މަސްވެރިކަމާއި ގުޅޭ

ދަތްތޫނުހިކާ

މިއީ ފުޅާހަށިގަނޑެއް ލިބިފައިވާ ހިކައެކެވެ.

މަހުގެ އެންމެ ފުޅާހިސާބު ބޮލުގެ ދިގުމިނަށްވުރެ ފުޅާވާނެއެވެ. މއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ފުނުގައިއުޅޭ ހިކައެކެވެ. މިހިކާ 60 މީޓަރުގެ އަޑީގައިވެސް އުޅޭކަމަށް ވެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. މިބާވަތުގެ ހިކާ ރާއްޖެއިން ގިނަފަހަރު ފެނިފައި ހުންނަނީ ވައިފުޅި އަޅައިގެން އަޑިއަށް ފީނާ އުޅޭ މީހުންނަށެވެ. މިއީ ދިރޭމަސް ބޭރުކުރާ ފަރާތްތަކުން ރާއްޖެއިން ބޭރުކުރާ ހިކައެކެވެ. މަހުގެ އަނގަ ކުޑަކަމުގައިވިއަސް އަނގައިގެ ކޮޅުގައި ވަރަށް ފަތިކޮށް ވަޑާންކަށްޓެއްގެ ކޮޅުގެ ސިފައިގައި ހުންނަ ތޫނު ދަތްތަކެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 25 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 14 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ގަދަ ދަނބުކުލައަށްދާ ނޫކުލައެކެވެ. މަހުގެ ބުރަކަށިމައްޗާއި ބޮލުގެ ކައިރި ހުންނަނީ ރަތްމުށި ކުލައެއްގައެވެ. މަހުގެ މަތީ ތުނބުން ފެށިގެން ތިރިއަށް ފަނޑު ދަނބު ކުލައަކަށްދާ ރޮނގެއް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައި ހުންނަނީ އޮރެންޖުކުލައެއްގައެވެ. ނިގޫފަތުގެ ބުޑުދަށުގައި ދޮންކުލައިގެ ފުޅާރޮނގެއް ހުރެއެވެ. ދަތްތައް ހުންނަނީ ނޫކުލައިގައެވެ.

މިހިކައަށް ކިޔާ ވަކިޙާއްސަނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހަށް ކިޔާ އިނގިރޭސީނަމާއި ގުޅޭގޮތަށް މަހުގައި ހުރި އެންމެ ފާހަގަކުރެވޭ އެއް ސިފައަށްވިސްނާ މި ހިކައަށް "ދަތްތޫނުހިކާ" ކިޔާ ނަންދީފައިވަނީއެވެ.

އިނގިރޭސި ނަން: Chistletooth wrasse
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!