މަސްވެރިކަމާއި ގުޅޭ

ވައިފުޅި އަޅައިގެން އެންދެމުން

މަސްވެރިން ޑައިވިންގ ކޮށްގެން އެންދަމަން ފެއްޓީ 2000 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

އެންމެ ފުރަތަމަ ޑައިވިންކޮށްގެން އެންވެރިކަންކުރީ ސ އަތޮޅުގެ މަސްވެރިންކަމަށް ބުނެވެއެވެ. އޭގެ ފަހުން ގއ އަދި ގދ މަސްވެރިން ވައިފުޅި އަޅައިގެން އެންދަމަން ފެށިއެވެ.

ޑައިވިން ކޮށްގެން އެން ހިފުމަކީ، ވައިފުޅިއަޅާ، ފީނައިގެން ކަނޑުގެ އަޑީގައި ދާ ފަތުރައިގެން އެންހިފުމެވެ. މި ގޮތަށް އެންދަމާއިރު މަސްވެރިން ބޭނުންވާ ސަރަހައްދަކަށް ފީނައިގެން އެންހިފަން ފަސޭހަ ވެއެވެ. އާންމުކޮށް އެންދަމަން ފީނަނީ 45-50 މީޓަރ އަށެވެ. އެއީ ފަރުގެ މުރަކަތައް ނުހުންނަ، ވެލިގަނޑު ފެތުރޭ ހިސާބެވެ. ފަރާއި 0.60-0.80 މޭލުގެ ދުރުމިނެކެވެ. 45 މީޓަރަށްވުރެ ތިލައަށް ދިއްލައިގެންވެސް ދޯނި ކައިރިއަށް އެން ޖަމާކުރެވިދާނެއެވެ. އެހެންނަމަވެސް، ތިލަވާ ވަރަކަށް މުރަކަތައް ގިނަވެއެވެ. އޭގެ ސަބަބުން ބިމުގެ ފަށަލައިގައި ދާ ފަތުރަން އުދަގޫވެއެވެ. އަދި ގިނަފަހަރަށް ދާ ހަލާކުވުމުގެ ފުރުސަތު ބޮޑުވެއެވެ.

ޑައިވް ސާމާނު ބޭނުން ކޮށްގެން އެންދަމަން ފެށިގެން އައި ދުވަސްވަރު މަސް ދޯނިތަކުގައި ޑައިވަރުން މަދެވެ. ޑައިވިންގ އާ ގުޅޭ މައުލޫމާތު އެގޭ މަސްވެރިންވެސް ވަރަށް މަދެވެ. އަދި ގިނަ ދޯނި ތަކުގައި ޑައިވް ސާމާނުތައް އެކަށީގެންވާ ވަރަށް ނުހުރެއެވެ. ޑައިވްކޮށްގެން އެންދަމަން ފެށި ދުވަސްވަރު ގިނަ ދޯނިތަކުގައި ޑައިވަރުންގެ ގޮތޮގައި ޚާއްސަވެފައި ތިބެނީ ދެތިން ފަޅުވެރިންނެވެ. ބައެއް ދޯނިތައް ޑައިވިން ކޮށްގެން އެންދަމަން ފެށިއިރު އެންމެ ފަޅުވެރިއެއް 45 މީޓަރަށް ޑައިވްކޮށް އެންހިފަން ގޮސްފައި އެބަހުއްޓެވެ.

ވައިފުޅިއަޅައިގެން ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް އެން ދަމައެވެ. ނަމަވެސް، އެންމެ ގިނައިން މަސްވެރިން ޑައިވްކުރަނީ ފަތިސް ގަޑީގައެވެ. ރޭގަނޑުގެ އިރާކޮޅުން ފެށިގެން ދޯނި ފަރުކައިރީގައި ނަގިލި ލުމަށްފަހު ފަތިސްވަންދެން އަލިގަދަ މާކަރީ ލައިޓްތައް ދިއްލާފައި ބާއްވަނީއެވެ. ފަތިހު 04:30 ން ފެށިގެން ފަޅުވެރިން ތައްޔާރުވެ، 05:00-05:15 އާ ދެމެދުގެ ވަގުތެއްގައި ޑައިވަރުން ތައްޔާރުވެގެން އަޑިއަށް ދެއެވެ. ޑައިވަރުން ދިއުމުގެ ކުރިން ދާ އޮންނަނީ އައްސާފައި އަޑިއަށް ދޫކޮށްފައެވެ.

ޑައިވަރުން އަޑިއަށް ގޮސް، ދާ މޮހެލުމަށްފަހު ބިންމަތީގައި ފަތުރާލައެވެ. އާންމުކޮށް ގިނަ ދޯނިތަކުގައި މަދުވެގެން 4 ޑައިވަރުން އަޑިއަށް ދާތީވެ، ދާ ފަތުރަން ވަރަށް ފަސޭހަވެއެވެ. ދާ ފަތުރާ ނިމުމަށްފަހު އެންގަނޑު ހުންނަ ދިމާލަށް ޑައިވަރުން ގޮސް ބައްތިން އަލިކުރަން ފަށައެވެ. ބައްތިތަކުގެ އަލީގެ އެހީގައި ދަލުގެ މަށްޗަށް އެންތައް ލަވަމުންގެންދެއެވެ. އެންތައް ދަލަށް އަރަން ފެށުމުން، ޑައިވަރުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާ ފަޅުވެރިޔާ ދަލުގައި އައްސާފައި ހުންނަ ވަލަށް ދަމާ، ދާ ނެގުމަށް މަތީގައި ހަރަކާތްތެރިވާ ފަޅުވެރިންނަށް ސިގްނަލް ދެއެވެ. އެއާއެކު އެންމެން އެކީ ދާ ނަގަން ފަށައެވެ.

ޑައިވަރުން އަޑީގައި ކުރާ މަސައްކައް ބުރަވުން ނުވަތަ ފަސޭހަވުން ބިނާވެފައި އޮންނަނީ އޮއިވަރާއި، އަޑީގައި މުރަކަ/ގައު ހުންނަ މިންވަރެއްގެ މަށްޗަށެވެ. މިއިން އެއްވެސް ކަމެއް ދިމާނުވެ، ހަމަޖެހިލައިގެން ޑައިވްކުރެވޭ ދުވަހެއްގައި ޑައިވަރުން އާންމުކޮށް 15-20 މިނެޓް ތެރޭގައި ޑައިވް ނިންމާ މަށްޗަށް އަރަން ފަށައެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!