މަސްވެރިކަމާއި ގުޅޭ

ކޮވެލިހިކާ - ފޮޓޯ: ވިކީޕީޑިއާ

ކޮވެލިހިކާ

ކޮވެލިހިކާ އަކީ ރާއްޖޭގެ ބޭރުދުނީގެ ފަރުފަޅުތަކުގެ ބޭރުގައި އުޅޭ ހިކައެކެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ. މިބާވަތުގެ ހިކާ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ހިފާއުޅެނީ ވައިފުޅި އަޅައިގެން އަޑިއަށް ފީނާ ދިރޭމަސް ހިފާއުޅޭ މީހުންނެވެ. މިއީ މަސްޓޭންކުތަކުގައި ގެންގުޅެން އުނދަގޫ އެހެނަސް ރީތިމަހެކެވެ. މިބާވަތުގެ ހިކާ ގިނައިން އުޅެނީ އެކަހެރިކޮށެވެ. މިހިވާ އެންމެ ބޮޑުވަނީ 21 ސެންޓިމީޓަރަށެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ.

މިބާވަތުގެ އަންހެންމަހާއި ފިރިހެންމަހުގެ ކުލަވަރު ވަރަށް ތަފާތެވެ. އަންހެންމަހުގެ ކުލައަކީ ކަޅުކުލައަކަށްދާ ގަދަމުށިކުލައެކެވެ. މުޅި މަހުގައި ހުދުކުލައިގެ ވައް ތިކިތަކެއް ހުރެއެވެ. ކޮންމެ ހުޅުނބެއްގައި ހުންނަނީ އެއްތިއްކެވެ. މިތިކިތައް މަހުގައި އެތުރިލާފައި ހުންނައިރު ވަރަށް ރީއްޗެވެ. ތުންކޮޅު ހުންނަނީ ތަންކޮޅެއް ފަނޑު މުށިކުލައެއްގައެވެ. ނިގޫފަތުގެ ކުލައަކީ ދޮންނާރިނގު ކުލައެވެ. މަހުގެ ކޮޓަރިތަކުގައިވެސް ހުދު ތިކިތަކެއް އެއްތަރުތީބަކުން ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބަޔާއި ބަނޑުދަށްފަރާތު ކޮތަރިބައިގެ ފަހަތުކޮޅުގައި ކަޅުކުލައިގެ ލަފެއް ފާޅުކޮށް ފެންނަން ހުރެއެވެ.

ފިރިހެންމަސް ހުންނަނީ މުށިކުލައިގައެވެ. މަހުގެ ނިގޫފަތުގެ ކޮޅުގައި ހުދުކުލައިން ހަނދުފަޅިބުރަށް ހުންނަ ބައެއް ހުރެއެވެ. މިހިކައަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހުގައި ހުންނަ ޚާއްސަ ސިފަތަކަށް ބަލާ "ކޮވެލިހިކާ” ކިޔާފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސިނަން: Spotted wrasse

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!