކަމުގެ ތަރައްޤީގެ މަޝްރޫޢު ތައް ރޭވުމުގައިވެސް މިފަދަ ނިޒާމަކުން އެއްކުރެވޭ މަޢުލޫމާތުގެ ބޭނުން ކުރެވޭނެއެވެ.

މިގޮތުން، ދިރޭކުދިމަހުގެ މަސްވެރިކަމާއި ދިރޭކުދިމަހުގެ މަސްވެރިކަމުގެ ވިޔަފާރީގެ ހަރަކާތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި ލައިސަންސްކުރުމުގެ ނިޒާމު ދަށުން، ދިރޭކުދިމަހުގެ މަސްވެރިކަމުގައްޔާއި ދިރޭކުދިމަހުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ އަންނަނިވި ފަރާތްތައް ލައިސަންސްކުރެވޭނެއެވެ.
(ހ) ވިޔަފާރި ބޭނުމަށް ދިރޭކުދިމަހުގެ މަސްވެރިކަންކުރާ ހުރިހާ އުޅަނދުފަހަރު؛
(ށ) ދިރޭކުދިމަސް ގެންގުޅޭ އަދި ޕެކްކުރާ ހޯލްޑިންގ ފެސިލިޓީތައް؛

ލައިސަންސަށް އެދުމާއި، ދޫކުރުމާއި، އައުކުރުމާއި އަދި ބާޠިލުކުރުމުގައި ޢަމަލުކުރާނެ ގޮތާއި، ލައިސަންސްގެ މުއްދަތާއި ފީ އަދި ލައިސަންސް ލިބިފައިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ ގޮތް ދިރޭކުދިމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދުގައި ބަޔާންކުރެވޭނެއެވެ. މީގެ އިތުރުން، ދިރޭކުދިމަހުގެ މަސްވެރިކަންކުރުމަށް ލައިސަންސް ދޫކުރެވޭ އެންމެހައި އުޅަނދުފަހަރާއި އުޅަނދުފަހަރުގެ ކެޔޮޅުންނާއި ފަޅުވެރީންގެ މަޢުލޫމާތު ހިމެނޭ ދަފުތަރެއް މިނިސްޓްރީން އެކުލަވައިލައި، އަދާހަމަކޮށް ބެލެހެއްޓޭނެއެވެ.

3. މަޢުލޫމާތު އެއްކުރުމާއި ބެލެހެއްޓުން

މަސްވެރިކަމުގައި ހިފާ މަހުގެ އާބާދީއަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، އާބާދީގެ މިންވަރު ހިސާބުކޮށް، އެ މަސްވެރިކަމެއް ކުރެވެނީ އާބާދީއަށް ގެއްލުން ނުވާ، ދެމެހެއްޓެނިވި މިންވަރެއްގައިކަން ކަށަވަރުކުރުމަށްޓަކައި މަސްވެރިކަމުގައި ބާނާ ބާވަތްތަކާއި އެބާވަތްތައް ބާނާ މިންވަރާއި، އެ ބާވަތްތައް ހިފުމަށް ކުރެވުނު ހޭދަ (އެފަރޓް) އާ ގުޅޭ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމަކީ
މުހިންމު ކަމެކެވެ. މަސްވެރިކަމުގެ ތަފާސްހިސާބު ނެގުމުގައި އެ ންމެ މުހިންމު ދައުރެއް އަދާ ކުރަނީ މަސްވެރިކަމުގެ ލޮގްފޮތް  ނުވަތަ މަސް ރިޕޯޓެވެ. މަސް ރިޕޯޓަކީ މަސްވެރިކަމުގެ ކޮންމެ ދަތުރެއް ނިންމުމަށްފަހު އެ ދަތުރުގައި ހިފި ބާވަތްތަކާއި އެ ބާވަތްތައް ހިފުމަށް ކުރެވުނު ހޭދައިގެ (އެފަރޓް) މަޢުލޫމާތު، މަސްވެރިކަން ރާވައި، ހިންގައި، ބަލަހައްޓާ ފަރާތްތަކަށް ފޯރުކޮށްދޭ ނިޒާމެވެ. މީގެ އިތުރުން މަސްވެރިކަމުގައި ހޭދަ ކުރެވުނު ތެލުގެ މިންވަރު އަދި މަސް ބޭނި ސަރަޙައްދުތައް ފަދަ އިތުރު މަޢުލޫމާތުވެސް ލޮގްފޮތް މެދުވެރިކޮށް ނެގެއެވެ. މީގެ އިތުރުން، މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުންނާއި މިފަދަ އުފެއްދުންތަކުގެ ވިޔަފާރިއާ ގުޅޭ ގޮތުން ވެސް ތަފާތު މަޢުލޫމާތު އެއްކުރެވެއެވެ. މި ހުރިހައި މަޢުލޫމާތަކީވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށްޓަކައި އަދި މަސްވެރިކަމުގެ ނަފާ ދިގުމުއްދަތަކަށް ލިބިދިނުމަށްޓަކައި ، މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމަށް ބޭނުންކުރެވޭ މަޢުލޫމާތެވެ.

