މަސްވެރިކަމާއި ގުޅޭ

16062012227

މިފްކޯގެ އެންމެ ބޯޓެއް ފިޔަވާ ހުރިހާ ބޯޓެއް ފެލިވަރަށް!

މިފްކޯގެ އެންމެ ބޯޓެއް ފިޔަވާ އެހެން ހުރިހާ ބޯޓެއް ފެލިވަރު ބަނދަރަށް ފޮނުވާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ އުރުތުގައި މަސްވެރިކަން ރަނގަޅުވެ މަސް ކިރުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށެވެ. މިގޮތުން އެންމެ ބޮޑު ދަތިކަމެއް ދިމާވީ އެކުންފުނިން މަސްގަތުމަށް ބޭނުންކުރާ އެންމެ ބޮޑު 2 ބޯޓު ފުރުމުންކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވީ، 600 ޓަނުގެ މި ދެބޯޓުގައި މަސް ގަންނަމުން ދިޔައީ ފެލިވަރު ބަނދަރުގައި ބާއްވައިގެން ކަމަށާއި، މި ދެބޯޓު ފުލްވުމުގެ ސަބަބުން މަސް ހުސްކުރަން ކޫއްޑޫއަށް ދަތުރު ކުރަމުންދާކަމަށެވެ. މި ދެބޯޓު ނެތުމުގެ ސަބަބުން މަސް ކިރަން މަސް ދޯނިފަހަރުން ވަނީ ނަމްބަރު ނަގައިގެން ކިޔު ހަދާލާފައެވެ.

ނައިފަރު މަލާހާ-2 މަސްބާނައިގެން ފެލިވަރަށް ދަނީ/ ފޮޓޯ: މަލާހާ އަބްދުﷲ

ފެލިވަރު ބަނދަރުގައި އޮތް މަސްދޯންޏަކުން ބުނީ މަސްކިރަން ކިޔުގައި ތިބޭތާ 4 ދުވަސް ވެއްޖެކަމަށާއި ކުރިއަށް އޮތް ހަފްތާއަށްވެސް މަސްކިރަން ނަމްބަރު ދޫކޮށްފައިވާ ކަމަށެވެ. އަދި ނައިފަރާއި ފެލިވަރުގު ބަނދަރުގައި މިހާރު ހުރި ދޯނިފަހަރުން އެކަނިވެސް 130 ޓަނު މަސް ކިރޭނެކަމަށް މަސް ދޯނިފަހަރުން ބުނެއެވެ.

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ފައުޒީ ވިދާޅުވީ، މިފްކޯގެ އެންމެ ބޯޓެއް ފިޔަވާ އެހެން ހުރިހާ ބޯޓެއް ފެލިވަރަށް ފޮނުވީ، އެސަރަހައްދުގައި މަސްކިރުވުމަށް ދިމާވެފައިވާ ދަތިތައް ޚައްލު ކުރުމަށެވެ. ފެލިވަރުގެ އިތުރުން މިފްކޯގެ އަނެއް ބޯޓު ފޮނުވާފައިވަނީ ގދ. ގިނަދޫ ބަނދަރަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!