މަސްވެރިކަމާއި ގުޅޭ

ދަނޑިމުގުރާން - ފޮޓޯ: ރީފްލައިފް ސާވޭ

ދަނޑިމުގުރާން

ދަނޑިމުގުރާމަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އައިން ހަދައިގެންއުޅޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 18 ސެންޓިމީޓަރަށް ކަމުގައިވިޔަސް ގިނައިން ފެންނަ އެންމެ ބޮޑެތިމަހުގައި ހުންނަނީ 10 ސެންޓިމީޓަރެވެ. މިއީ މުގުރާމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހިމަތޮޅި މަހެކެވެ. މިއީ ދިވެހި އެންވެރިކަމުގައި ބޭނުންކޮށްއުޅޭ ރަގަޅު އެމެކެވެ. މަހުގެ ޢާއްމު ކާނާއަކީ ކަނޑުގައި އުޅޭ ކުދި ފަނިފަކުސައެވެ. އޮއިމައްޗަށް ނުކުމެ ކާނާ ހޯދަން މުގުރާމުގެ އެހެން ބާވަތްތަކާއެކު އައިން ހަދައިގެން އުޅޭކަން ފާހަގަކުރެވެއެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 15 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 12 މަޑުކަށިހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބަޔާއި ބަނޑުދަށްފަރާތު ކޮތަރިބައިގައި ހުޅުނބެއްނުހުރެއެވެ. މަހުގެ ބުރަކަށިމަތީގެ ކުލައަކީ ނޫފެހިކުލައެކެވެ. ބަނޑުދަށްފަރާތް ހުންނަނީ ރިހި ހުދުކުލައެއްގައެވެ.
މަހުގެ ދެއަރިމަތީގައި ހުންނަ ހުޅުނބު ރޮނގުގެ މަތީން ރީނދޫކުލައިގެ ހިމަ ރޮނގެއް މަހުގެ ދިގަށްހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ އަޅިކުލައެއްގައެވެ. އަދި ނިގޫފަތުގެ ކޮޅު ހުންނަނީ ކަޅުކުލައިގައެވެ.
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Slender fusilier

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!