މަސްވެރިކަމާއި ގުޅޭ

M. Dhiggaru Masthaka

މ. ދިއްގަރު "މަސްތަކާ"

މ ދިއްގަރު، "މަސްތަކާ" ދޯންޏަކީ ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ ދޯންޏެކެވެ.

މިދޯންޏަކީ ޒަމާނީ ދޯނި ފަހަރު އައުމުގެ ކުރިން ދިވެހި މަސްވެރިން ތަޖުރިބާކުރި "މޯފާ" ސައިޒްގެ ދޯނިތަކުގައި މަހަށްދިޔަ ގޮތަށް މަހަށްދާ ދޯންޏެކެވެ. މިދޯނީގައި އާންމުކޮށް ފަޅުވެރިންނަށް މަހަށްދާން ގޮވަނީ މެންދަމުގެ ވަގުތުގައެވެ. ފޯނުން ގުޅައިގެން ފަޅުވެރިޔާ ހޭނުލެވިއްޖެނަމަ، ދޯނީގެ ކެޔޮޅު ނުވަތަ އެހެން ފަޅުވެރިއަކު ގޮސް ނިދާފައި އޮންނަ ފަޅުވެރިޔާ ހޭލައްވައެވެ. ފަޅުވެރިން ހަމަވުމުން، ދޯނި ދުއްވާލަނީ ކައިރީގައި އޮންނަ ފަރަކަށް ނުވަތަ، އެންމެ ލަސްވެގެން ފަތިހު 04:00 ގެ ކުރިން ކައިރިކުރެވޭ ފަރަކަށެވެ. އެއަށްފަހު ލައިޓް ދިއްލާ (މާކަރީ) ރެހި ނުވަތަ ހޮނޑެލި (ބައެއް ފަހަރު މިޔަރެން) ދަމައިގެ ދުއްވާލާނީ އިރު އެރުމުގެ ކުރިން ކަނދަކަށް ދެވޭތޯއެވެ. ކަނދަށްގޮސް މަސްބާނައިގެން އަނބުރާ މިސްރާބު ޖަހާނީ ރަށާ ދިމާލަށެވެ. ރަށްކައިރީގައި ބޯޓެއް އޮންނަ ދުވަސްތަކުގައި ބޯޓަށެވެ. މިއީ މި ދޯނިން އާންމުކޮށް ކަންކުރަމުން އަންނަ ގޮތެވެ.

މަސްވެރިކަމުގައި "މަސްތަކާ" ދޯނި ހޭދަކުރި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން އެއްދުވަހުން ބޭނިފައިވަނީ 4 ޓަނު މަހެވެ. މަސްވެރިކަން ކުރަން އާންމުކޮށް ކަނދަށްވުރެ ބޭރަށް ދަތުރުކޮށް މަސް އައިނު ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދުންނެވެ. ކަނދަށްވުރެ އެންމެ ބޭރަށް ދޯނި ގޮސްފައިވަނީ ބޮއިގެ ބޭރަށް 15 ވަރަކަށް މޭލަށެވެ.

"މަސްތަކާ" ދޯނީގެ ސައިޒަކީ 52 ފޫޓެވެ. ފަޅުވެރިންގެ އަދަދަކީ 11 އެވެ. ދޯނީގެ ކެޔޮޅަކީ މ ދިއްގަރު، ވައިމަތީގެ އުމުރުން 36 އަހަރުގެ އަޙްމަދު ހަލީމެވެ.

 

ގުޅުންހުރި ލިޔުންތައް