މަސްވެރިކަމާއި ގުޅޭ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

މަސްވެރިންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 8.4 މިލިޔަން ރުފިޔާ ދީފައިވާނެ: ފިނޭންސް މިނިސްޓަރ

ކޮވިޑާއި ގުޅިގެން ސަރުކާރުން ދެމުންގެންދާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މަސްވެރިންނަށް މިހާތަނަށް 8.4 މިލިޔަން ރުފިޔާ ދީފައިވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް-19ގެ މިހާލަތުގައި މަސްވެރިންނަށް ހައްޤުވާ ފައިސާ ދެއްވަމުން ގެންދަވާކަމަށެވެ. އަދި މިހާލަތުގައިވެސް މިފްކޯއިން ހަމަ އަގުގައި މަސްވެރިންގެ އަތުން މަސް ގަންނަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 96.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. މީގެތެރެއިން 8.4 މިލިޔަން ރުފިޔާ ދޫކޮށްފައިވަނީ މަސްވެރިންނަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރުގެ މި ޖަވާބާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މަސްވެރިންނަށްް ފައިސާ ދިން ގޮތާއި، އަދި މިކަމުގެ ތަފްސީލް ހޯއްދެވުމަށް މިނިސްޓަރާ ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ. ނަމަވެސް މި ސުވާލުތަކަށް ސީދާ ޖަވާބެއް މިނިސްޓަރު އަމީރު ދެއްވާފައެއް ނުވެއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް-19ގެ މިހާލަތުގައި ކަންނެލީގެ އަގު ދަށަށް ދިޔަ ނުދިނުމަށް ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ލޯނު ދޫކުރައްވަމުން ގެންދަވާކަމަށެވެ.

"ރިލީފް ޕެކޭޖްގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ބޮޑުކަންނެލީގެ އަގު ދަށަށް ދިއުމާއެކު މަސްވެރިންގެ އަތުން މަސް ގަންނަ އަގު ދަށަށް ދިޔަ ނުދީ ހިފެހެއްޓުމުގެ ގޮތުން އެސްޑީއެފްސީ މެދުވެރިކޮށް ބޮޑުކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކަށް 100 މިލިޔަން ރުފިޔާގެ ކްރެޑިޓް ސްކީމެއް ވަނީ ހުޅުވާލެވިފަ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަކީ އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް އެހީވުމުގެ ގޮތުން މިއަހަރުގެ މެއި މަހުން ފެށިގެން ސަރުކާރުން ދެއްވަމުން ގެންދަވާ އެލަވަންސް އެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!