މަސްވެރިކަމާއި ގުޅޭ

23230098-791x1024

ގިނަ ބައެއްގެ ހިތްހަމަ ނުޖެހުންތަކާއިއެކު، މިޔަރު ހިފާ ފަރާތަށް ހުށަހެޅި ފައިސާގެ އިނާމު ކެންސަލްކޮށްފި

ގިނަ ބައެއްގެ ފާޑު ކިޔުންތަކާއި ހިތްހަމަ ނުޖެހުންތައް އަމާޒުވުމުން މިޔަރު ހިފައިގެން ގެނެސްދޭ ފަރާތަށް ހުށަހެޅި ފައިސާގެ އިނާމު ކެންސަލްކޮށްފިއެވެ.

ކެރިބިއަންގެ ޖަޒީރާ ޤައުމެއްކަމަށްވާ ޓްރިނެޑޭޓު އެންޑު ޓޮބޭގޯގެ ސަރުކާރުން 10000 ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހެޅީ އިނގިރޭސިވިލާތަށް ނިސްބަތްވާ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާ ދިނުމުންނެވެ.

64 އަހަރުގެ މީހަކަށް މިޔަރެއް ހަމަލާ ދިނުމުގެ ހާދިސާއެއް ހިނގާފައިވަނީ ހުކުރުދުވަހުއެވެ. އެމީހާގެ ހާލު ސީރިއަސްއެވެ. އެގޮތުން އޭނާއަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު، އޭނާއަށް މިޔަރު ހަމަލާ ދީފައިވަނީ އެއްގަމާއި ގާތްގަނޑަކަށް 10 މީޓަރު ކައިރިންނެވެ.

މި ހާދިސާގައި އޭނާއަށް ހަމަލާދީފައިވަނީ 10 ފޫޓުގެ ބުލް ޝާކެކެވެ. އެވަގުތު އެ ސަރަހައްދުގައި ތިބި އާއްމުންގެ މީހުންވެސް ވަނީ މިޔަރު އެމީހާއާއި ދުރުކުރުމަށް އަމަލީގޮތުން މަސައްކަތްކޮށްފައެވެ. އެގޮތުން އޭތީގެ ގައިގައި ތަޅާ ހަދާފައިވެއެވެ.

މިޔަރު ހަމަލާދިނުމުގެ ހާދިސާއަށްފަހު އެ ސަރަހައްދު ޑްރޯން ބޭނުންކޮށްގެންވެސް ވަނީ ބަލާފައެވެ. އަދި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އާއްމުންނަށްވަނީ ސަމާލުވުމަށް އިލްތިމާޒްކޮށްފައެވެ.

މި ހާދިސާގައި ހަމަލާދިން މިޔަރު ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް ޓޮބޭގޯ ސަރުކާރުންވަނީ 10000 ޑޮލަރު ހުށަހެޅި ނަމަވެސް ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކުން މިކަމަށް ހިތްހަމަ ނުޖެހުންތަކާއި ފާޑުކިޔުންތައް އަމާޒުވެއެވެ.

އެޤައުމުގެ ސަރުކާރުން ބުނީ މިޔަރު ހިފާ ފަރާތަކަށް ފައިސާގެ އިނާމެއް ދިނުމަށް ހުށަހެޅީ އެ މިޔަރު މަރާލުމަކަށް ނޫން ކަމަށެވެ. އަދި އެއީ އެ މިޔަރު މީހުންނާއި ކައިރި ހިސާބުން މީހުންނާއި ދުރު ހިސާބަށް ދޫކޮށްލުމަށް ކަމަށެވެ.

އެހެންނަމަވެސް ގިނަ ބަޔަކަށް މިކަމާއި މެދު އޮޅުންތަކެއް ހުރުމުން ކުރިން ކުރި އިއުލާން މިހާރު ކެންސަލްކޮށްފައިވާކަމަށެވެ.

ޓޮބޭގޯގައި ފާއިތުވީ 20 އަހަރުތެރޭގައި މިޔަރު ހަމަލާދިނުމުގެ 2 ހާދިސާއެއްވަނީ ރެކޯޑުކުރެވިފައެވެ. އަދި މި ހާދިސާތައްވެސް ހިނގާފައިވަނީ އެއްގަމާއި ވަރަށް ދުރުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.