މަސްވެރިކަމާއި ގުޅޭ

Masveringe Adu

އިންޑިއާ ކަނޑުން ކަޅުބިލަމަސް ބާނާ މިންވަރު ހިފަހައްޓަން ގޮވާލައިފި

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)އިން ސައިންޓިފިކް ކޮމިޓީން ހުށަހަޅާފައިވާ ކެޗް ލިމިޓާ އެއް ހަމައެއްގައި ކަޅުބިލަމަސް ބާނާ މިންވަރު ހިފެހެއްޓުމަށް ރާއްޖޭން ގޮވާލައިފި އެވެ.

އިންޑިއާ ކަނޑުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ރާވައި، ހިންގައި، ބެލެހެއްޓުމަށްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ތިން ގަރާރެއް ތައްޔާރުކޮށް، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ 26 ވަނަ ބައްދަލުވުމުގައި ހުށަހަޅައިފައިވެ އެވެ.

އޭގައި ހުށަހަޅާފައި ވަނީ:

  • ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އިތުރު ކުރުން

  • ކަޅުބިލަމަސް ބާނާ މިންވަރު ކޮންޓްރޯލް ކުރުން

  • މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުމަހުގެ އާބާދީއަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުން

އިންޑިއާ ކަނޑުގައި ރީނދޫއުރަހަ ކަންނެލީގެ މަސްވެރިކަން ކުރެވެމުންދަނީ އާބާދީއަށް ގެއްލުންވާނޭ މިންވަރަށް ކަމަށާއި، އިތުރު ފިޔަވަޅު ނާޅައިފިނަމަ މުސްތަގުބަލަށް ދެމެހެއްޓޭނެ މިންވަރަށްވުރެ އާބާދީ ދަށްވެފައިވާ ކަމަށް އައިއޯޓީސީގެ ސައިންޓިފިކް ކޮމިޓީން ލަފާ ދީފައިވާ ދަނޑިވަޅުގައި މެމްބަރު ގައުމުތަކުން ގުޅިގެން ވީހާވެސް އަވަސް ފުރުސަތެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.

ހަމައެހެންމެ އޮޔާދާ ކަނދުފަތި ބޭނުންކޮށްގެން ކުރާ މަސްވެރިކަމުން ރީނދޫއުރަހަ ކަންނެލީގެ އާބާދީއަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން މި ބާވަތުގެ މަސްވެރިކަން ކުރުން ވަކި މުއްދަތަކަށް މަނާކޮށް، މި މަސްވެރިކަމުގައި ބޭނޭ ކުދި ރީނދޫއުރަހަ ކަންނެލީގެ މިންވަރު މަދުކުރުމަށް ވެސް ރާއްޖޭގެ ހުށަހެޅުމުގައި ހިމަނައިފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ހުށަހެޅުމުގައި އައިއޯޓީސީގެ ސައިންޓިފިކް ކޮމިޓީގެ ލަފަޔާ އެއްގޮތަށް، 2020 ވަނަ އަހަރު މެންބަރު ގައުމުތަކުން ރީނދޫ އުރަހަ ކަންނެލި ބާނާފައިވާ މިންވަރަށްވުރެ ކުރިއަށް އޮތް އަހަރުތަކުގައި ބާނާ ކަންނެލީގެ މިންވަރު 22 ޕަސެންޓަށް މަދުކުރުމަށް ހިމަނާފައިވެ އެވެ.

އަދި ވަކިވަކި ގައުމުތަކަށް މަސް ބޭނޭނެ ކަމަށް ކަނޑައަޅާފައިވާ މިންވަރުތަކަށްވުރެ އިތުރަށް ބާނާ ގައުމުތަކާމެދު އަމަލުކުރާނެ އުސޫލުތައްވެސް ބަޔާންކޮށްފައިވެ އެވެ.

މެމްބަރު ގައުމުތަކުގެ މެދުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރާ ދިރާސާތައް ކުރުމުގެ އަހުލިއްޔަތު އިތުރުކޮށް، ހާއްސަ ގޮތެއްގައި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކާއި، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި މިފަދަ ދިރާސާތައް ކުރުމަށް ކުރެވޭ މަސައްކަތް ކުރި އެރުވުމަށް ރާއްޖޭން ބާރު އަޅާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!