މަސްވެރިކަމާއި ގުޅޭ

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/މަޖިލިސް
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/މަޖިލިސް

މަސްވެރިކަމާ ގުޅޭގޮތުން ސަރުކާރުން ވެފައިވާ ވަރަށް ގިނަ ވައުދުތަކެއް ފުދިއްޖެ: މިނިސްޓަރު

މަސްވެރިކަމާ ގުޅޭގޮތުން ސަރުކާރުން ވެފައިވާ ވަރަށް ގިނަ ވައުދުތަކެއް ފުދިއްޖެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ، 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ފިޝަރީޒް މިނިސްޓަރާ ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުންނެވެ.

"މަސްވެރިންނާ ގުޅޭގޮތުން މި ސަރުކާރުން ވެވަޑައިގަންނަވާފައިވާ އެއްވެސް ވައުދެއް މިހާތަނަށް ފުދިއްޖެތޯ، ފުދިފައި ވާނަމަ، އޭގެ ތަފްސީލު ދެއްވަފާނަންތޯ؟ ދެން ހަމައެޔާއެކުގަ، ތ އަތޮޅު ފުނައްޑޫގަ މަސް ގަންނަން ފެށޭނެ ތާރީޚެއް ވިދާޅުވެ ދެއްވިދާނެތޯ، އަދި މ. މުލަކުގަ ހަދަން ނިންމާފައިވާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް މިހާރު ގޮސްފަ އޮތީ ކިހާ ހިސާބަކަށް ތޯ؟" ރިޔާޒް މިނިސްޓަރާ ކުރެއްވި ސުވާލުގައި ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މަސްވެރިކަމާ ގުޅޭ ގިނަ ވައުދުތަކެއް ސަރުކާރުން ފުއްދާފައިވާ ކަމަށެވެ.

"ސަރުކާރުން މަސްވެރިކަމާ ގުޅޭގޮތުން ކުރައްވާފައިވާ ވަރަށް ގިނަ ވައުދުތަކެއް ފުދިއްޖެ. ދެން އޭގެ ތަފްސީލު ދެއްވާކަށް ވިދާޅެއް ނުވޭ. ދެން މަނިކުފާނަށް އެނގިވަޑައިގަންނަވާނެ، ސަރުކާރުން، މިސާލަކަށް ތ އަތޮޅުގަ ކަނދުފަތިތަކެއް އެޅުމަށް ވައުދުވި. އެ ކަނދުފަތިތައް އަޅުގަނޑުމެން އަޅައިފިން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތ އަތޮޅު ކަނދުފަތި އެއީ ސަރުކާރުން ފުއްދާފައިވާ އެއް ވައުދު ކަމަށާއި އޭގެ އިތުރުން، މަސްވެރިކަމުގެ މަސައްކަތް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ސަރުކާރުން ވީ ވައުދުތަކުގެ ތެރެއިން،  އިތުރު އިންވެސްޓްމެންްޓް ތަކެއް ފެލިވަރުގައި ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން ކޫއްޑޫގައިވެސް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، މ އަތޮޅުގައި އެ އިންވެސްޓްމަންޓްތައް ކުރުމަށް ސައޫދީ ފަންޑުގެ ދަށުން ތައްޔާރީތަކެއް ވަމުން ދާކަމަށެވެ.

"ދެން ފުނައްޑޫގަ މަސް ގަތުމުގެ މަސައްކަތް ފެށޭނީ ކޮންއިރަކުކަން ކަނޑައެޅިގެން އަޅުގަނޑަށް މިއަދު ދަންނަވާކަށް ނޭނގޭ. އެކަމަށްޓަކާ ކުރަންޖެހޭ އެންމެ ބޮޑު ކަމަކީ، ފުނާއްޑޫއަށް ބޭނުންވާ އާ އިންވެސްޓްމެންޓްތައް ގެނައުން. އެކަމަށް ތައްޔާރު ވުމުގެ ގޮތުން ފުނާއްޑޫއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް، އަޅުގަނޑުމެން މިނިސްޓްރީ އޮފް ފައިނޭންސާއެކު ކުރަމުން އެބަ ގެންދަން. އަޅުގަނޑު އުންމީދު ކުރަން، މި އަހަރު ފަހުކޮޅު ނުވަތަ މިއަންނަ އަހަރު ކުރީކޮޅު ފުނާއްޑޫގައި މަސް ގަތުމުގެ މަސައްކަތް ފެށޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް އެކަމަގައި، ކަނޑައެޅިގެން މިއަދު، ވަކި ތާރީހެއްގައި އެކަން ފެށޭނެއޭ ދަންނަވަން ދަތި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިއަދުގެ މަޖިލީހުގެ ތަޅުމުގައި، މަޖިލީހުގެ އެކި މެމްބަރުން ވަނީ މަސްވެރިކަމާ ގުޅުންހުރި އެކިއެކި ސުވާލު މިނިސްޓަރާ ކުރިމަތި ކުރުވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!