މަސްވެރިކަމާއި ގުޅޭ

ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ ނެގުން މަނާކުރީ 1993 ވަނަ އަހަރު

ހުއިފިލަނޑާ އަކީ އާއްމުކޮށް ހެލިފެލިވެ ނޫޅޭ އެއްޗަކަށް ވާތީ، މަސްވެރިކަމުގެ އަސަރު ވަރަށް ފަސޭހައިން އެއަށް ކުރެއެވެ.

ހާއްސަކޮށް ވައިފުޅި އަޅައިގެން ކުރާ މަސްވެރިކަމުގައި، ނޭވާލާން މައްޗަށް އަރަން ނުޖެހޭތީއާއި މަސްވެރިންނަށް ގިނައިރު ފެނުގެ އަޑީގައި އުޅެވޭތީ، ހުއިފިލަނޑާ ނަގާ މިންވަރު އިތުރުވެއެވެ.

އެގޮތުން ހުއިފިލަނޑާ ނަގާ މިންވަރު އެތައް ގުނައެއް އިތުރު ވާތީ، އެކަމުގެ ނޭދެވޭ އަސަރު، ހުއިފިލަނޑާގެ އާބާދީއަށް ކުރުމަށް މަގުފަހިވެއެވެ.

މި ސަބަބަށްޓަކައި އަދި ހުއިފިލަނޑާގެ އާބާދީ އިތުރުވެ އާލާވުމަށް ފުރުސަތު ދިނުމަށްޓަކައި، ޕްރިކޯޝަނަރީ ފިޔަވަޅެއްގެ ގޮތުން، ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނެގުން ރަސްމީކޮށް މަނާ ކުރީއެވެ. އެއީ 1993 ވަނަ އަހަރުއެވެ.

އެހެން ނަމަވެސް އެކަން އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވިފައެއް ނުވެއެވެ. އެހެންކަމުން ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނެގުން މަނާކުރި ނަމަވެސް، މީހުން ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނަގައެވެ.

މިފަދައިން ފީނާއިރު، ފިނުމުގެ މިންގަނޑުތަކާ ހިލާފަށް، ވަރަށް ފުން ހިސާބުތަކަށް މަސްވެރިން ފީނައެވެ. އެގޮތުން 30 މީޓަރަށްވުރެ ވެސް ފުނަށް ފީނާ ފަހަރުވެސް އާދެއެވެ. އެކަމުގެ ސަބަބުން ވަރަށް ނުރައްކާތެރި ހާދިސާތައް ވެސް ހިނގައެވެ. އޭގެ ތެރޭގައި މަސްވެރިންގެ ފުރާނަ ދިޔަ ހާދިސާތައްވެސް ކުރިމަތިވެފައި އެބަހުއްޓެވެ. އޭގެ އިތުރުން، މީހާ ނުކުޅަދޭ ހާލަތަށްވެސް ގޮސްފައި އެބަހުއްޓެވެ.

ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަމުގެ ސަބަބުން ހުއިފިލަނޑާގެ އާބާދީއަށް ކުރާ އަސަރު ކުޑަ ކުރުމަށާއި، ހުއިފިލަނޑާގެ އާބާދީ އާލާކުރަން ފުރުސަތު ދިނުމަށް އަދި ހުއިފިލަނޑާގެ މަސްވެރިކަމުގައި ކުރިމަތިވާ ގޮންޖެހުންތައް އިތުރު ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.

އެގޮތުން، ވައިފުޅި އަޅައިގެން ނުވަތަ އެފަދަ ނޭވާލުމަށްޓަކައި ޕްރެޝަރައިޒް ކޮށްފައި ހުންނަ ވައި ބޭނުންކޮށްގެން ފެނުގެ އަޑީގައި އުޅުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ބޭނުންކޮށްގެން ހުއިފިލަނޑާ ނެގުން މަނާކުރަން ޖެހެއެވެ. އަދި އެކަން ތަންފީޒު ކުރަން ޖެހެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!