މަސްވެރިކަމާއި ގުޅޭ

breaking

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅީ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރުއެވެ.

މިޤަރާރު ހުށައެޅުއްވިކަން ހާމަކޮށް އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަސް ނުކިރިގެން ހަފްތާއަކަށް ފެލިވަރު ކައިރީ މަޑުކުރަން ޖެހުމަކީ މަސްވެރިންގެ ޕްރޮޑަކްޓިވިޓީ ދައްވެ، މަސްވެރިންގެ މާލީ ހާލަތަށާއި ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށެވެ.

އެގަރާރަކީ މަސްވެރިން ބާނާ މަސް ކިރުމަށްޓަކައި ކިޔޫގައި ޖެހިގެން ގިނަ ދުވަސް ތަކެއް ވަންދެން މަޑުކުރަންޖެހުމާ އެކަމާ ގުޅިގެން ބޭކާރު ގިނަގުނަ ހަރަދުތަކެއް ހިނގައި ތަކުލީފުތަކެއް އުފުލަން ޖެހުމާއި އަދި ކިރާ މަހަށް ފައިސާ ލިބުން ލަސްވުމާއި ކަޅުބިލަ މަހާއި ކަންނެލީގެ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ހުށަހަޅާ ގަރާރެއް ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން މަސްވެރިން ބާނާ މަސް ނުކިރި އެތައް ދުވަހެއް ކިޔޫގައި މަސްކިރޭނެ ދުވަހެއްގެ އިންތިޒާރުގައި ރަށުން ބޭރުގައި ތިބެންޖެހުމާއި އެތައް ދުވަހެއް ކަނޑުމަތީގައި ހޭދަކޮށްގެން ބޮޑު ހަރަދުކޮށްގެން ބާނާ މަސްކޮޅު ނުކިރިގެން މަހަށް ނުފުރި ގިނަ ދުވަސްތަކެއް އާއިލާ އާ ދުރުގައި ތިބެން ޖެހުމާއި ކިރޭ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް ދުވަސްތަކެއް ވޭތުކުރަންޖެހޭ ކަމަށް އެގަރާރުގައި ބުނެއެވެ.

މީގެ އިތުރުން ކަޅުބިލަ މަހުގެ ކޮންޓްރޯލް އަގު ދޫކޮށްލުމުގެ ސަބަބުން ކަޅުބިލަ މަހުގެ އަގު ދަށަށް ދިއުމާއި އަދި އެކަށީގެންވާ އަދަދަކަށް ބޮޑުކަންނެލި ބޭނިއްޖެނަމަ ބައެއް ފަރާތްތަކުން ކަންނެލި ގަންނަ އަގު ދަށްކުރުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރި އާއިލާތަކަށް ގެއްލުން ލިބި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަން ވެސް އެގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމާ މަސްވެރިން ބާނާ މަސް އަވަހަށް ކިރޭނެ ގޮތާ ކިރޭ މަސްކޮޅަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާ މަސްވެރި އާއިލާތަކަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށް ގަރާރުގައި ވަނީ ބުނެފައެވެ.

އުތުރުގެ މަސްވެރިކަން ރަނގަޅުވެ މަސްކިރޭނެ ގޮތެއް ނެތި މަސްވެރިން މިހާރުވެސް ތިބީ ކިޔޫގައިކަން ފާހަގަކޮށްލެވެއެވެ. މިހާރު ފެލިވަރަށް މަސް ކިރަނީ ނަމްބަރު ދޫކޮށްގެން ނެވެ. މިގޮތުން މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ދޯނިފަހަރަށް ނަމްބަރު ދޫކޮށްފައިވާކަމަށް މަސްވެރިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!