މަސްވެރިކަމާއި ގުޅޭ

ފާނަ - ފޮޓޯ : މަސްވެރިން އެމްވީ

ފާނަ މަސްވެރިކަމަށް ނަޒަރެއް

ފާނަ މަސްވެރިކަމާއި ވިޔަފާރި ތަރައްޤީވެފައިވާ ގޮތް

1990 ގެ އަހަރަތަކުގެ ކުރީކޮޅުގައި އެކްސްޕޯޓަށް ބަރޯސާވާ ފާނައިގެ މަސްވެރިކަމެއް ތަޢާރުފުވުމުގެ ކުރިން، އަމާޒުކޮށްގެން ކުރާ ފާނައިގެ މަސްވެރިކަމެއް ދިވެހިރާއްޖޭގައި ކޮށްފައެއް ނުވެއެވެ. އަދި ރާއްޖޭގައި ކެއުމަށް ބޭނުންކުރި ފާނަ ގިނައިން ބާނައިފައިވަނީ ފަރުމަހުގެ މަސްވެރިކަމުގައެވެ. އެހެންނަމަވެސް، އިރު-ދެކުނު އޭޝިއާގެ ބާޒާރުތަކުގައި ފާނައަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، ފާނައިގެ މަސްވެރިކަން ދިވެހިރާއްޖޭގައި ހަލުއިކަމާއެކު ފުޅާވެގެން ދިޔައެވެ. މިވަގުތު ދިވެހިރާއްޖޭގައި ކުރާ ފާނައިގެ މަސްވެރިކަމަކީ، ބޮޑަށް އެކްސްޕޯޓަށް ޚާއްޞަވެފައިވާ މަސްވެރިކަމެކެވެ. ޑިމާންޑް ބޮޑުވުމުގެ ސަބަބުންނާއި ބާޒާރުގައި ފާނައިގެ ބާވަތްތަކަށް ނިސްބަތުން ލިބޭ އަގު މަތިވުމުގެ ސަބަބުން މި މަސްވެރިކަމަށް ޝައުޤުވެރިކަން އިތުރުވިއެވެ.އަދި އެކި އަތޮޅުތަކުގައި މަސްވެރިންގެ އަތުން ފާނަ ގަތުމުގެ އިންތިޒާމު އެކްސްޕޯޓު ކުރާ ފަރާތްތަކުން ޤާއިމުކުރުމާއެކު، ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި އަގު ބޮޑެތި ފާނައަށް އަމާޒުކޮށްގެން މަސްވެރިކަންކުރުން އާންމުވިއެވެ.

ފާނަ މަސްވެރިކަމުގެ ވިޔަފާރި އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި ފެށިގެން އައި އިރު، ވައިގެ މަގުން ދިރޭ ފާނަ ބޭރުކުރުމަށް ހުރި ދަތިތަކުގެ ސަބަބުން ރާއްޖޭގައި އޭރު އެންމެ ބޮޑަށް މި ވިޔަފާރީގައި ހަރަކާތްތެރިވި ކުންފުންޏާއި، ރާއްޖެއިން ބޭރުގެ އިމްޕޯޓަރުން ގުޅިގެން ލައިވް ފިޝް ކެރިއަރު ތަކެއްގައި ފާނަ މަސްވެރި ރަށްރަށުން މަސް ގަނެ އެކްސްޕޯޓުކޮށްފައި ވެއެވެ. އަދި މިގޮތަށް ލައިވް ފިޝް ކެރިއަރުތަކުގައި ދިރޭ ފާނަ ބޭރުކޮށްފައިވަނީ 2002 އިން 2009 އަށެވެ. މި މުއްދަތުގައި އެވަރެޖްގޮތެއްގައި އަހަރަކު 4 ޝިޕްމަންޓް ބޭރުކޮށްފައިވެއެވެ. މި ގޮތަށް އެންމެ އާންމު ގޮތެއްގައި ބޭރު ކޮށްފައި ވަނީ ކަސް ފާނަ އާއި އޮޅު ފާނައެވެ.

