މަސްވެރިކަމާއި ގުޅޭ

ފެލިވަރު ބަނދަރުގައި މަސްކިރަން ގޮސް ތިބި ދޯނި ފަަހަރުން މަހަށް އައިސް އަޅަނީ/ ފޮޓޯ: މާފަތް-4
ފެލިވަރު ބަނދަރުގައި މަސްކިރަން ގޮސް ތިބި ދޯނި ފަަހަރުން މަހަށް އައިސް އަޅަނީ/ ފޮޓޯ: މާފަތް-4

އުތުރުގައި މަސްވެރިކަން ރަނގަޅުވެ، މަސް ކިރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް!

އުތުރުގެ އަތޮޅުތަކުގައި މަސްވެރިކަން ރަނގަޅުވެ މަސް ކިރުވުމުގައި ދަތިތަކެއް ދިމާވަމުން އަންނަކަމަށް މަސްވެރިން ބުނެފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތު ދިން މަސް ދޯންޏަކުން ބުނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މަސްވެރިކަން ރަނގަޅުކަމަށާއި ނަމަވެސް މަސް ކިރޭނެ ގޮތެއް ނެތްކަމަށެވެ. އުތުރުގައި މަސް ކިރަން އޮންނަ ފެލިވަރުން މިހާރު މަސް ކިރަނީ ނަމްބަރު ދޫކޮށްގެންނެވެ.

"އަޅުގަނޑުމެން މަސްބޭނީ މިދިޔަ އަންގާރަ ދުވަހު. އެކަމަކު މަސްކިރަން ނަމްބަރު މި ލިބުނީ އަންނަ ހޯމަ ދުވަހަށް. މިހާރުވެސް ނައިފަރު ފަޅުގައި ހުރި ދޯނިފަހަރުގައި 120 ޓަނު މަހަށް ވުރެ ގިނަ މަސް އެބަހުރި ނުކުރިފަ. ކޮންމެ ދޯންޏެއްގައި 9 ޓަނަށް ވުރެ ބަރުކޮށް އެބައުޅޭ. ދެންމެވެސް އިހަވަންދޫ ދޯންޏެއް އެއައީ 22 ޓަނު ބާނައިގެން. އެމީހުންނަށް މަސް ކިރަން ފެލިވަރުން ނަމްބަރު ލިބުނީ މިމަހުގެ 17 ވަނަ ދުވަހަށް." ނައިފަރު މަސްވެރިޔަކު ބުންޏެވެ.

މިކަމާގުޅިގެން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ފަޢުޒީ ވިދާޅުވީ، އުތުރުގައި މަސްވެރިކަން ރަނގަޅުވެ ފެލިވަރުގައި މަސް ކިރުމުގެ ދަތިކަން ކުރިމަތިވެފައިވާކަން ޤަބޫލުކުރައްވާ ކަމަށެވެ. ފެލިވަރުގައި ގިނައިން މަސް ގަންނަމުން ދަނީ މިފްކޯގެ އެންމެ ބޮޑު 2 ބޯޓު ފެލިވަރުގައި ބަނދަރުގައި ބާއްވައިގެން ކަމަށާއި މަސް ކިރުމުގައި ދަތިތަކެއް ދިމާވެގެން އުޅެނީ އެ 2 ބޯޓުވެސް ފުލް ވުމުގެ ސަބަބުން ކަމަށެވެ. މިއިން ކޮންމެ ބޯޓަކަށް 90 ޓަނުގެ މަސް ދުވާލަކު ގަންނަ ކަމަށާއި އަދި މިއިން ކޮންމެ ބޯޓެއްގެ ޖާގައަކީ 600 ޓަނުކަމަށް ފައުޒި ވިދާޅުވިއެވެ. މި ބޯޓްތައް ފުލް ވުމުން މަސް ހުސްކުރަން ދާން ޖެހެނީ ކޫއްޑުއަށް ކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ، ފެލިވަރުގައި މަސް ކިރުމުގައި ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިގޮތުން އިތުރު ބޯޓު ފަހަރު ފެލިވަރަށް މިހާރު ދަތުރު ކުރަމުންދާކަމަށެވެ.

ފައުޒީ ވިދާޅުވީ، ފެލިވަރުގައި މަސްކިރުވުމުގައި ދަތިތަކެއް ދިމާވިނަމަވެސް ކޫއްޑޫއަށް އެއްވެސް ދައްޗެއްނެތި މަސް ކިރޭނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!