މަސްވެރިކަމާއި ގުޅޭ

މައުލޫމާތު: އިހީގެ މަސްވެރިކަމާއި ވިޔަފާރި

ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގައި ވާގޮތުން، އާއްމުގޮތެއްގައި އިހި ހިފާ އުޅެނީ ހުއިފިލަނޑާގެ މަސްވެރިކަމުގައި ނުކުމެ އުޅޭއިރުއެވެ. ހުއިފިލަނޑާއެކޭ އެއްފަދައިން، އިއްސަކީވެސް ފީނައިގެން، ނުވަތަ ތިލަ ތަންތަނުގައި ހިނގާލާފައިގޮސް އަތުން ނަގާ ބާވަތެކެވެ.

މިގޮތަށް އިހި ނެގުމުގައި ގިނައިން ހަރަކާތްތެރިވަނީ ބައްތި ދިއްލައިގެންނެވެ.

ދިވެހިރާއްޖޭގެ އިހީގެ ބާވަތްތައް ހިފާ އަދަދު ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން އިހީގެ މަސްވެރިކަން ކުރެވޭ މިންވަރު އެހައި ފުރިހަމައަށް  ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް، 1970 ގެ އަހަރުތަކުގެ ތެރޭގައި ޤާއިމު ކުރެވުނު، އިހީގެ ރިޕޯޓު ފޮނުވުމުގެ ނިޒާމުގެ ތެރެއިން އިހީގެ މަސްވެރިކަމުގެ މައުލޫމާތު ކޮންމެވެސް ވަރަކަށް ލިބިފައިވެއެވެ.

މި އިންތިޒާމު ހަމަޖެހިފައި އޮތް ގޮތަކީ، މަސްވެރިން ކޮންމެ ދުވަހަކު ނަގާ އިހީގެ މިންވަރު ކޮންމެ ރަށެއްގެ ރަށު އޮފީހުގައި ހުންނަ، ކަނޑައެޅޭ ވަކި ފަރާތަކަށް އެންގުމުން، އޭނާ ރިޕޯޓެއް ތައްޔާރުކޮށް، މިނިސްޓްރީގައި އޭރު ހުންނަ، މައުލޫމާތާއި ތަފާސްހިސާބު ބެލެހެއްޓުމާބެހޭ ސެކްޝަނަށް ހުށަހަޅަނީއެވެ.

ނަމަވެސް، ދިވެހިރާއްޖޭގައި ނަގާ ޖުމްލަ އިހީގެ އަދަދު މި ރިޕޯޓުތަކުން ރަމްޒުކޮށް ނުދޭކަން ފާހަގަ ކުރެވެއެވެ.

އިހި ނަގާފަިއވާކަމަށް ރިޕޯޓު ކޮށްފައިވާ މިންވަރު، 1996 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް ބަލާއިރު، އެންމެ ގިނައިން އިހި ނަގާފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވަނީ 2002 އަދި 2006 ވަނަ އަހަރުއެވެ.

ދެހާސް ދިހަ ވަނަ އަހަރު، މަސްވެރިކަމުގެ ލޮގްފޮތް ތަޢާރަފް ކުރެވުމާ ގުޅިގެން، ރަށު އޮފީސްތައް މެދުވެރިކޮށް ރިޕޯޓް ފޮނުވުމުގެ އިންތިޒާމުގެ ދަށުން ލިބެމުން ދިޔަ މައުލޫމާތުތައް މަދުވަމުން ގޮސް، ގާތްގަނޑަކަށް 2017 ވަނަ އަހަރާ ހަމައިން އެކަން އެއްކޮށް ހުއްޓުނެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!