ވައިގެ މަގުން އެކްސްޕޯޓުކުރުމަށް އައި ތަރައްޤީއާއެކު ދިރޭ ފާނަ އެކްސްޕޯޓުކުރުން އިތުރުވެ، ލައިވް ފިޝް ކެރިއަރުތަކުގައި ދިރޭ ފާނަ އެކްސްޕޯޓުކުރުން ވަނީ ހުއްޓާލާފައެވެ. އަދި ދިވެހި އެކްސްޕޯޓުކުރާ ކުންފުނިތަކުން މަސް ގަތުން އިތުރުވެގެން ދިޔައެވެ. މިހާރު އެކްސްޕޯޓަރުންގެ ޕްރޮސެސްކުރާ އުޅަނދުތަކުގައި، އާންމު ގޮތެއްގައި ހަފްތާއަކު ދެފަހަރު، މަސްވެރިންގެ އަތުން ފާނަ ގަތުމަށް ދަތުރު ކުރެއެވެ. އެކްސްޕޯޓުކުރާ ފަރާތްތަކުން ކޮށިއަޅައިގެންވެސް ފާނަ ގަތުމަށް ބައެއް ސަރަޙައްދުތަކުގައި ހަރަކާތްތެރިވެއެވެ. އެހެންނަމަވެސް ކުދި ދޯނި ފަހަރުގައި ނުވަތަ ޑިންގީތަކުގައި މަސްވެރިކަންކުރާ ބައެއް މަސްވެރިން، ޕްރޮސެސްކުރާ އުޅަނދުފަހަރު އަންނަންދެން ފާނަ ބެހެއްޓުމަށްޓަކައި އެމީހުންގެ އަމިއްލަ ކުދި ކޮށި ގެންގުޅެއެވެ. މީގެ ތެރެއިން ގިނަ މަސްވެރިންނަކީ ހަމައެކަނި ފާނައިގެ މަސްވެރިކަމުން އާމްދަނީ ހޯދައިގެން އުޅޭ މީހުންނެއް ނޫނެވެ. ފާނަ މަސްވެރިން ރިސޯޓުތަކަށްވެސް ފާނަ ވިއްކާ އުޅެއެވެ. އެކްސްޕޯޓުކުރުމަށް ނުވަތަ އެކްސްޕޯޓަރުންނަށް ވިއްކުމަށް ކުރާ ފާނަ މަސްވެރިކަމާ ޚިލާފަށް ރިސޯޓުތަކަށް ފަރުމަހުގެ މަސްވެރިން ވިއްކާ ފާނަ އާ ބެހޭ މަޢުލޫމާތު އެކަށީގެންވާގޮތެއްގައި ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ.