މިގޮތުން، ދިރޭކުދިމަހުގެ މަސްވެރިކަމާއި ދިރޭކުދިމަހުގެ މަސްވެރިކަމުގެ ވިޔަފާރީގެ މަޢުލޫމާތު އެއްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، އަންނަނިވި ފަރާތްތަކުން މަސްވެރިކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ފޮނުވުން ލާޒިމުކުރެވޭނެއެވެ.
• މި ޕްލޭންގައި ބަޔާންކޮށްފައިވާ ލައިސަންސް ލިބިގެން މަސްވެރިކަންކުރާ އުޅަނދުފަހަރުން މަސް ރިޕޯޓު ނުވަތަ ލޮގްފޮތުގެ މަޢުލޫމާތު ފޮނުވުން؛
• ދިރޭކުދިމަސް ގެންގުޅެ ބަންދުކުރާ ހޯލްޑިންގ ފެސިލިޓީތަކުން މަސް ގަތް ގޮތުގެ ތަފުސީލު (ޕަރޗޭސް ރިޕޯޓު) ފޮނުވުން؛ އަދި
• ދިރޭކުދިމަސް އެކްސްޕޯޓުކުރާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕަރޗޭސް ރިޕޯޓު) ފޮނުވުން.

4. ދިރޭކުދިމަސް އެކްސްޕޯޓުކުރެވޭނެ އެންމެ މަތީ މިންވަރުތަކެއް (ޓީ.އޭ.އީ) ކަނޑައެޅުން

ދިރޭކުދިމަހުގެ މަސްވެރިކަން އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް ތަޢާރުފުވި ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު މި މަސްވެރިކަން ހަލުއިކަމާއެކު ފުޅާވެ، މަސް ބޭރުކުރެވޭ މިންވަރުވެސްވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. އެހެންކަމުން، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކަށާއި، ދިރޭކުދިމަހުގެ މަސްވެރިންނާއި މަސްވެރިކަމުގެ ޞިނާޢަތުގެ މަސްލަޙަތަށް ބަލައި، ދިރޭކުދިމަހުގެ 368 ބާވަތެއް އެކްސްޕޯޓު ކުރެވޭނެ އެންމެ މަތީ މިންވަރުތަކެއް (ޓީ.އޭ.އީ) ކަނޑައެޅިގެންދާނެއެވެ. މީގެ ތެރޭގައި، ކުރީގެ ކޯޓާ ސިސްޓަމް ތެރޭގައި ނުހިމެނޭ ގިނަ ބާވަތްތަކެއް ވެސް ހިމެނިގެންދާނެއެވެ. އަދި 2014 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ދިރޭކުދިމަހުގެ މަސްވެރިކަމުގެ ރިވިއުގައި ހުށަހަޅާފައިވާ ޓީ.އޭ.އީ ގެ މިންވަރުތައްވެސް ހިމެނިގެންދާނެއެވެ. މި އަދަދުތައް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައި ވާނެއެވެ.

• އެ ބާވަތެއް ނެތި ހިނގައިދާނެކަމުގެ ބިރު އޮތް މިންވަރާއި، ދިރިއުޅޭ މާޙައުލުގެ ނާޒުކުކަން؛
• އެ ބާވަތެއްގެ ވިލުމުގެ ޤާބިލުކަން ހުރި މިންވަރު؛
• އެ ބާވަތެއްގެ އާބާދީގެ ކުޑަބޮޑުމިނާއި އާބާދީއަށް އަންނަ ބަދަލުތައް؛
• އެ ބާވަތް އުޅޭ ސަރަޙައްދުތައް؛
• މާޙައުލީ ނިޒާމަށް އެ ބާވަތުގެ މުހިންމުކަން؛
• ދިރޭކުދިމަހުގެ ބާޒާރުގައި އެ ބާވަތުގެ އަގު؛
• ބާޒާރުގައި އެބާވަތަކަށް އޮތް ޑިމާންޑް އަދި އެ ބާވަތް ހޯދުމަށް މަސައްކަތްކުރަންޖެހޭ މިންވަރު؛
• އެ ބާވަތެއް ޓޭންކްގައި ގެންގުޅުމަށް އެކަށީގެންވާ މިންވަރު؛ އަދި
• ދިވެހިރާއްޖޭގައި ކުރެވޭ އެހެނިހެން މަސްވެރިކަމަށް އެ ބާވަތުގެ މުހިންމުކަން.

