ކަފިހިމަހަކީ އަތޮޅުންބޭރު މާކަނޑުތަކުގައި އުޅޭ މަހެކެވެ.
ދިވެހި މަސްވެރިންނަށް ކަފިހިމަސް ގިނައިން ފެނިފައި ހުންނަނީ ކަނޑުގައި ދަތުރުކުރާ ބޮޑެތި މަސްމަހާއެކު ޚާއްސަކޮށް ބޮޑެތި މިޔަރުގެ ނިވަލުގައި އުޅެނިކޮށެވެ. އަދި މީގެއިތުރަށް ކަނޑުގައި އޮޔާދާ އޮއިވާލި އެތިގަޑުތަކުގެ ހިޔަނީގައިވެސް މިބާވަތުގެ މަސްއުޅެއެވެ. މިއީ ކެއުމަށް ރަގަޅުމަހެކެވެ. ކަފިހިމަހުގެ ކުދިމަސް މާކަނޑުތަކުގެ މަތީބައިގައި އުޅޭ "ފިރުޢައުނު މުދާ" (ޖެލީފިޝް) ގެނިވާކަން ލިބި އޭގެ ދަށުގައި ތިބެގެން ދަތުރުކޮށްއުޅެއެވެ.
ކަފިހިމަހުގެ ތުންކޮޅު ހުންނަނީ މޮއްކޮށެވެ. މަހުގެ ދަތްތައް ވަރަށް ކުއްޖެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ކުރީކޮޅުގައި 4 ނުވަތަ 5 ހަރުކަށިހުރެއެވެ. އަދި މީގެއިތުރަށް 1 ހަރުކަށްޓާއެކު 25 އާއި 29 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓަށްފަހު އިތުރު 4 ހަރުކަށްޓާއި 15 އާއި 17 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތާދިމާލުން ދެފަރާތުގައި މަޑުކުރަގަޑެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 70 ސެންޓިމީޓަރަށެވެ.
ދިރޭ ކަފިހިމަހުގެ ހަށިގަޑުގެ ހުރަހަށް ކަޅުކުލައިގެ 6 ނުވަތަ ގަޅި ފާޅުކޮށް ހުރެއެވެ. އަރިމަތީގައި ރިހިވިދުންކުލައެއް ހުރެއެވެ. މަހުގެ މަތީބައިގައި ނޫކުލައިގެ ލައްތަކެއް ހުރެއެވެ. ނިގޫފަތުގެ މަތީކޮޅާއި ތިރީކޮޅުގައި ހުދުކުލައިގެ ލަފެއް ހުރެއެވެ.
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003