މަސްވެރިކަމާއި ގުޅޭ

ކަނޑުމަސް ކާންވީ ކީއްވެ؟

ދިވެހިންނާއި މިސުވާލުކުރުމަކީ ސަމާސާއަކަށްވެސް ވެދާނެއެވެ.

އެއީ ދުނިޔޭގެ ގިނަ ޤައުމުތަކަށް ބަލާއިރު، ކަނޑުމަސް ކެއުމުގައި އެންމެ ގިނައިން ބޭނުންކުރާ ޤައުމުތަކުގެ ކުރީ ސަފުގައި ދިވެހިން އަބދުވެސް ހިމެނިގެންދާތީއެވެ. ދިވެހިން ކަނޑުމަސް ކާން ފެށީ ކޮންމެހެން، ކަނޑުމަސް ކެއުމުން ލިބޭ ފައިދާތައް މާބޮޑަށް އެގިގެންނޫންކަމުގައި ދެންނެވިދާނެއެވެ. އެންމެ ފަސޭހައިން އެދުވަސްވަރު ލިބެންހުންނަ ލައިގެންކާއެއްޗެއް ގޮތުގައި ކަނޑުމަސް ހިމެނިފައިވާތީއެވެ. ކަނޑުމަހުގެ ބާވަތެއް ކާމޭޒުމަތީ އިންސާފުކޮށްލުމަށް ނެތިއްޔާ އެއީ ވަރަށް ދެރަކަމެއް އަދި ސުފުރާ ފަޅުކަމަށް ދިވެހި ދެކެއެވެ. އަޅުގަނޑު މިމާނަ ކުރާ ކަނޑުމަހަކީ ޢާއްމުކޮށް އިނގިރޭސިބަހުން މިކިޔާ " ޓޫނާ" ގެ ބާވަތްތަކެވެ.

ޒަމާނާ އެކު ދިވެހިންގެ ދިރިއުޅުމާއި ކެއިން ބުއިމުގެ އާދަތަކަށް ވައްޓާފާޅިއަށް އަންނަމުންދާ ބަދަލުތަކަށް ވިސްނާލާއިރު، ގިނަ ފަހަރު ކަނޑުމަހުގެ ބާވަތްތަކަށްވުރެ އެއްގަމު މަހުގެ ބާވަތްތައް ކެއުމަށް އިސްކަންދެވި އަދި ބޭނުންކުރުން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ޙާއްޞަކޮށް ތަނަވަސް ގޭބިސީތަކުގައެވެ. އެއީ އެއްގަމު މަސް އަގުބޮޑުވިޔަސްމެއެވެ. މާލޭގައި ބައެއް ފަހަރު ކަނޑުމަސް އެއްގަމު މަހަށްވުރެ އަގުބޮޑުކޮށް ގަންނަން ލިބޭ ފަހަރު އާދެއެވެ. ހަމައެކަނި މިއީ އަގަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާކަމެއްނޫނެވެ. ކެއުމަށް ކާނާއެއް ޙިޔާރުކުރުމުގައި ވަރަށް ގިނަ ކަންތައްތަކަށް އެބޭނުންކުރާ މީހާ ބަލާނެއެވެ. ރަހަ، އަގު، ބަންދުކޮށް ވިއްކަން ތައްޔާރުކޮށްފައި ހުރި ގޮތް ފަދަ އަސާސީ ކަންތައްތަކެވެ.

ތިމާގެ ތަނަވަސްކަމުން ގިނައިން އެއްގަމުމަސް ކެއުމަށް ބޭނުންކުރެވުނު ނަމަވެސް، ކުރިން ބޭނުންކުރަމުން ގެންދިޔަ އެންމެ ފައިދާ ހުރި ކަނޑުމަސް ނުކައިދޫކޮށްލުމަކީ ބުއްދިވެރިގޮތެއްނޫނެވެ. އެއްގަމު މަހަށްވުރެ ކެއުމުގައި ބޭނުންކުރުން ރަނގަޅީވެސް ކަނޑުމަހެވެ. އެއީ ކޮންމެ ދުވަހެއްގެ ކެއުމުގައި މެދުކެނޑުމެއްނެތި ބޭނުން ކުރަންވިޔަސްމެއެވެ. ކަނޑުމަސް ކާންވީ ސަބަބުތައް ވަރަށް ގިނަގުނައެވެ.

