މަސްވެރިކަމާއި ގުޅޭ

މަސްއައިނު ހޯދަން ދުރުމި އެޅުން

ދުރުމިއަކީ މަސް އައިން ހޯދުމަށް ބޭނުންކުރާ މުހިންމު ވަސީލަތެކެވެ. ހުރިހާ މަސްދޯންޏެއްގައި ކަހަލަ ގޮތަކަށް ދުރުމި ބޭނުންކުރެއެވެ.

މަހަށްފުރާ ކޮންމެ ދޯންޏެއްގައިވެސް ދުރުމިއަޅައިގެން މަސް އައިނު ހޯދުމަށް ޚާއްސަ ފަޅުވެރިއަކު ނުވަތަ ފަޅުވެރިން އައްޔަންކޮށްފައި ތިބެއެވެ. ބައެއް ދޯނިތަކުގައި ދުރުމި އަޅަން އައްޔަން ކުރާ ފަޅުވެރިންނަށް ބޯނަސްވެސް ދެއެވެ. އާންމުކޮށް ދުރުމި ބޭނުން ނުކުރާ ފަޅުވެރިއަކަށް ދުރުން އައިންމަތީ ދޫނި ފާހަނގަކުރަން އަދި މަސް ފުމެއުޅޭތަން ދެނެގަންނަން އުދަގޫވާނެއެވެ. ދުރުމި ބޭނުންކޮށްގެން މަސް އައިނު ހޯދުމަކީ ތަޖުރިބާއާއި، އެކަމުގެ ހުނަރު ބޭނުންވާ މުހިންމު ކަމެކެވެ.

އާންމުކޮށް ދުރުމި އަޅައިގެން ބަލަނީ 2 ގޮތަކަށެވެ. ފުރަތަމައީ އުދަރެހުން ކަނޑުގެ ލޮނުގަނޑާއި ވީހާވެސް ކައިރިއަށް ބެލުމެވެ. މަސް އައިން ތިލަކޮށްފައި ހުންނަ ގަޑީގައި ދޫނިތައް ހަރަކާތްތެރިވާނީ ވަރަށް ތިރީގައެވެ. އެހެންކަމުން އުދަރެހުން ކަނޑުގެ ލޮނޮގަނޑު ނިމޭ ހިސާބަށް ބަލަހައްޓައިގެން ހުރުމުން ދޫނިތަކުގެ ހަރަކާތް ތިރިން މަށްޗަށް ނުވަތަ މަތިން ތިރިއަށް ފެންނާނެއެވެ. ގިނަ ފަހަރަށް ކަނޑުގެ ލޮނުގަނޑު ކައިރީ ވަރަށް ތިރީގައި ހަރަކާތްތެރިވާ ދޫނިތައް ހޯދަން އުދަގޫވެއެވެ.

ދެވަނަ ގޮތަކީ، އުދަރެހުން ކަނޑުގެ ލޮނުގަނޑާއި ފޫޓެއް ނުވަތަ ދެ ފޫޓެއްވަރު މަށްޗަށް ބެލުމެއެވެ. މި ހިސާބުގައި ހަރަކާތްތެރިވާ ދޫނިތައް ފެންނަން ފަސޭހަވެއެވެ.

ދޫނިތައް ނެތިވެސް ދުރުމިން މަސްއައިނެއް ފެނިދާނެއެވެ. މަސް ފުމެއަރާއިރު ދުރުމި އަޅައިގެން ހުންނަމީހަކަށް މަހުގެ ވިދުން ފެންނާނެއެވެ. ނުވަތަ މަސް ފުމޭއިރު ކަނޑުގެ ފޮނުގަނޑު ފެންނަން ހުންނާނެއެވެ. ޚާއްސަކޮށް ކަނޑުމަޑު ދުވަސްތަކުގައި މަސްއައިނުގެ ހަރަކާތް ވަރަށް ފަސޭހައިން ދެނެގެނެވެއެވެ.

މަސްވެރިކަން ރަގަޅު ދުވަސްވަރުގައި ކަނޑުން ފެންނަ ދޫނީގެ ބާވަތަށް ބަލާފައިވެސް ދުރުމި އަޅާ މިންގަނޑު ކަނޑައަޅައެވެ. ކުރަނގި ނުވަތަ ވައްލަ ކަހަލަ ދޫނި ގިނައިން އުޅޭ ދުވަސްވަރެއްނަމަ، އުދަރެހުން ކަނޑާއި ވީހާވެސް ކައިރިއަށް ބަލައެވެ. އެއީ އާންމުކޮށް އެ ދޫނިތަށް އުޅޭނީ ކަނޑުގެ ލޮނުގަނޑާ ކައިރީގައި ކަމަށްވާތީއެވެ. އެއާ ޚިލާފަށް ހޯރަ އުޅޭނީ މަތީގައެވެ. އެހެންކަމުން ހޯރަ ފެންނަ ދުވަސްވަރެއްނަމަ އުދަރެހާ ދިމާލަށް މަށްޗަށް ބަލަން ދުރުމިއަޅާ ފަޅުވެރިޔާ ޚާއްސަ ސަމާލުކަމެއް ދެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!