މަސްވެރިކަން ކުރާ ގޮތް

ވޭތުވެދިޔަ އަހަރުތަކުގައި، ފާނަ މަސްވެރިކަން ކުރާ ގޮތަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް އައިސްފައިވެއެވެ. ފާނަ މަސްވެރިކަން ފެށިގެން އައިއިރު މަސްވެރިކަން ކުރަނީ އުޅަނދުގައި ތިބެގެން ފައްތާ ނަނު (ވެއިޓެޑް ހޭންޑްލައިން) ބޭނުންކޮށްގެންނެވެ. ފާނަ މަސްވެރިކަން ތަރައްޤީވެ ފީނުމަށް ބޭނުންކުރާ އާލާތްތައް (ސްނޯކްލިންގ ގިއަރ) އާންމު ވުމާއެކު، ސީދާ މޫދަށް ފައިބައިގެން އަތުނަނު ބޭނުންކޮށްގެން މަސްވެރިކަން ކުރެއެވެ. އާންމު ގޮތެއްގައި، ފަރުގެ އެކި ހިސާބުތަކުގައި ސްނޯކްލްކުރާ މަސްވެރިން ތިބެގެން، ފާނައެއް ފެނިއްޖަނަމަ، އެމެއް ލައިފައިވާ ނަނެއް ފައްތައިގެން ފާނަ ހިފައެވެ. މިގޮތަށް ބާނާ ފާނަ، ދޯންޏާ ހަމައަށް ދެވެންދެން ހުންނަނީ މަސްވެރިޔާގެ ގައިގައި އައްސައި، މޫދަށް ދޫކޮށްލައިފައި އޮންނަ ވަށިގަނޑެއްގައެވެ. މިހާރަކަށް އައިސް، ކަސް ފާނަ އާއި އޮޅު ފާނަ ފަދަ އެއްތަނަކަށް ޖަމާވާ ބޮޑެތި ބާވަތުގެ ފާނަ ބޭނުމަށްޓަކައި، ބޮޑު ބުޅިޔެއްގައި ވާގަނޑެއް ޖަހައި މަހުގައި އެޅުވުމުން ނެއްޓޭ ގޮތަށް ދަނޑިއެއްގައި ހަރުކޮށްފައި ހުންނަ ދާވަންޏެއް ފަދަ އާލާތެއް ބޭނުންކޮށްގެން މަސްވެރިކަންކުރުން ވަނީ އިތުރުވެފައެވެ. މި އާލާތް ގިނައިން ބޭނުންކުރަނީ، ފާނަ ބިސްދޫކުރުމަށް ޖަމާވާ ދުވަސްވަރު، އެ ސަރަޙައްދުތަކުގައި، ރޭގަނޑެވެ. ފާނަ ހޯ ދަނީ ފީނައިގެން އަލިކޮށްގެންނެވެ. އަދި ފާނަ ފެނުމުން، މި އާލާތް ބޭނުންކޮށްގެން ހިފުމަށްފަހު ދޯންޏަށް އަރުވައެވެ. މީގެއިތުރުން، ފާނަ ބިސްދޫކުރުމަށް ޖަމާވާ ޖަމާވުންތަކަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުންވެސް ފަހަކަށް އައިސް ވަނީ އާންމު ވެފައެވެ (ޓޭމްލޭންޑަރ އެޓް އަލް. 2008).

މީގެ ކުރިން މަސްވެރިން ފާނައިގެ މަސްވެރިކަން ކުރަމުންއައީ އެ މަސްވެރިއެއް ނިސްބަތްވާ އަތޮޅުގައެވެ. ނަމަވެސް، މި މަސްވެރިކަން ފުޅާވެ، އުޅަނދުތަކުގައި އިންޖީނު އަޅައި ތަރައްޤީވުމުގެ ސަބަބުން، މަސްވެރިކަމުގެ ދަތުރުތައް ދިގުވެ، މިހާރު ގިނައިން މި މަސްވެރިކަން ކުރަނީ އެކި އަތޮޅުތަކުގައެވެ. މިހެންވުމުގެ ސަބަބުން، މަސްވެރިކަން ރަނގަޅު ސަރަޙައްދުތަކަށް ދިއުމުގެ ފުރުޞަތު މަސްވެރިންނަށް އިތުރުވެގެން ދެއެވެ.

އިޖުތިމާޢީ އަދި އިޤުތިޞާދީ ހާލަތް

ރަށު ކައުންސިލްތަކުން ލިބިފައިވާ މަޢުލޫމާތުން ދައްކާގޮތުގައި، 2018 ވަނަ އަހަރު، ޖުމްލަ 146 އުޅަނދާއި 730 މަސްވެރިން ފާނަ މަސްވެރިކަމުގައި ހަރަކާތްތެރިވިއެވެ. އަދި 13 އަތޮޅެއްގެ 31 ރަށެއްގައި ފާނަ މަސްވެރިން އުޅޭކަން ވެސް މަޢުލޫމާތުތަކުން ދައްކައެވެ. އަދި ރަށު ކައުންސިލްތަކުން ލިބިފައިވާ މަޢުލޫމާތާއި އެމް.އެމް.އާރް.އައި އިން ސާމްޕްލިންގ ދަތުރުތަކުގައި ނަގައިފައިވާ މަޢުލޫމާތުން ދައްކާގޮތުގައި ގިނަ ފާނަ މަސްވެރިން ނިސްބަތްވަނީ 6 ރަށަކަށެވެ. އެއީ، ފ.ބިލެތްދޫ، ފ.ފީއަލި، ފ.ނިލަންދޫ، ރ.ދުވާފަރު، މ.ދިއްގަރު އަދި ބ.ފުޅަދޫއެވެ.

