މަސްވެރިކަމާއި ގުޅޭ

429454286_1405752433666899_3138438478067108367_n

މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއި މާރކެޓުކުރުގެ ހުނަރު ދަސްކުރަން ދިވެހިން ޖަޕާނަށް

މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމުގެ މަޤްޞަދުގައި، ޖައިކާއާއި ދިވެހި ސަރުކާރު ގުޅިގެން މި މިނިސްޓްރީން ހިންގަމުންގެންދާ "ޕްރޮމޯޝަން އޮފް ބުލޫ އިކޮނޮމީ އިން ދަ ފިޝަރީޒް ސެކްޓަރ'' ޕްރޮޖެކްޓުގެ ދަށުން، ނިމިދިޔަ ފެބުރުވަރީ 13 އިން 27 ގެ ނިޔަލަށް ޖަޕާންގެ ޝިކޮކުގައި ހިންގުނު "އިމްޕްރޫވިންގ ކެޕޭސިޓީ ޓު ސަޕޯޓް ފިޝިންގ ކޮމިޔުނިޓީޒް" ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، އެކޯހުގެ ބައިވެރިން އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

އަދި، މި ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނާ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް، މިނިސްޓްރީ އޮފް ފިޝަރީޒް އެނޑް އޯޝަން ރިސޯސަސްގައި މިއަދުވަނީ ބައްދަލުކުރައްވާފައެވެ.

ޖަޕާންގެ ޝިކޮކުގައި ހިންގުނު މި ތަމްރީނުގައި ބައިވެރިވީ، "ޕްރޮމޯޝަން އޮފް ބުލޫ އިކޮނޮމީ އިން ދަ ފިޝަރީޒް ސެކްޓަރ'' ޕްރޮޖެކްޓްގައި ބައިވެރިވެފައިވާ  3 ރަށް ކަމުގައިވާ ރ.މަޑުއްވަރި، މ.ދިއްގަރު، އަދި ފ.ނިލަންދޫ އިން ކޮންމެ ރަށަކުން 2 ބައިވެރިންގެ އިތުރުން، ޕްރޮޖެކްޓްގެ މެނޭޖަރ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނަރަލް އާދަމް މަނިކުއާއި ޑިރެކްޓަރ އައިމިނަތު ނާޒިމާއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި، ޖަޕާނުގެ ޝިކޮކުގެ ތިން ޕްރިފެކްޗަރެއްގެ ތަފާތު އެކި ތަންތަނަށް ޒިޔާރަތްކޮށް ކަމާ ގުޅޭ ތަމްރީނާއި ތަޖްރިބާ ހޯދާފައިވެއެވެ. މި ތަމްރީނު ޕްރޮގްރާމް މައިގަނޑުގޮތެއްގައި ރާވާފައިވަނީ ކަނޑުމަހުގެ ތަފާތު ބާވަތްތަކުން ޖަޕާނުގައި ތައްޔާރުކުރާ ބާވަތްތައް ތައްޔާރުކުރާ ގޮތާއި، ބަންދުކުރާގޮތާއި އަދި މާކެޓްތަކަށް ވިއްކުމުގެ ކުރިން ކޮންމެ ބާވަތެއްވެސް ކަޑައްތުކުރާ މަރުޙަލާތަކާ ގުޅޭ މަޢުލޫމާތު ލިބިދޭ ގޮތަށެވެ. ކުދި އަދި މެދު ފަންތީގެ މަސްވެރިކަމުގެ ފާހަގަކުރެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ ވިޔަފާރިތަކާއި އުފައްދާ އުފެއްދުންތަކުގެ މަޢުލޫމާތުވެސް ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުން ބައެއް ފިޝަރީޒް ކޯޕަރޭޓިވް އެސޯސިއޭޝަންތަކުން ހިންގާ މަހުން ތަފާތު އަގުއެއްކުރި  ބާވަތްތައް ތައްޔާރުކުރާ ތަންތަނަށްވެސް ޒިޔާރަތްކޮށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. މިގޮތުން، ޖަޕާނުގެ ބައެއް ޕްރޮޑަކްޓްތައް ތައްޔާރުކުރުމުގައި ބައިވެރިން ޢަމަލީގޮތުންވެސް ޙަރަކާތްތެރިވެފައިވެއެވެ. އަދި، ކޯޕަރޭޓިވް އެސޯޝިއޭޝަންތަކުގެ އަންހެނުންގެ ގޮފިތަކުން، މަހުގެ އަގުއެއްކުރި ބާވަތްތައް ތައްޔާރުކުރުމުގެ އިތުރުން ކުރިއަށް ގެންދާ އެހެނިހެން ޙަރަކާތްތައް ހިންގާގޮތުގެ މަޢުލޫމާތު ހޯދާފައިވެއެވެ. މަހުން ތައްޔާރުކުރާ ތަފާތު ބާވަތްތައް ޢާއްމުކޮށް ވިއްކަން ހުންނަ، ރޯޑް ސްޓޭޝަންތަކުގެ ރީޓެއިލް އައުޓްލެޓްތަކަށް ޒިޔާރަތްކޮށް މަހުން ތައްޔާރުކުރާ ބާވަތްތައް އެތަނުގައި ވިއްކުމަށް ބަހައްޓާގޮތުގެ މަޢުލޫމާތުތައް ވެސް ހޯދުނެވެ.

ތަމްރީން ޕްރޮގްރާމްގެ ބައިވެރިންގެ ނަޒަރުގައި، މި ޕްރޮގްރާމަކީ އެ ފަރާތްތަކަށް، އަގުއެއްކުރި މަހާއި މަހުގެ ބާވަތްތައް ތައްޔާރުކޮށް މާރކެޓްކުރަމުން ގެންދާގޮތުގެ މަޢުލޫމާތާއި ޢަމަލީގޮތުން އެކަންކޮށް ތަޖުރިބާކުރުމަށް ލިބިގެން ދިޔަ ވަރަށް ބޭނުންތެރި ތަމްރީނު ކޯހެއް ކަމުގައި ފާހަގަކުރިއެވެ. މިފަދަ ފުރުޞަތެއް ލިބުނީތީވެ، ކޯހުގެ ބައިވެރިން، ޖައިކާއާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަށް ޝުކުރުއަދާކުރިއެވެ. މިތަމްރީނު އެހީގައި، ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވި މެންބަރުން ނިސްބަތްވާ 3 ރަށުގައި އުފައްދާ އުފެއްދުންތަކުގެ އިތުރުން، ކުރިން އުފައްދާފައި ނުވާ އައު ބާވަތްތައް ތައްޔާރުކޮށް ބާޒާރަށް ނެރުމުގެ އަޒުމްގައި ތިބިކަން ބައިވެރިން ފާހަގަކުރިއެވެ. މި ތަމްރީނުގެ ސަބަބުން މި 3 ރަށުގައި އުފައްދާ މަހުގެ އަގުއެއްކުރި ބާވަތްތައް އުފެއްދުމަށް އެކަށީގެންވާ ބޮޑު ބަދަލެއް ކުރިމަގުގައި ފެނިގެންދާނެކަމަށް އުއްމީދުކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!