މަސްވެރިކަމާއި ގުޅޭ

ރަށްރަށުގެ ފަޅުތެރޭގައި މަސް ހިފުމަށް ދައު ދަމައިފައި ބޭއްވޭނީ ގިނަވެގެން 2 ގަޑިއިރަށް

މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުތެރެއިން ދައު ބޭނުންކޮށްގެން މަސްވެރިކަން ކުރުމުގައި ދައު ދަމައިފައި އެންމެ ގިނަވެގެން ބޭއްވޭނީ 2 ގަޑިއިރަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މީހުން ދިރިއުޅޭ ފަޅުގެ ސަރަހައްދުން މަސްވެރިކަން ކުރުމުގައި ބައެއް ފަރާތްތަކުން އަމަލު ކުރަމުންދާ ގޮތާމެދު ރަށްރަށުގެ ރައްޔިތުންގެ ނުރުހުން ފާޅުކޮށް، ބައެއް އަމިއްލަ ފަރާތްތަކުން އެ މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ.

އަދި އެފަދަ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށާއި އެފަދަ ހާލަތްތަކުގައި ކައުންސިލްތަކަށް ޢަމަލުކުރެވިދާނެ ގޮތަކީ ކޮބައިތޯ ސާފުކުރުމަށް ބައެއް ކައުންސިލް ތަކުންވެސް މިނިސްޓްރީގައި އެދޭ ކަމަށެވެ.

އެހެންކަމުން، ފަޅުފަޅުން މަސްވެރިކަން ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތުގެ ގާނޫނީ އޮނިގަނޑު މިވަގުތު އޮތްގޮތް، އަދި ކައުންސިލްތަކުން ފާހަގަ ކުރައްވާ އެފަދަ މައްސަލަތައް ހައްލު ކުރުމަށްޓަކައި ކައުންސިލްތަކަށް ކުރެވިދާނެ ބައެއް ކަންކަމަށް އަލިއަޅުވާލައި ފިޝަރީޒް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ މައުލޫމާތު ކަރުދާހެއް ފިޝަރީޒް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ.

އެގޮތުން ކަނޑައަޅާ ފަޅުފަޅުން މަސްވެރިކަންކުރުމުގައި ޢަމަލުކުރަން ޖެހޭ ގޮތުގެ ޤާނޫނީ އޮނިގަނޑުގައިވާގޮތުން މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުގެ ސަރަޙައްދުގައި ވަކިވަކި ފަރުދުން އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގެ ހަރަކާތްތަކުގައި ދައު ބޭނުންކޮށްގެން މަސްވެރިކަން ކުރެވިދާނެއެވެ. އަދި ދައު ބޭނުންކޮށްގެން ކުރާ މަސްވެރިކަމުގެ އިތުރުން، މަސްވެރިކަމުގެ ޤާނޫނާއި ގަވާއިދުތަކުގެ ދަށުން މަނާކޮށްފައި ނުވާ ކޮންމެ ބާވަތެއްގެ މަސްވެރިކަމެއްވެސް އެ ސަރަހައްދުގައި ކުރެވިދާނެއެވެ.

މަސްވެރިކަމަށް ބޭނުންކުރާ ދައުގައި ވަކި ހާއްސަ އުސޫލުތަކެއް ހުންނަންޖެހެއެވެ. އެގޮތުން ދަލުގެ ބޮޑުމިން 300 ފޫޓަށްވުރެ ދިގުވެގެން ނުވާނެ ކަމަށާއި، މަސްވެރިކަންކުރުމަށް ދައު ދެމުމަށްފަހު، ދައު ދޫކޮށްލައިފައި ގޮސްގެން ނުވާނެއެވެ.

މަސްވެރިކަން ކުރުމަށް ދައު ބޭނުންކުރާއިރު ފަރަށް ގެއްލުން ލިބޭނެ ފަދަ އެއްވެސް ކަމެއްވެސްކޮށްގެން ނުވާނެއެވެ.

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!