މަސްވެރިކަމާއި ގުޅޭ

އޮއިވާލި ކަނދުފަތި/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ކަނދުފަތި ކައިރިން މަސްވެރިކަން ކުރެވޭނީ ކޮން ފަރާތްތަކަކަށް؟

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދުތަކާ ގުޅޭ އަތްމަތީ ފޮތުގައި ވާގޮތުން، ރަތް ބޮއި ކަނދުފައްޗަކީ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ކުރުމަށް ހާއްސަކޮށް ހަރުކޮށްފައިވާ ކަނދުފަތިތަކެވެ. އަދި ރީނދޫ ބޮއި ކަނދުފައްޗަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމަށް ހާއްސަކޮށް ހަރުކޮށްފައިވާ ކަނދުފަތިތަކެވެ.

އެގޮތުން ދޮށީގެ މަސްވެރިކަން ކުރުމަށް ގާއިމު ކޮށްފައިވާ އޮއިވާލި ކަނދުފަތީގެ ވިއުގާގައި ހިމެނޭ ކަނދުފައްޗެއްގެ ވަށައިގެން ތިން މޭލު ސަރަހައްދެއްގައި ކުރެވޭނީ އާއްމުކޮށް ދިވެހިން ކުރާ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން އެކަންޏެވެ.

އަދި މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަމަށް ގާއިމު ކޮށްފައިވާ އޮއިވާލި ކަނދުފަތީގެ ވިއުގާގައި ހިމެނޭ ކަނދުފައްޗެއްގެ ވަށައިގެންވާ އެއް މޭލު ސަރަހައްދެއްގައި، ކަނޑުމަހުގެ ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަން ފިޔަވައި އެހެން މަސްވެރިކަން ކުރެވޭނެއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޔާދާ ކަނދުފަތި ދޫކުރުމަކީ މަނާކަމެކެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނދުފަތި ގާއިމު ކުރެވޭނީ ފިޝަރީޒް މިނިސްޓްރީއަށެވެ. ނުވަތަ އެ މިނިސްޓްރީން އަންގާ ފަރާތަކަށެވެ.

ފިޝަރީޒް މިނިސްޓްރީން ހަރުކުރާ ކަނދުފަތިތަކުގެ ލިސްޓް، އެ މިނިސްޓްރީގެ ވެބްސައިޓުގައި ފެންނަން ހުރެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!