5. ކެޗް ސެޓުފިކެޓު ދޫކުރުން 

ޤާނޫނާ ޚިލާފަށް ރިޕޯޓުކުރުމެއް، އަދި ބެލެހެއްޓުމެއް ނެތި ކުރާ (އިލީގަލް، އަންރެގިއުލޭޓަޑް އެންޑް އަންރިޕޯޓެޑް - އައި.ޔޫ.ޔޫ) މަސްވެރިކަން ހުއްޓުވުމަށާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ވިޔަފާރީގައި ބަދަލުކުރެވޭ މަހަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓިފައިވާ މަސްވެރިކަމަކުން ބާނައިފައިވާ މަސްކަން ކަށަވަރުކުރުމަށްޓަކައި ކެޗް ސެޓު ފިކެޓު ދޫކުރުމުގެ ނިޒާމެއް ޤާއިމުކުރުމަކީ މުހިންމު ފިޔަވަޅެކެވެ.މިގޮތުން މިނިސްޓްރީން ޤާއިމުކޮށްފައިވާ ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމު ފުޅާކޮށް، އެކްސްޕޯޓު ކުރެވޭ ކޮންމެ ދިރޭކުދިމަހުގެ ޝިޕްމަންޓަކާ އެކު މިނިސްޓްރީން ދޫކޮށްފައިވާ ކެޗް ސެޓުފިކެޓެއް އޮތުން ލާޒިމުކުރެވޭނެއެވެ. ކެޗް ސެޓުފިކެޓު ދޫކުރުމުގެ ނިޒާމު މެދުވެރިކޮށް އެކްސްޕޯޓުކުރާ ދިރޭކުދިމަސް ބާނައިފައިވާ އުޅަނދުގެ މަޢުލޫމާތާއި، މަސް ބޭނި ތާރީޚު އަދި މަސް ގެންގުޅުނު ހޯލްޑިންގ ފެސިލިޓީގެ މަޢުލޫމާތު އެއްކުރެވޭނެއެވެ. އަދި މި މަޢުލޫމާތުގެ އަލީގައި މަސް ބޭނީއްސުރެ ގަންނަ ފަރާތްތަކަށް ފޯރުކޮށްދެވެންދެން ކަޑައްތުކޮށްފައިވާ އެންމެހައި މަރުހަލާތައް، ދެނެގަތުމަށް (ޓްރޭސަބިލިޓީ ޔަޤީންކޮށް)މަގުފަހިވެގެންދާނެއެވެ.

6. ޕްރިކޯޝަނަރީ ފިޔަވަޅުތައް

ސައިންޓިފިކް ދިރާސާތަކުގެ އަލީގައި ހޯދައިފައިވާ ފުރިހަމަ މަޢުލޫމާތު ނެތް ހާލަތުގައި ނުވަތަ ވަކި ކަމެއް ޔަޤީންކުރެވިފައި ނެތް ހިނދުގައިވެސް، ފިޔަވަޅެއް ނާޅައި ދޫކޮށްލުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ރިޢާޔަތްކޮށް އަދި މޫސުމީ ބަދަލުގެ ސަބަބުން މާޙައުލީ ނިޒާމަށް ކުރާ ނޭދެވޭ އަސަރުތަކަށް ރިޢާޔަތްކޮށް، ޤު ދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ހަމަތަކުގެ ތެރެއިން ބެލެހެއްޓުމަށްޓަކައި ފިޔަވަޅު އެޅުމަކީ ގިނަ ސައިންސްވެރިންނާއި ޤުދުރަތީ ވަސީލަތްތައް މެނޭޖްކުރާ ފަރާތްތަކުން ބާރުއަޅާ ކަމެކެވެ. (ޔޫ.އެން.ސީ.އީ.ޑީ، 1992.) މިގޮތުން މި ޕްލޭންގެ މުއްދަތުގައި ދިރޭކުދިމަހުގެ ސްޓޮކް މެނޭޖްކުރުމަށް މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން އެހެނިހެން ފިޔަވަޅުތަކެއް އެޅުމަށް ފެނިއްޖެ ހާލަތުގައި އެފަދަ ފިޔަވަޅުތަކެއް އެޅުމަށް ނިންމިދާނެއެވެ. މީގެ ތެރޭގައި، އަންނަނިވި ފިޔަވަޅުތައް ހިމެނެއެވެ.
(ހ) ދިވެހިރާއްޖޭގެ ވަކި ސަރަޙައްދަކުން ދިރޭކުދިމަހުގެ މަސްވެރިކަންކުރުން މަނާކުރުން؛
(ށ) ދިރޭކުދިމަހުގެ ވަކި ބާވަތެއް ހިފުން، ނެގުން ނުވަތަ އެކްސްޕޯޓުކުރުން މަނާކުރުން؛
(ނ) ދިރޭކުދިމަހުގެ އިތުރު ބާވަތްތައް ހިފޭނެ އަދި އެކްސްޕޯޓު ކުރެވޭނެ އެންމެ މަތީ މިންވަރު (ޓީ.އޭ.ސީ އަދި ޓީ.އޭ.އީ) ކަނޑައެޅުމާއި، ކަނޑައަޅައިފައިވާ ޓީ.އޭ.އީ އަށް ބަދަލު ގެނައުން؛ އަދި
(ރ) ދިރޭކުދިމަހުގެ ބާވަތްތަކުގެ އާބާދީއަށް އަސަރުކޮށްފާނެ ހަރަކާތްތަކާގުޅޭގޮތުން އެހެނިހެން ފިޔަވަޅުތައް އެޅުން.

މަސްދަރު: ދިވެހިރާއްޖޭގެ ދިރޭކުދިމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!