މަސްވެރިކަމާއި ގުޅޭ

GNDmfUIbsAAQnCs (1)

މޯލްޑިވިއަންގެ ފްލީޓަށް އިތުރު އޭޓީއާރު ބޯޓެއް ގެެނެސްފި

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓު ޒަމާނީކުރުމަށްކުރުމަށް ކުރާ މަސައްކަތުގެ ދަށުން އޭޓީއާރު މަރުކައިގެ އިތުރު މަތިންދާބޯޓެއް ރާއްޖެ ގެނެސްފިއެވެ. މިއީ މޯލްޑިވިއަންގެ ފްލީޓަށް ގެނައި އޭޓީއާރު މަރުކައިގެ 4 ވަނަ މަތިންދާ ބޯޓެވެ.

މޯލްޑިވިއަންގެ ފްލީޓަށް އިތުރު އޭޓީއާރު ބޯޓެއް ގެނައުން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި، ސިޓީތަކާއި އިދާރާ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފްލާގައި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މޯލްޑިވިއަންނަށް ޒަމާނީ ބަދަލުތައް ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އުއްމީދަކީ މޯލްޑިވިއަންގެ ދަތިތަކަށް ހައްލު ހޯދައިދީ މިއަހަރު ފަހުކޮޅު މޯލްޑިވިއަންގެ ފްލައިޓު ރާއްޖެއާއި ދުރު މަންޒިލްތަކަށް އުދުހުންތައް ބޭއްވުންކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވަނީ ކުންފުނީގެ އޮޕަރޭޝަންސްއަށް އޭޓީއާރު މަރުކައިގެ ބޯޓުތަކާއެކު އަންނަ ކުރިއެރުންތައް ފާހަގަކޮށްފައެވެ. އަދި މިހާރުވެސް އިތުރު 3 އޭޓީއާރު މަތިންދާ ބޯޓަށް އޯޑަރު ދީފައިވާކަމަށް އިޔާސް ވިދާޅުވިއެވެ.

"އިތުރަށް 3 މަތިންދާބޯޓަށް މިހާރުވާނީ އޯޑަރ ޕްލޭސްކުރެވިފައި، އޭގެތެރެއިން 2 މަތިންދާބޯޓު ޑިސެމްބަރުގައި ނޫނީ އަންނަ އަހަރު ކުރީކޮޅު އަދި ތިންވަނަ ބޯޓު ފުރަތަމަ ކުއާޓަރުގައި ލިބޭނެ، މިގޮތަށް ގޮސް އަންނަ އަހަރުތެރޭ މި ޕްރޮޖެކްޓު ނިންމާލެވޭނެ،"އިޔާސް ވިދާޅުވިއެވެ.


މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައި އޭޓީއާރު މަތިންދާ ބޯޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ކިޔާފައިވަނީ ބޮޑު ބެރުގެ ހަރަކާތްތަކާއިވެސް އެކުއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު އޮޕަރޭޓުކުރަމުންދެއެވެ. މީގެ ތެރޭގައި އެއަރބަސް 320 A މަރުކާގެ މަތިންދާބޯޓަކާއި އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.