މަސްވެރިކަމާއި ގުޅޭ

ފާނަ - ފޮޓޯ : މަސްވެރިން އެމްވީ
ފާނަ - ފޮޓޯ : މަސްވެރިން އެމްވީ

ވާދަވެރިކަން ބޮޑުވެ ފާނައިގެ އަގު ރަނގަޅުވެއްޖެ

ކޮވިޑް-19 އާއިި ގުޅިގެން ބޯޑަރުތައް ބަންދުކުރުމުން ފާނައިގެ އަގު ދަށްވުމަށްފަހު، މިހަފްތާގައި ފާނައަށް ރަގަޅު އަގު ލިބެމުންދާކަމަށް ފާނަ މަސްވެރިން ބުނެފިއެވެ.

ފ. ބިލެއްދޫގައި ފާނައިގެ މަސްވެރިކަން ކުރާ މަސްވެރިއަކު މަސްވެރިން އެމްވީ އަށް މައުލޫމާތުދެމުން ބުނީ ފާއިތުވި ފަސް ވަރަކަށް މަސްދުވަހު ފާނައިގެ އަގު ވަރަށް ދަށްވެފައި އޮތުމަށްފަހު، މި ހަފްތާގައި އެކަށީގެންވާ ރަގަޅު އެގެއް ލިބެމުންދާކަމަށެވެ. އަގު ރަގަޅުވުމުގެ މައިގަނޑު ސަބަބަކީ ފާނަ ގަތުމުގެ ވާދަވެރިކަން ބޮޑުވުންކަމަށްވެސް މަސްވެރިޔާ ފާހަގަކުރިއެވެ.

"ކޮވިޑާއި ގުޅިގެން ފާނަމަސްވެރިންނަށް ވަރަށް ގެއްލުން. ރަގަޅު އަގެއް ނުލިބޭ. ފާނަ ގަންނަމީހުން ބުނަނީ އެކްސްޕޯޓްކުރުން ވަރަށް އުދަގުލޭ. މަސްވެރިކަމުން ލިބުނު އާމްދަނީ ފާއިތުވި މަސްތަކުގައި ރަގަޅެއްނޫން. މި ހަފްތާގައި އދ. ހަންޏާމީދޫ ކައިރިން ދެ ކުންފުންޏަކުން ވަރަށް ވާދަވެރިކޮށް ފާނަ ގަންނަނީ. މިހާރުލިބޭ އަގު ރަގަޅު." ފާނަ މަސްވެރިޔާ ބުންޏެވެ.

ފާނަ މަސްވެރިން ފާހަގަކުރިގޮތުގައި ކުރިން ލިބެމުން އައީ ހަފްތާގެ ދަތުރަކަށް 30000-50000 އާއި ދެމެދުގެ އާމްދަނީއެކެވެ. އެހެންނަމަވެސް މިހަފްތާގައި ލިބެމުން އަންނަ އަގުގެ ސަބަބުން 60000-80000 ރުފިޔާގެ އާމްދަނީއެއް ފާނަ މަސްވެރިންނަށް ލިބޭނެކަމަށް މަސްވެރިން ބުންޏެވެ.

މިވަގުތު އދ. އަތޮޅުގައި 35 ދޯނި ފާނަ މަސްވެރިކަން ކުރަމުން އެބަދެއެވެ. އަދި ފާނަ ގަތުމަށް 2 ކުންފުންޏަކުން ދަނީ އދ. ހަންޏާމީދޫ ކައިރީގައި ހަރަކާތްތެރިވަމުންނެވެ. ހަފްތާއަކު 3 ދުވަހު ފާނަ ގަތުމަށް ޚާއްސަ ދޯންޏެއް ހަންޏާމީދޫ ކައިރަށްގޮސް ފާނަ ގަންނަމުންދާއިރު، ފ. އަތޮޅުންވެސް ފާނަ ގަންނަމުން އެބަދެއެވެ. އެހެންނަމަވެސް އދ. އަތޮޅުުން މަސްގަންނަ ފަރާތްތަކުން ދޭ އަގު ފ. އަތޮޅުގައި މަސްގަންނަން ހަރަކާތްތެރިވަމުންދާ ފަރާތްތަކުން ނުދޭކަމަށް މަސްވެރިން ބުނެއެވެ. ފާނަ ގަންނަ އަގު ތަފާތުވެގެން އުޅެނީ ފ. އަތޮޅުގައި ފާނަ ގަންނާނެ ވާދަވެރިއެއް ނެތުމުން ކަމަށް ފާނަ މަސްވެރިން ބުނެއެވެ. އަދި ފ. އަތޮޅުގައި ފާނަ ގަތުމުގެ ވާދަވެރި ބާޒާރެއް އޮންނަނަމަ، ރަގަޅު އަގުލިބޭނެކަމަށް މަސްވެރިން ބުނެއެވެ.

ފ. އަތޮޅުގެ މަސްވެރިންގެ މައިގަނޑު މަސައްކަތަކީ ފާނައިގެ މަސްވެރިކަމެވެ. އެ އަތޮޅުގައި ފާނަ ވިއްކޭނެ ހަރުދަނާ ގޮތްތަކެއް ހަމަޖެހި، ފާނަ ގަތުމުގެ ވާދަވެރި ބާޒާރެއް އޮތުމަކީ ފާނަމަސްވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރަަގަޅު އަގު ލިބިގެންދާނެ ކަމެއްކަމަށް މި މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!