މަސްވެރިކަމާއި ގުޅޭ

ޑެއިޒީ ވިއު އަދި މާކެޔޮޅު މާންދޫ ބޯޓަކަށް މަސްކިރުވަނީ - ފޮޓޯ: މަސްވެރިން
ޑެއިޒީ ވިއު އަދި މާކެޔޮޅު މާންދޫ ބޯޓަކަށް މަސްކިރުވަނީ - ފޮޓޯ: މަސްވެރިން

ހޮރައިޒަން ފިޝަރީޒުންވެސް މަސްގަތުން ލިމިޓްކޮށްފި

ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންގެ އަތުން މަސް ގަންނަ އަދަދު ލިމިޓް ކޮށްފިއެވެ.

ހޮރައިޒަން ފިޝަރީޒުން ނެރުނު އިއުލެނެއްގައި ބުނެފައިވަނީ މެދު ރާއްޖެތެރެއާއި ދެކުނަށް މަސްވެރިކަން ވަރަށް ބޮޑަށް ރަގަޅުވެ ގިނަ އަދަދު ތަކުން މަސްބާނައިގެން ދޯނިފަހަރުތައް އަންނަމުން ދާކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ދޯނިތަކަށް މަސް ކިރުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން މިއަދުން (09 އެޕްރީލް 2022، ހޮނިހިރު) ފެށިގެން ކޮންމެ ދޯންޏަކުންވެސް ކިރާނީ 7 ޓަނު މަސްކަމަށް ބުނެފައިވެއެވެ.

ދެކުނަށް މަސްވެރިކަން ރަގަޅުވެ ގިނަ އަދަދުތަކުން މަސްބާނަން ފަށާފައިވަނީ ނިމިގެން ދިޔަ ހަފްތާގައެވެ. ކުއްލިއަކަށް ގިނަ ދޯނިތަކެއް މަސްބާނައިގެން ކޫއްޑޫގެ ކިއުގައި ޖެހިގެން މަސްކިރަން ފަށާފައިވަނީ ނިމިގެން ދިޔަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެންނެވެ.

އެއާއެކު މިފްކޯއިންވަނީ ދެކުނުގައި މިފްކޯގެ ސެންޓަރުތަކުން ކޮންޓްރޯލްކޮށްގެން ދޯންޏަކުން 5 ޓަނު މަސް ގަންނަން 06 އެޕްރީލް 2022 ނިންމާފައެވެ. އެއާއެކު ގިނަ އަދަދުތަކުން މަސްބާނައިގެން އައި ދޯނިތައް 1 ދުވަހުގެ މަސް ކިރުވުމަށް އެއް ހަފްތާއަށް ވުރެ ގިނަ ދުވަހު މިފްކޯގެ ކިއުގައި މަޑުކުރަން ޖެހުނެވެ.

ބައެއް ދޯނިތައް މާންދޫއާއި މާލެ ކައިރީގައި މަސްގަން އެންސިސްއަށް މަސް ކިރުމަށްވެސް ދުއްވާލިއެވެ.

ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން މަސްކިރުން ލިމިޓް ކުރުމާއި ގުޅިގެން މާލެއިން ދެކުނުގައި އުފެދިފައިމިވާ މަސްވެރިކަމުން މަސްވެރިންނަށް ނަފާ ލިބުން މިވަނީ "ލިމިޓް" ވެފައެވެ. ކޮންމެ ދޯންޏަކަށްވެސް މަހަށް ދެވޭނީ ހަފްތާއަކު އެއް ދުވަހުއެވެ. އަނެއް 5 ދުވަހުގައި އޮންނަން ޖެހޭނީ ބޭނި މަސްކޮޅަށް އައިސް އަޅައަޅާ ނުވަތަ ދޯނީގެ އައިސްޕްލާންޓް ޖައްސައިގެން ބޭނި މަސްކޮޅު ފިނިކޮށްކޮށް މަސްކިރެންދެނެވެ.

ކޫއްޑޫއިން ކިރެނީ ދުވާލަކު 5 ޓަނެވެ. މިހާރު ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން ކިރެނީ ދުވާލަކު 7 ޓަނެވެ.

ކޮންމެ މަސްވެރި މޫސުމެއްގައި މަސްވެރިން މިހާލުގައި އުޅެންޖެހޭތީ ރާއްޖޭގެ ހުރިހާ މަސްވެރިންދަނީ ނުރުހުން ފާޅުކޮށް މަސްކިރުމުގެ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުތަކަށް ގޮވާލަމުންނެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މަސްކިރުމާއި އަދި މަސްވެރިކަމުގެ ސިނާއަތުގައި ހުރި އެހެނިހެން މައްސަލަތަކަށްވެސް އެެއްވެސް ކުރިއެރުމެއް އައިސްފައިނުވެއެވެ.

މަސްކިރުމުގެ ދަތިތައް ހައްލުކުރުމަށް ސަރުކާރުންވަނީ ކޫއްޑޫ ތަރައްގީކުރުމުގެ މަޝްރޫއެއް އިއުލާނުކޮށްފައެވެ. މި މަޝްރޫއު ނިމިގެންދާއިރު، ކޫއްޑޫގެ ޖެޓީ ބޮޑުކުރެވި، މަސް ރައްކާ ކުރާނެ ޖާގެ ބޮޑުކުރެވިގެން ދާނެކަމަށާއި މިވަގުތު މަސްވެރިންނަށް މަސްކިރުމަށް ދިމާވާ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެން ދާނެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.