މަސްވެރިކަމާއި ގުޅޭ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިފްކޯއިން ހުޅުވި މަސްފިހާރަ -- ފޮޓޯ/ މިފްކޯ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިފްކޯއިން ހުޅުވި މަސްފިހާރަ -- ފޮޓޯ/ މިފްކޯ

ހިޔާ ފްލެޓްގައި މިފްކޯގެ ފިހާރައެއް ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ފިހާރައެއް ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވާފައި ވަނީ، ރޭ ހިޔާފުލެޓު ޓަވަރ 2 ގައެވެ. ހާއްސަ ރަސްމިއްޔާތަކާއެކު މިފްކޯ މަސްފިހާރަ ހުޅުއްވައިދެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އާއި މިފްކޯގެ ޗެއާމަން ހުސެން އަމްރު އެވެ.

މިފްކޯއިން ބުނީ، އެ ކުންފުނީގެ މަސްފިހާރަ ފޭސް 2 ގައި ހުޅުވަން ނިންނީ، ހިޔާ ފްލެޓްތަކުގައި ބޮޑު އާބާދީއެއް އޮންނާތީ، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ހެޔޮއަގުގައި، ލުއިފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން މިފްކޯއިން ހުޅުމާލެ ފޭސް 2ގައި މަސްފިހާރައެއް މިހުޅުވީ ހުޅުމާލެ ފޭސް 2ގައި އުޅޭ ރައްޔިތުންނަށް މިފްކޯގެ ޕްރޮޑަކްޓްސް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި.. މިފްކޯއަކީ ރައްޔިތުންނާއި ވަރަށް ގާތުން މަސްއަކަތްކުރަމުންދާ ކުންފުންޏަކަށްވެފައި މިފިހާރަވެގެންދާނީ މިފްކޯގެ ޚިދުމަތްތަކަށް ލިބުނު އިތުރުކުރިއެރުމަކަށް" މިފްކޯގެ ޗެއާމަން ހުސެން އަމްރު ވިދާޅުވިއެވެ.

އާ ފިހާރައާ ގުޅިގެން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މިފްކޯގެ ފަރާތުން އާ އުފެއްދުންތައް މިހާރުވެސް އަންނަން އެބަހުރި ކަމަށެވެ. އަދި ކައިރި މުސްތަގްބަލެއްގައި ޕްރޮޑަކްޓު ޑިވެލޮޕްމެންޓް ނިމި، އެ އުފެއްދުންތައްވެސް މާކެޓަށް ނެރެވިގެންދާނެ ކަމަށެވެ.

އާންމުންގެ އިތިބާރު ހޯދާފައިވާ މިފްކޯގެ ހުރިހާ އުފެއްދުމެއް މެދުކެނޑުމެއްމެތި ލިބެން ހުންނަ މިފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި މިފްކޯގަ ފަރާތުން ކުންފުނީގެ އުފެއްދުންތައް ރަހަބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލިއެވެ. މިގޮތުން ޝެފް ނަހީޒް (ނާބެ) ވަނީ މިފްކޯގެ ކަސްޓަމަރުންގެ އެންމެ ބޮޑު ތަރުހީބު ލިބިފައިވާ އުފެއްދުންތަކާއި އަލަށް ތައާރަފް ކޮށްފައިވާ ތެޔޮއުކާލަން ނުޖެހޭ "ޑްރެއިންޑް ކަނޑުމަސް ޗަންކްސް" މަސްދަޅު ބޭނުންކޮށްގެން ރަހަމީރު ޑިޝްތަކެއް އެކުލަވާލާފައެވެ.

އެހެންފިހާރަތަކެކޭ އެއްފަދައިން މާލެ ސަރަހައްދުގެ ހަތަރު ވަނަ މަސްފިހާރަވެސް ހުޅުވާފައިހުންނާނީ ހެނދުނު 8:30 ން ރޭގަނޑު 10:00 އަށް، ހިޔާ ފުލެޓް ޓަވަރ 2 ގެ ގްރައުންޑްފްލޯގައެވެ.

މިފްކޯމަސްފިހާރައިން ލިބެންހުންނަ އުފެއްދުންތަކުގެ ތެރޭގައި ކަސްޓަމަރުންގެ ލޯބިލިބިފައިވާ ފަސްމީރު ބްރޭންޑުގެ ދަޅުމަސް، ގަނޑުކުރި އަދި ހިކިމަހުގެ ބާވަތްތަކާއި ވަގުތުން ތައްޔާރުކޮށްލެވޭ މަހުގެ އުފެއްދުންތައް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!