މަސްވެރިކަމާއި ގުޅޭ

ދިވެހިރާއްޖޭގެ ހުރިހާ މަސްވެރިން ހިމެނޭ ދަފްތަރެއް އެކުލަވާލުމަކީ މިނިސްޓްރީގެ ޒިންމާއެއް

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ތެރޭގައި، މަސްވެރިންގެ ދަފްތަރެއް އެކުލަވާލުން ހިމެނެއެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތެއް ހިމެނޭ ދަފްތަރެއް އެކުލަވާލައި، އެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުމަކީ ފިޝަރީޒް މިނިސްޓްރީއަށް މަތިކުރެވިފައިވާ ޒިންމާއެކެވެ.

މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމަށްޓަކައި މަސްވެރިން އެއަށް ރަޖިސްޓްރީ ކުރަން ޖެހެއެވެ. އޭގެ ތެރޭގައި މަސްވެރިކަން ކުރާ ހުރިހާ ފަރާތެއް ހިމެނެއެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތެއް ކަމަށް ބަލާނީ، މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭ މުސާރައިގެ ބޮޑުބަޔަކީ މަސްވެރިކަން ކޮށްގެން ހޯދާ ފައިސާއަށް ވާނަމައެވެ.

އެގޮތުން، މަހެއްގެ މައްޗަށް އެމީހަކަށް ލިބޭ އާމްދަނީގެ ގޮތުގައި އެކިއެކި މަސައްކަތުން ނުވަތަ އާމްދަނީ ލިބޭ ފަދަ އެހެން ވަސީލަތަކުން ލިބޭ މިންވަރު، މަސްވެރިކަން ކޮށްގެން ލިބޭ މިންވަރަށްވުރެ ކުޑަވާން ޖެހެއެވެ.

މީގެ އިތުރުން، މަސްވެރިކަމުގެ ގަވާއިދުގައި ވާގޮތުން، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގާ ފަރާތްތަކުން، ރާއްޖޭގައި ކުރާ މަސްވެރިކަމާއި މަހާ އަދި މަހުގެ އުފެއްދުންތައް އުފެއްދުމުގެ ހަރަކާތްތަކުގެ މައުލޫމާތު ނުވަތަ ތަފާސްހިސާބުގެ ތެެރެއިން މިނިސްޓްރީން ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު، 14/2019 ގެ 9ވަނަ މާއްދާގެ ހ. ގައި ބުނަނީ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން މަސްވެރިންނާ، ފަޅުވެރިންނާއި، އޮޑިވެރިން އަދި އޮޑި ދޯނިފަހަރުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލައި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީއިން އެ ދަފްތަރު ލިޔެ ބަލަހައްޓަން ވާނެކަމަށެވެ. ށ. ގައި ބުނަނީ މި މާއްދާގައި ބަޔާންކުރާ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތު ލޯކަލް ކައުންސިލްތައް މެދުވެރިކޮށް މިނިސްޓްރީއަށް ހޯދިދާނެކަމަށެވެ. އަދި ނ. ގައި ބުނަނީ މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 100 (ސަތޭކަ) ދުވަހުގެ ތެރޭގައި، މި މާއްދާގައި ބަޔާންކުރާ ދަފްތަރު މިނިސްޓްރީން އެކުލަވާލަން ވާނެކަމަށެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!