މަސްވެރިކަމާއި ގުޅޭ

MIFCO CEO

ރައީސްގެ ތަސައްވަރަކީ، ރާއްޖޭގައި ބާނާ މަސް ރާއްޖޭގައި ޕްރޮސެސް ކުރެވޭނެ ނިޒާމެއް ގާއިމު ކުރުން: ފައުޒީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ތަސައްވަރަކީ، ރާއްޖޭގައި ބާނާ މަސް، ރާއްޖޭގައި ހިފެހެއްޓި، ރާއްޖޭގައި ޕްރޮސެސް ކުރެވޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށް މިފްކޯގެ ސީއީއޯ އިބްރާހިމް ފައުޒީ ވިދާޅުވެއްޖެއެވެ.

ފައުޒީ މިހެން ވިދާޅުވީ، ރޭ، ޓީވީއެމްގެ އެޖެންޑާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިކަމުގެ ސިނާއަތަށާއި މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި މިފްކޯއިން ކުރާ މައިގަނޑު މަސައްކަތްތަކަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވަމުން ފައުޒީ ވިދާޅުވީ، ސަރުކަރުގެ ވައުދުގެ ލިސްޓުގައި މަސްވެރިކަމުގެ ސިނާއަތަކީ ވަރަށް މުހިންމު ސިނާއަތެއް ކަމަށެވެ.

"ދުނިޔޭގެ ބޯޑަރތައް ކްލޯޒްވެ، އަދި އަޅުގަނޑުމެން ރާއްޖޭގެ ބޯޑަރތަކާ އެއްޗެހި ކްލޯޒްވެ، ސިނާއަތަކީ މުހިންމު ސިނާއަތެއްކަން އަޅުގަނޑުމެންގެ މަސްވެރިން އަދި މިފްކޯ ކުރީސަފަށް ނުކުމެ ކުރި މަސައްކަތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ސާބިތުކޮށްދީފި. އެހެންވީމަ ސަރުކާރުގެ ވައުދުގެ ލިސްޓުގަ، މިފްކޯ ތަރައްގީކުރަން ވަރަށް ރަނގަޅު އިންވެސްޓްމެންޓްތަކެއް އެބަހުރި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ނުކުންނަނީ އެކަން ހާސިލް ކުރަން. މިހާރު މަސައްކަތް ގިނަ ދިމަދިމާލުގަ ފެށިފަ ހުރީ،" ފައުޒީ ވިދާޅުވިއެވެ.

ފާއިތުވި ތިން އަހަރުވެސް އަދި މި އަހަރުގެ ޖެނުއަރީން ފެށިގެންވެސް ދެކުނަށް އައީ ވަރަށް ރަނގަޅު މަސްވެރިކަމެއް ކަމަށާއި އަދި މިިދިޔަ ސެޕްޓެމްބަރުގައިވެސް މަސްވެރިކަން ވަރަށް ރަނގަޅުކަމަށް ފައުޒީ ވިދާޅުވިއެވެ.

"އެހެންވީމަ މި ސިނާއަތް އިތުރަށް ތަރައްގީކުރަން، އިރާދަ ކުރެއްވިއްޔާ އެއް ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް މިފްކޯއަށް އެބަ އާދޭ. އަދި ބައެއް ދިމަދިމާލުގަ މަސައްކަތް ނުފެށި ލަސްވާތީ، އަޅުގަނޑުމެން އެއަށް ވަގުތީ ހައްލުތައްވެސް އެބަ ހޯދަން،" ފައުޒީ ވިދާޅުވިއެވެ.

ހާއްސަކޮށް، މިދިޔަ އަހަރު މިފްކޯއިން ގެނައި ދެ ބޯޓުގެ މުހިންމުކަން ފައުޒީ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރެއިން އެއް ބޯޓަކީ މިފްކޯގެ ސްޓޯރޭޖަށް ވަގުތީ ހައްލެއް ހޯދަން ގެނައި، 2400 ޓަނުގެ ރީފަރ ކެރިއަރއެއް ކަމަށާއި އަދި އުތުރުގެ މަސްވެރިކަމަށް ހުރި ގޮންޖެހުންތަކަށް ގެނައި، 120 ޓަނުގެ ކެޕޭސިޓީގެ ބްރޭން ފްރީޒަރއެއް ކަމަށް ފައުޒީ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން މި ހުރިހާ ކަމަކަށް ވަށާޖެހޭ ހައްލު ހޯދަން، ރާއްޖޭގެ މަސްވެރިކަމުގަ ބާނާ މަސް، ރާއްޖޭގަ ހިފެހެއްޓި، އެ ޕްރޮސެސް ކުރެވޭނެ ނިޒާމެއް، އިރާދަ ކުރެއްވިއްޔާ ރައީސްގެ ތަސައްވަރަކީ އެއީ. މަސްވެރިންނަށް ދާއިމީ ހައްލެއް ހޯދަން. މި ސިނާއަތަކީ ރާއްޖޭގެ ބިލިއަން ޑޮލަރުގެ ސިނާއަތަކަށް ހަދާ، ޓޫރިޒަމާ އެއްވަރު ސިނާއަތަކަށް އަޅުގަނޑުމެންނަށް ނެހެދުނު ނަމަވެސް، ހަމައެޔާ ކައިރިކުރާ ސިނާއަތަކަށް އަޅުގަނޑުމެންނަށް ހެދިދާނެ،" ފައުޒީ ވިދާޅުވިއެވެ.

އެހެންކަމުން، ކޮންމެ މީޑިއަމެއްގަ ޕްރޮސެސްކުރަން ޖެހުނު ނަމަވެސް، އެ މަސައްކަތް ކުރުމަށް ސަރުކާރުގެ ގުޅުންހުރި ހުރިހާ އިދާރާތަކާއެކު ވަރަށް ރަނގަޅަށް މަސައްކަތް ކުރެވެމުން ދާކަމަށް ފައުޒީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ކަލޭމެން ބޭނި މަހުގެ ޝިޕްމަންޓް އަލަންގިރި ކިރީވެސް

Comments are closed.