މަސްވެރިކަމާއި ގުޅޭ

ޑެއިޒީ ވިއު އަދި މާކެޔޮޅު މާންދޫ ބޯޓަކަށް މަސްކިރުވަނީ - ފޮޓޯ: މަސްވެރިން
ޑެއިޒީ ވިއު އަދި މާކެޔޮޅު މާންދޫ ބޯޓަކަށް މަސްކިރުވަނީ - ފޮޓޯ: މަސްވެރިން

މަސްވެރިކަން އެންމެ ރަނގަޅީ މެދުރާއްޖެތެރޭގައި! އެކަމަކު މަސް ކިރާ ބޯޓެއް ނެތް!

މިދުވަސްވަރު މަސްވެރިކަން އެންމެ ރަނގަޅީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ. ޚާއްޞަކޮށް މ.އަތުގައެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ މަސްދޯނިފަހަރު މިހާރު ހަރަކާތްތެރިވަނީ މ. އަތޮޅު ހިމެނޭ ސަރަހައްދުގައެވެ.

ހޯމަ ދުވަހު އެސަރަހައްދުން މަސް ބޭނި ދޯނިފަހަރު މަސް ކިރާފައިވަނީ ކޫއްޑުއަށާއި މާންދުއަށާއި ފެލިވަރަށެވެ. އެދުވަހު އެސަރަހައްދުގައި މަސް ކިރާ ބޯޓެއް ނެތެވެ. ނަމަވެސް އިއްޔަ މިފްކޯއިން މ.އަތޮޅަށާއި ދ.އަތޮޅަށް ދެ ބޯޓު ފޮނުވިއެވެ. މ.އަތޮޅަށް ފޮނުވީ 45 ޓަނުގެ ބޯޓެކެވެ. ދ. އަތޮޅަށް ފޮނުވީ 19 ޓަނުގެ ބޯޓެކެވެ. ނަމަވެސް ބައެއް ދޯނިފަހަރު މަސްބާނަބާނާ ތިއްބާ ބޯޓް ފުލްވި ހަބަރު ލިބުނެވެ. ގިނަ ދޯނިފަހަރުން އައިސް އަޅައިގެން ބޭނި މަސްކޮޅު ރައްކާކުރީ މިއަދު ބޯޓު އައުމުން މަސް ކިރާށެވެ. ނަމަވެސް މިފްކޯގެ ޕޯޓް ޕްލޭންގައި ވާގޮތުން މެދުރާއްޖެރޭގެ އެއްވެސް އަތޮޅަކަށް އެކުންފުނީގެ ބޯޓެއް މިއަދު ފޮނުވާގޮތަށް ހަމަޖެހިފައި ނެތެވެ. މިއީ މަސްވެރިންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެވެ. މަސް ކިރޭނެ އެއްވެސް ގޮތެއް އެސަރަހައްދުގައި މިއަދު ނެތެވެ. އެންމެ ކައިރިންވެސް މަސްކިރެން އޮތީ ލ.މާންދުއަށް ގޮހެވެ.

މ.އަތޮޅުން މަސް ބޭނުމަށްފަހު ލ.މާންދޫ ނުވަތަ ކޫއްޑުއަށް މަސްކިރުވުމަށްފަހު އެން ދަމަން ދާންޖެހެނީ ވ.އަތޮޅަށެވެ. މިހާރު އެންވެރިކަން އެންމެ ރަނގަޅީ ވ.އަތޮޅުގައިކަމަށް މަސްވެރިން ބުނެއެވެ. އެހެންކަމުން މިދުވަސްވަރު މ.އަތޮޅުން މަސް ކިރޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ މަސްވެރިންނަށް ލިބޭނެ ވަރަށްބޮޑު ލުއިފަސޭހައަކަށް ވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!