މަސްވެރިކަމާއި ގުޅޭ

Ameeru

މަހުގެ އުފެއްދުންތައް މާކެޓު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއް ދީފައިވާނެ: ފިނޭންސް މިނިސްޓަރު

މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި މާކެޓު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއްދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށައެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއަކީ އަޅުގަނޑުމެންގެ އެންމެ ޒަމާންވީ ސިނާއަތް ކަމަށާއި މި ސިނާއަތުގެ ނަފާ އިތުރު ކުރެވިދާނެ ގިނަ ގޮތްތަކެއް އަދިވެސް އެބަހުރި ކަމަށެވެ. މިގޮތުން ރާއްޖެއިން މަސް ބޭރުކުރުން އިތުރުކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ޚާއްޞަ އިސްކަމެއް ދެވިފައިވާނެ ކަމަށާއި، މިކަން ކުރެވޭނީ ރާއްޖޭގެ މަހުގެ އުފެއްދުންތައް ދުނިޔޭގެ މާކެޓްތަކުގައި އިޝްތިހާރު ކުރެވިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުގައި މޭކެޓް ކުރުމަށް ބަޖެޓްގައި ކަނޑައަޅާފައިވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

"ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަންއަށް ބޭނުންވާ ވަސީލަތްތަކާއި، ސްޓޯރޭޖާއި، މަސްފިނި ކުރުމުގެ ނިޒާމްތައް ޤާއިމްކުރުމަށް ބަޖެޓުގައި ރާވާފައިވާނެ. ބާނާ މަހުގެ އިތުރުން އާލާކުރާ މަސްވެރިކަން ވެސް ތަރައްގީ ކުރުމަކީ މިސަރުކާރުގެ އަމާޒެއް. ރާއްޖޭގެ ކަނޑުފަޅުގައި މަސްއާލާކޮށް މިސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް 2021 ވަނަ އަހަރުވެސް ރޭވިފައިވޭ. ރާއްޖޭގެ މަސްވެރިންނަށް ލިބޭ ނަފާ އިތުރުކޮށް، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރުމަށް، ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި މާކެޓު ކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއްދީފައިވާނެ". ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ރާއްޖޭގައި މިކުރާ ތިމާވެއްޓާ މަސްވެރިކަން ދުނިޔޭގެ ބޮޑެތި މާކެޓްތަކުގައި ޕްރަމޯޓް ކުރަން، ފަތުރުވެރިކަން ޕްރަމޯޓް ކުރަން ކުރާ ހަރަދުގެ ކުޑަ މިންވަރެއް ނަމަވެސް ހަރަދު ކޮށްފިނަމަ ލިބޭ ނަފާ މާ ބޮޑުވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!