މަސްވެރިކަމާއި ގުޅޭ

ގާފަރު ފަޅު
ގާފަރު ފަޅު

ގާފަރު ފަޅުގައި 16 ރަށް ހިއްކުމަށް ހަވާލުކޮށްފި

ކ. ގާފަރު ފަޅުގައި 16 ރަށް ހިއްކުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމް.އެފް.އެމް.ސީ) ގެ ފަރާތުން އެ މަޝްރޫއު ހަވާލުކުރީ ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އެޓޯލް ވީކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގެ ދަށުން ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި ދެ ލަގްޒަރީ ރިސޯޓު ތަރައްގީކުރުމަށް ޖުމްލަ 16 ރަށް ހިއްކިގެން ދާނެއެވެ. މީގެ އިތުރުން، ގާފަރުގައި އިތުރު 40 ހެކްޓަރުގެ ބިންވެސް ހިއްކިގެން ދާނެއެވެ. ޖުމްލަ 106.91 ހެކްޓަރު (1،069،100 ސްކޮޔަރ މީޓަރު) ގެ ބިން ހިއްކިގެންދާ މި ބިޔަ މަޝްރޫޢުއަކީ ކާފު އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކިގެންދާ އެންމެ ފުރަތަމަ މަޝްރޫޢުއެވެ.

މި އެއްބަސްވުމުގެ ދަށުން ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ޖުމްލަ 36،503،863.92 (ތިރީސް ހަ މިލިޔަން ފަސް ސަތޭކަ ތިން ހާސް އަށް ސަތޭކަ ފަސްދޮޅަސް ތިނެއް ޕޮއިންޓު ނުވަދިހަ ދޭއް) ޔޫ.އެސް ޑޮލަރު ހަރަދު ވާނެއެވެ. މީގެ ތެރެއިން، ހިއްކުމުގެ މަސައްކަތަށް 3،747،792 (ތިން މިލިޔަން ހަތް ލައްކަ ސާޅީސް ހަތް ހާސް ހަތް ސަތޭކަ ނުވަދިހަ ދޭއް) ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭއިރު، ކިއުބިކް މީޓަރަކަށް 7.8 (ހަތެއް ޕޮއިންޓު އަށެށް) ޔޫ.އެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 (ނަވާވީސް މިލިޔަން ދުއިސައްތަ ތިރީސް ދެ ހާސް ހަތްސަތޭކަ ހަތްދިހަ ހަތަރެއް) ޔޫ.އެސް ޑޮލަރު ހަރަދުވާނެކަމަށް ބެލެވެއެވެ. މި އަދަދަކީ ރާއްޖޭގައި މި ވަގުތު ހިންގަމުންދާ ހިއްކުމުގެ މަޝްރޫއޫތަކަށް ހަރަދަށްވުރެ ވަރަށް ބޮޑު ތަނުން ކުޑަ އަދަދެކެވެ.

ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގެ އުސޫލުން ކަމަށް ވުމާއި، އަދި އެޑްވާސްންސް ޕޭމަންޓްގެ ގޮތުގައި އެމް.އެފް.އެމް.ސީ އިން އެއްވެސް ފައިސާއެއްދައްކަން ނުޖެހުމާ އެކު، މި އެއްބަސްވުމުގެ ދަށުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. އަދި، މި މަސައްކަތަށް ދާ ޚަރަދު އެމް.އެފް.އެމް.ސީ އިން ކޮންޓްރެކްޓަރަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ، ރަށްތައް ހިއްކައި ނިންމާ، އެރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެންނެވެ.

ގާފަރު ފަޅަކީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްގީކުރުމަށް އެމް.އެފް.އެމް.ސީ އަށް ހަވާލުކޮށްފައިވާ ފަޅެކެވެ. މި ފަޅު ތަރައްގީ ކުރުމުގެ ކޮންސެޕްޗުއަލް މާސްޓަ ޕްލޭން ނިމިފައި ވާއިރު، މި މަޝްރޫއު އަކީ ދިވެހި ސަރުކާރުން އިސްނަގައިގެން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން، ވިއްކިގެންދާނެ ގޮތަށް ފަރުމާ ކުރެވިފައިވާ ފުރަތަމަ މަޝްރޫޢުއެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.