މަސްވެރިކަމާއި ގުޅޭ

މުޅަދޫ ބޭރުގައި އޮތް ކަނދުފަތި ކައިރިން ދިވެހި މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރައި އަނެއްކާވެސް ބިރުދައްކައިފި

ހއ. މުޅަދޫ ބޭރުގައި އޮތް ކަނދުފައްޗާ ތިން މޭލު ކައިރިން ދަތުރުކުރަމުންދިޔަ މަސް ދޯންޏަކަށް އިންޑިއާގެ ކޯސްޓުގާޑުގެ ސިފައިން އަރައި މަސްވެރިންނަށް ބިރުދައްކައިފިއެވެ.

ރޭ ދަންވަރު 12:00 ޖަހާކަންހާއިރު، އިންޑިއާ ސިފައިން އަރާފައިވަނީ، ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން ގެންދާ ހއ. އިހަވަންދޫ "މާހޯރަ-3″ ދޯންޏަށެވެ.

އެނގިފައިވާ ގޮތުގައި ހަތިޔާރާއެކު އިންޑިއާ ސިފައިން އެ ދޯންޏަށް އެރުމަށްފަހު ފުރަތަމަވެސް އެދުނީ ސެޓްލައިޓް ފޯނު ދިނުމަށެވެ. އަދި ދޯނީގެ ހުރިހާ ކައްޅިއެއް ބަލައި ފާސްކުރިކަން އެނގިފައިވެއެވެ. އަދި އެ މީހުން ވަނީ، ދޯނީގައި ތިބި މީހުންނާ ދިމާލަށް ބަޑި ދިއްކޮށްފައިކަންވެސް އެނގިފައިވެއެވެ.

"މާހޯރަ-3" މި ދޯންޏަކީ މިމަހުގެ އެއް ވަނަ ދުވަހު ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަހައްދުން އިންޑިއާ ސިފައިން އަރައި ބާލާ ފާސްކުރި ތިން ދޯނީގެ ތެރެއިން ދޯންޏެވެ.

މި މަހުގެ އެއް ވަނަ ދުވަހު އިންޑިއާ ސިފައިން ރާއްޖޭގެ ސަރަހައްދަށް ވަދެ ރާއްޖޭގެ ތިން މަސް ދޯންޏެއް ޗެކްކުރީ ބައިނަލްއަުވާމީ ގަވާއިދުތަކާ ހިލާފަށް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. ރާއްޖެއިން ވަނީ ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދަށް އިންޑިއާގެ ސިފައިން ވަދެ، ރާއްޖޭގެ މަސްދޯނިތަކެއް ހުއްޓުވައި ބަލައިފާސްކުރި ސަބަބު ލިޔުމުން ހޯދުމަށް އެ ގައުމުގެ ސަރުކާރުގައި އެދިފައެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!