މަސްވެރިކަމާއި ގުޅޭ

މަސް ހިއްކުމަށް އަވީގައި ބަހައްޓާފައި - ފޮޓޯ: ރ. މަޑުއްވަރީ މަސްވެރިން

އިހުޒަމާނުގައި ހިކިމަހާއި ވަޅޯމަސް ތައްޔާރުކުރިގޮތް

ހިކިމަހާއި ވަޅޯމަސް ތައްޔާރުކުރުމުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރަނީ އަންހެން ކަނބަލުންނެވެ.

އިހުޒަމާނުގައި އާއިލާގެ ހުރިހާ މެމްބަރުންގެ ބައިވެރިވުން އޮވެއެވެ. ޚާއްސަކޮށް ކަނޑުމަސް ކަނޑާ ސާފްކޮށް، ކަށިފަތިތައް ނަގާ ކިބަކުރުމަކީ ގިނަ ވަގުތު ހޭދަވާ ކަމަކަށް ވުމުން، ގޭގޭ ގިނަ މެމްބަރުން ބައިވެރިވެ މަސްކެނޑުމުގެ މަސައްކަތުގައި ބައިވެރިއެވެ. ތެއްޔަށް އަޅައި ކައްކަނީ ކިބަ ކޮށްފައި ހުންނަ މަހެވެ. އެއިރު ބޭނުންކުރާ ތެލިތައް ކުޑަވުމުން ގިނައިން މަސް ކައްކަން ވެއްޖިއްޔާ، ފުރަތަމަ ތެއްޔަށް އަޅާ މަސް ރޯފިލުމުން، އެމަސްތައް ނަގާ ދުމަށީގައި ޖެހުމަށް ފަހު ބާކީ ހުންނަ މަސްތައް ކައްކަނީ އެވެ.

ހުވަދުއަތޮޅުގައި ކުރީ ޒަމާނުގައި މަހުގެ ބޮލާއި ކަށިފަތިތައް އުކާލައެވެ. ނަމަވެސް ރާއްޖޭގެ ބައެއް އަތޮޅުތަކުގައި މަސްކައްކާ ނިމުމުން ބޮލާއި ކަށިފަތިވެސް ކައްކައެވެ. ސަބަބަކީ މަސްކެއްކުމަށްފަހު އެ ގަރުދިޔަ ތެލީގައި ބޮލާ ކަށިފަތި ކެއްކުމުން ގަރުދިޔަ ތެލި އޮލަވެ އެއިން ހަދާ ރިހާކުރު މީރުވެއެވެ.

މަސްކައްކާ ނިމުމުން މަސްތައް ނަގާ ބަހައްޓަނީ އުނދުނާ ދިމާލުން ތިންފޫޓެއްހާ މަތީގައި ހަދާފައި ހުންނަ ދުމަށި މަތީގައެވެ. އަދި އެނެއްދުވަހު މަހުގެ އަރިވަކިކޮށް ދުމަށި މަތީގައި މަސްތައް އަތުރާ ދުންއަރުވައިގެން ހޫނުކޮށް ދިލަ ޖައްސަނީއެވެ. އެދުވަހުގެ ހަތަރުދަމު ދުމަށީގެ ދަށުގައި އަންދާފައި ހުންނަ އަލިފާނުގެ މަޑުގިނިން ހޫނު ކުރުމަށްފަހު، 3 ވަނަ ދުވަހު މަސްތައް ނަގާ އަތްވައްލައެވެ. މިއަށް ކިޔަނީ މަސް އަވީއްލުމެވެ. މިގޮތަށް ދިލަޖައްސާފައި ދުމަށިމަތިން ނަގާ މަހަށް ކިޔަނީ ވަޅޯމަހެވެ. މަސްތައް އަވީއްލާތާ ގާތްގަނޑަކަށް ތިން ދުވަސްފަހުން ހިކި މަހަށް ބަދަލުވެއެވެ. އަވީގައި މަސްތައް ބަހައްޓާ ދުވަސްތައް ބިނާވަނީ މަސް ހަރުކުރަން ބޭނުންވާ މިންވަރެއްގެ މަށްޗަށެވެ. ގިނަ ދުވަހު އަވީގައި ބެހެއްޓުމުން މަސްތައް ހުންނާނީ ވަޅިއަކުން ފަސޭހައިިން ކޮށާ ނުލެވޭހާ ހަރުވެފައެވެ. ތިން ހަތަރު ދުވަހު އަވީއްލުމަށްފަހު މާލެއަށް މަސް ވިއްކަން ގެންނަނީ ގޯނިގޯންޏަށް އަޅައިގެންނެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!