މަސްވެރިކަމާއި ގުޅޭ

ފިޔަލަ - ފޮޓޯ: ޕެޓްވޯލްޑްސް

ފިޔަލަ

ފިޔަލައަކީ ޢާއްމުކޮށް ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން މާކަނޑުގައި އުޅޭމަހެކެވެ.

މިއީ ފަތިކޮށް ދުއްރައެއްހެން ހުންނަ އަދި ކަނޑުތެރޭގައި އާދަޔާ ޚިލާފް ބާރުމިނެއްގައި ދުވެއުޅޭމަހެކެވެ. ދޮށީގެމަސްވެރިކަމުގައި އޮއިވާލިން މަސްވެރިކަން ކުރާއިރު މިބާވަތުގެ ކުދިމަސް ވަރަށް ގިނައިން ބޭނިފައިހުރެއެވެ. އަދި ވަދުނަނުގައިވެސް ފިޔަލަ ވަރަށް ގިނައިން ބޭނެއެވެ. ޢާއްމުގޮތެއްގައި ކަނޑުގައި ދަތުރުކުރާއިރު ފިޔަލައުޅެނީ ޖޯޑުޖޯޑަށެވެ. ނަމަވެސް އައިން ހަދައިގެންވެސް އުޅެއެވެ. މިމަސް ކާނާގެގޮތުގައި ގިނައިން ބޭނުންކޮށްއުޅެނީ ކުދިމަހާއި، ކަކުނިފާޑުގެ ސޫތްޕާއި ބޯވަދިލަމަހެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 58 އާއި 67 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 25 އާއި 30 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ މަތީކޮތަރިބައި ބޮލުން ފެށިގެން ނިގުލާހަމައަށް ދިގުކޮށް ހުރެއެވެ. ނިގޫފަތް ހުންނަނީ ވަރަށް ކަފިކޮންނެވެ.

މަހުގެ ހަށިގަޑުގައި ވަރަށް ކުދި ހުޅުނބު ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ފެހިނޫކުލައެވެ. އަރިމަތީގެ ކުލައަކީ ރީނދޫކުލައެވެ. މަހުގެ މަތީ ކޮތަރިބަޔާއި ބަނޑުދަށްފަރާތު ކޮތަރިބައިގެ ކުލައަކީ ކަޅުކުލައެވެ. ނަމަވެސް ބަނޑުދަށްފަރާތު ކޮތަރިބައިގެ ކައިރިފަށް ހުންނަނީ ހުދުކުލައިގައެވެ. ފިޔަލައަކީ އައިލައާއި ވަރަށް ވައްތަރު މަހެކެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: Common dolphinfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!