މަސްވެރިކަމާއި ގުޅޭ

Vaccum Fish

ލަންކާއަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެތެރެކުރުން ހުއްޓާލިކަން ސަރުކާރާ ހިއްސާކޮށްފައެއް ނުވޭ: ފޮރިން މިނިސްޓްރީ

ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން ހުއްޓާލާފައިވާކަމަށް މީޑިއާތަކުގައި ފެތުރިފައިވާ ޚަބަރުތަކާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރާ މިހާތަނަށް ހިއްސާކޮށްފައެއް ނުވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވިދާޅުވީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީލަންކާއަށް އެތެރެކުރެވޭނެކަމުގެ ޔަޤީންކަން ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް މިދިޔަމަހުގެ 27 ވަނަ ދުވަހު ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މިކަން ހާމަކޮށް މިނިސްޓަރު ޝާހިދު އޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލަންކާގެ ފޮރިން މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރާ ކުރެއްވި މަޝްވަރާތަކުގައި، ރާއްޖޭގެ މަސް، އެ ގައުމަށް އެތެރެ ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ރާއްޖެއިން ސްރީލަންކާއަށް ބޭރުކުރާ ކަނޑުމަހުގެ އުފެއްދުންތަކުން ނަގާ ޓޭކްސް ރޭޓްވެސް އެޤައުމުންވަނީ ދާދިފަހުން ބޮޑުކޮށްފައެވެ.

ސްރީލަންކާގެ ފިޝަރީޒް މިނިސްޓްރީން ބުނީ، މިފިޔަވަޅު އެޅީ އެޤައުމުގެ މަސްވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ކުރިއެރުވުމުގެ ގޮތުން ކަމަށެވެ.

އަދި މިދިޔަ މަހުގެ 27 ގައި އެޤައުމުގައި އަމަލުކުރަން ފެށި އާ ޓެކްސް ރޭޓާއިއެކު ރާއްޖެއިން އެޤައުމަށް ފޮނުވާ މަހުގެ އުފެއްދުންތަކުން ނަގާ ޓެކްސް ރޭޓް ބޮޑުކޮށްފައިވާ ކަމަށްވެސް އެޤައުމުން ބުނެއެވެ. މިދިޔަ މަހު އެޤައުމުން ޓެސްކް ރޭޓަށް ގެނައި ބަދަލާއިއެކު އެޤައުމަށް އެތެރެކުރާ މަސް ކިލޯއަކުން 200 ރުޕީސް ނުވަތަ 16.70 ރުފިޔާ ނަގާގޮތަށް ވަނީ ނިންމާފައެވެ.

އެހެން ޤައުމުތަކުން ލަންކާއަށް އެތެރެކުރާ މަހަށް ނަގާ ޓެކްސްއަށް ވުރެ ރާއްޖެއިން ލައްކާއަށް އެތެރެކުރާ މަހަށް ނަގާ ޓެކްސް ވަނީ ބޮޑުކޮށްފައެވެ.

މިގޮތުން ރާއްޖެއިން އެޤައުމަށް އެތެރެކުރާ ލޯނުމަސް ކިލޯއަކުން 127 ރުޕީސް ނުވަތަ 10.60 ރުފިޔާ ނަގާއިރު، ހިކި މަސް ކިލޯއަކުން 302 ރުފީސް ނުވަތަ 25.21 ރުފިޔާ ނަގާ ގޮތަށް ވަނީ ނިންމާފައެވެ.

ސްރީލަންކާގައި ގިނަ އަދަދަކަށް ހިކި މަހުގެ ބާވަތްތައް އުފައްދާއިރު، ރާއްޖެއިން އެޤައުމަށް ގިނަ އަދަދަކަށް މަހުގެ އުފެއްދުންތައް ބޭރުކުރެއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއިން ބޭރުކުރި މަހުގެ އުފެއްދުންތަކުގެ ތެރެއިން 5 ވަނައަށް އެންމެ ގިނައިން މަސް ބޭރުކުރީ، ސްރީލަންކާއަށެވެ. އެގޮތުން ސެޕްޓެމްބަރު މަހު ރާއްޖެއިން ބޭރުކުރި މަހުގެ އުފެއްދުންތަކުގެ ތެރެއިން 7 އިންސައްތަ މަސް ފޮނުވީ، ސްރީލަންކާއަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!