ބައެއް ސަރުބީ ގިނަމަހާއި ކަނޑުމަހުގައި ސަރުބީގެ އެންމެ ފައިދާ ހުރި ވައްތަރުކަމުގައިވާ އޮމެގާ 3 ފެޓީ އެސިޑް އެކުލެވެއެވެ. އަދި މި ސަރުބީގެ ތެރޭންވެސް ދެވައްތަރެއް ކަނޑުމަހުގައި އެކުލެވެއެވެ. މި ސަރުބީ ބޭނުންކުރުމުން ވަރަށް ގިނަގުނަ ފައިދާ ތަކެއް އިންސާނާގެ ހަށިގަނޑަށް ލިއްބައިދެއެވެ. ހިތާއި ސިކުނޑިއާއި ހަށިގަނޑުގައި ލޭދައުރުކޮށްދޭ ނިޒާމަށް ހަލުއިކަން ލިބެއެވެ. ބަލިތަކުން ދިފާއުވުމާއި ހުޅުތަކަށްވެސް މިސަރުބީ ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުމުން ފައިދާވެއެވެ. ކަނޑުމަހަކީ އޭގައި ވަރަށް ފެންވަރު ރަނގަޅު ޕްރޮޓީންއެކުލެވޭ މަހެކެވެ. ކަނޑުމަހަކީ ކަސްރަތުކުރާ ކުޅުންތެރިންނަށް ވެސް ރަނގަޅުކާނާއެކެވެ. އެކި މުބާރާތްތަކަށް ހަށިހެޔޮކޮށް ބެހެއްޓުމަށްޓަކައި ކަނޑުމަހުން ލިބޭ ޕްރޮޓިން ވަރަށް މުހިއްމެވެ. އޮމެގާ 3 ގެ ސަބަބުން އެ ބޭނުންކުރާ މީހާއަށް ފުރިހަމައަށް ހަކަތަ ލިއްބައިދެއެވެ. ކަނޑުމަހުގައި  އެކުލެވޭ ސެލީނިއަމްގެ ސަބަބުން ހަށިގަނޑުގެ ބަލިތަކުން ދިފާއުވުމުގެ ބާރު އިތުރުކޮށްދެއެވެ. ޢާއްމުކޮށް ޖެހޭ އަރިދަފުސް ރޯގާއާ ހުން އައުން ފަދަ ކަންތައްތަކުންވެސް ރައްކާތެރިވުމަށް ބާރުލިބިދެއެވެ.

ކަނޑުމަހުގައި އެކުލެވޭ ބީ ވިޓަމިން ތަކުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ލޭގެ ރަތް ސެލްތައް އިތުރުވެ އަދި ބުރަ މަސައްކަތްތަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށް އިތުރު ބާރެއްލިބިގެންދެއެވެ. ވިޓަމިން ޑީ ގެ ސަބަބުން ކަށިތައް ވަރުގަދަވުމަށް ބާރަކަށް ވެގެންދެއެވެ. ކަނޑުމަސް ބޭނުންކުރުމުގެ ސަބަބުން ހަޖަމްވުން ލަސްވެ އަދި ގިނައިރު ބަނޑު ފުރިފައިހުންނަކަމަށް އިހްސާސްކުރެވި، އިތުރަށް ބޭކާރު ކާބޯތަކެތި ބޭނުންކުރުމުން ސަލާމަތްވެއެވެ. މިގޮތުން ހަށިގަނޑުގެ ބަރުދަން ރައްކާތެރި އިމުގެ ތެރޭގައި ހިފެހެއްޓޭނެއެވެ.

ވިޓަމިން ޑީ އަކީ ހަށިގަނޑު އެކި ބަލިތަކާ ކުރާ ހަނގުރާމައަށް އެހީދެވޭ މިތުރެކެވެ. އޭގެ ތެރޭގައި ބައެއް ބާވަތުގެ ކެންސަރުވެސް ހިމެނޭކަމަށް ބައެއް ދިރާސާތަކުން ހާމަވެއެވެ. ސަރުބީ މިންވަރާއި ކެލަރީ މަދު ބާވަތެއްކަމަށްވާތީ، އެއްގަމުމަހާއި އެއްގަމު ޖަނަވާރާއި ޖަނަވާރުން ލިބޭ ކިރުގެ ބާވަތްތަކާއި އުފައްދާ އެނޫންވެސް އެހެން ތަފާތު ކާނާ ގެ ބަދަލުގައި ބޭނުންކުރެވިދާނެ އެންމެ ރަނގަޅު އެއްބާވަތަކީ ކަނޑުމަހާއި ކަނޑުމަހުން ތައްޔާރުކުރާ ޢެކި ބާވަތްތަކެވެ.

ހަމަޔަގީނުންވެސް އިސްވެ ދެންނެވުނު ސަބަބުތަކަކީ ކަނޑުމަސް ކާންވީ މައިގަނޑު ސަބަބުތަކެވެ. އެހެންނަމަވެސް ކަނޑުމަސް ބޭނުންކުރުމުގައި އޭގެ ތާޒާ ކަމުގެ މިންވަރަށް ބަލާ، ހިޔާރުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. މަގްސަދަކީ ބަރުދަނުގެ ގޮތުން ގިނަ ޢަދަދެއް ބޭނުންކުރުމެއްނޫނެވެ. މަދު މިންވަރަކަށް ބޭނުންކުރިޔަސް ފެންވަރު ރަނގަޅު ރައްކާތެރި ގޮތުގައި ކަނޑުމަސް ކެއުމަށް ބޭނުންކުރުމެވެ.

މަސްދަރު: އަސްދަނޑި، - އާދަމް މަނިކް - ފިޝަރީޒް ޕޯސްޓް ހާވެސްޓް ޓެކްނޮލޮޖިސްޓް -
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!