މަސްވެރިކަމާއި ގުޅޭ

ރ. މަޑުއްވަރި/ ފޮޓޯ:މަޑުއްވަރީ މަސްވެރިން
ރ. މަޑުއްވަރި/ ފޮޓޯ:މަޑުއްވަރީ މަސްވެރިން

ފެންވަރު ރަނގަޅަށް ވަޅޯމަހާއި، މަހުގެ ތަފާތު ބާވަތްތައް ތައްޔާރުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް މަޑުއްވަރީގައި ބާއްވަނީ

ފެންވަރު ރަނގަޅު ވަޅޯމަހާއި އަދި މަހުން ތައްޔާރުކުރާ ތަފާތު ބާވަތްތައް ތައްޔާރުކުރުމަށް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ބޭއްވުމަށް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާއިން އިއުލާނު ކޮށްފިއެވެ.
މަޑުއްވަރީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ، މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ އާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި ގުޅިގެން މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީކުރުމަށް، "ޕްރޮމޯޝަން އޮފް ބުލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ އޮފް މޯލްޑިވްސް" ގެ ނަމުގައި ޕްރޮޖެކްޓެއ ފަށާފައި ވާކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން، ފެންވަރު ރަނގަޅު ވަޅޯމަހާއި އަދި މަހުން ތައްޔާރުކުރާ ތަފާތު ބާވަތްތައް ރައްކާތެރިކަމާއިއެކު ފެންވަރު ރަނގަޅުކޮށް ތައްޔާރުކުރުމަށް ދަސްކޮށްދޭ، ހަތަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް، މި މަހުގެ 29ވަނަ ދުވަހުން ފެށިގެން، ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މިތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ ޖަޕާނުގެ ކަމާއިގުޅޭ މާހިރަކާއި ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނެވެ.

އެހެންކަމުން، މި މިތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ގޫގްލް ފޯމް ފުރުމަށްފަހު، މި މަހުގެ 27 ވަނަ ދުަވހުގެ ކުރިން ޕްރޮގްރާމްގައި ރަޖިސްޓްރީވުމަށް ކައުންސިލްގެ އިއުލާނުގައި ވަނީ އެދިފައެވެ.

މިތަމްރީނު ޕްރޮގްރާމްގައި ބައިވެރިކުރުމަށް ހަމެޖެހިފައިވަނީ އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ 25 މީހުންނަށެވެ. އަދި މި ޕްރޮގްރާމްގައި ގިނަ އަންހެނުން ބައިވެރިވުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!