ފާނަ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރީގެ އިޖުތިމާޢީ ހާލަތަށް ބަލައިލާއިރު، މި މަސްވެރިކަމާއި ވިޔަފާރި ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީކޮށް ބެލެހެއްޓުމަށްޓަކައި އެންމެހައި މަޞްލަޙަތުވެރިން ގުޅިގެން ހައްލުކުރަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރެވިފައިވެއެވެ. މަސްވެރިކަމުގެ ޞިނާޢަތާއި ފަތުރުވެރިކަމުގެ ޞިނާޢަތުގައިވެސް ފަރުތައް މުހިންމު ދައުރެއް އަދާކުރެއެވެ. ފަރުތަކުގެ ވަސީލަތްތަކުން ނަފާ ލިބިގަތުމުގައި މި ޞިނާއަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ޚިލާފުވުންތަކަށް ހައްލު ހޯދަންޖެހެއެވެ. ޓޫރިސްޓް ރިސޯޓުތަކުގެ ފަޅުގެ ސަރަޙައްދުތައް ކަނޑައެޅިގެން އެނގެން ނެތުމާއި، ރިސޯޓުތަކުގެ ފަޅުގެ ސަރަޙައްދުތައް އެއްހަމައަކުން ކަނޑައަޅާފައި ނެތުމަކީ މިކަމަށް އެޅިފައިވާ ހުރަހެކެވެ. ިކަން ހައްލުކުރުމަށްޓަކައި ޗާޓުތައް މެދުވެރިކޮށް މަސްވެރިކަން ކުރެވޭނެ ސަރަޙައްދުތަކުގެ މަޢުލޫމާތު މަސްވެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ޞިނާޢަތް ފުޅާވެ، ގިނަ ރަށްތަކާއި ފަޅުތައް ފަތުރުވެރިކަމަށް ޚާއްޞަކުރުމުގެ ސަބަބުން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި ފަރުފަޅުތަކާއި ހާހަލާއި ގިރިތައް ވަނީ މަސްވެރިންނަށް ގެއްލިފައެވެ.

ތަރައްޤީގެ މަޝްރޫޢުތަކަށް ބިން ހިއްކުމުގެ ސަބަބުންނާއި ދިމާވާ ޤުދުރަތީ ކާރިސާތަކުގެ ސަބަބުން މަސްވެރިކަންކުރާ މުހިންމު ސަރަޙައްދުތަކެއް ގެއްލިގެން ދިއުމަކީވެސް މަ ސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިގޮތުން މުރަކަ ފަރުތަކަށް ދިމާވާ ގައު ހުދުވުމުގެ މައްސަލަ ވެސް މަސްވެރިން ފާހަގަކުރެއެވެ.

ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަޙައްދުތައް ކަނޑައެޅުމާ ގުޅޭގޮތުންވެސް މަސްވެރިން ކަންބޮޑު ވުން ފާޅުކޮށްފައިވެއެވެ. ރަނގަޅަށް ރޭވިގެން ކަނޑުގެ ސަރަޙައްދުތައް ހިމާޔަތްކުރުމަކީ މާޙަ އުލީ ނިޒާމަށާއި މަސްމަހާމެހީގެ އާބާދީއަށް އޭގެ ފައިދާކުރާ ކަމެއްކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެވިފައިވާ ދިރާސާތަކުން (ޓަޕަރ 2007؛ ގޯންޔީ އެޓް އަލް. 2008) ދައްކައެވެ. އަދި މިއީ ގިނަ ބަޔަކު ބަލައިގަންނަ ކަމެއް ކަމުގައިވީނަމަވެސް، މިފަދަ ސަރަޙައްދުތައް ހިމާޔަތްކުރުމުގައި ވީހާވެސް ގިނަ މަސްވެރިން ބައިވެރިކޮށް، މަސްވެރިންގެ މަޝްވަރާ އާއި ލަފާ ހޯދުމަކީ މުހިންމު ކަމެއްކަން މަސްވެރިން ފާހަގަކޮށްފައިވެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!