މަސްވެރިކަމާއި ގުޅޭ

ދަތްބުޅިމިޔަރު - ފޮޓޯ: ޝާކް ރިފަރެންސް

ދަތްބުޅި މިޔަރު

މިއީ ރާއްޖޭގައި ވަރަށް މަދުންއުޅޭ މިޔަރެކެވެ.

މިބާވަތުގެ މިޔަރެއް ރާއްޖެއިން ރެކޯޑް ކުރެވިފައިވަނީ ހަމަ އެންމެ މިޔަރެކެވެ. އެއީ ރ. މަޑުއްވަރީ ދޯންޏެއް ހއ. އަތޮޅުގައި މިޔަރު މަސްވެރިކަން ކުރުމުގައި ބޭނިފައިވާ މިޔަރެކެވެ. މިމިޔަރު ބޭނިފަރާތުން މިއީ ކުރިން ނުފެންނަ މިޔަރެއްކަމުން އެމިޔަރުގެ އަނގަ ހިއްކައިގެން ރައްކާކޮށްފައިވަނިކޮށް މެރިން ރިސާޗް ސެކްޝަންގެ ތަހުލީލު ޓީމުން އެއަނގަ އައިޑެންޓިފައި ކުރީއެވެ.

މިއީ މެދު ސައިޒެއްގެ މިޔަރެކެވެ. މިބާވަތުގެ މިޔަރު ގާތްގަނޑަކަށް 2.4 މީޓަރަށް ބޮޑުވާކަމަށްވެއެވެ. މިޔަރުގެ ތުންކޮޅު ހުންނަނީ ވަށްކޮށެވެ. މިޔަރުގެ ކުލައަކީ މައިގަނޑު ގޮތެއްގައި އަޅިއެވެ. މިޔަރުގެ ބަނޑުދަށްފަރާތް ހުންނަނީ ހުދުކުލައެއްގައެވެ. މިޔަރުގެ އަނގައިގައި ހުންނަ ދަތްތައް ހުންނަނީ ބުޅިކޮށެވެ. މިބާވަތުގެ މިޔަރަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑުކުރެވިފައިނެތީ، މިއީ ރާއްޖެއިން ވަރަށް ނުފެންނަ ބާވަތެއް ކަމަށްވާތީއެވެ. ވީމާ މިމިޔަރުގައިހުރި އެންމެ ފާހަނގަކުރެވޭ ސިފަކަމުގައިވާ "ދަތްބުޅިކަން" ފާހަނގަކޮށް "ދަތްބުޅި" މިޔަރު ކިޔާފައި ވަނީއެވެ.

މިބާވަތުގެ މިޔަރުގެ އާންމު ކާނާއަކީ އެތެރެވަރީގައި ކަނޑުގެ މަތީބައިގައި އުޅޭ ކުދިމަހާއި އަޑީގައިއުޅޭ ތަފާތު ބާވަތްތަކުގެ މަހެވެ. މިބާވަތުގެ މިޔަރު އާންމުކޮށް އުޅޭނީ 30 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސިނަން: Snaggletooth shark
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!