މަސްވެރިކަމާއި ގުޅޭ

ފޮނިޔަމަސް - ފޮޓޯ: ފިޝްއައިޑިއަރ

ފޮނިޔަމަސް

ފޮނިޔަމަހަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އެކަހެރިކޮންނާއި އައިން ހަދައިގެން ވަރަށް ގިނައިން އުޅޭ މަހެކެވެ.

ދިވެހިމަސްވެރިން ފައްތައިގެން ކުރާ ރޭގަޑާއި ދުވާލުގެ ކެޔޮޅުކަމުގައި ގިނައިން މިމަސް ބޭނިފައި ހުރެއެވެ. މިއީ ދިވެހިން ކައިއުޅޭ މީރުމަހެކެވެ. ފޮނިޔަމަސް 60 ސެންޓިމީޓަރަށް ބޮޑުވާކަމަށްވެއެވެ. މަހުގެ ކާނާއަކީ ކުދިމަހާއި އަޑީގައި އުޅޭ ތަފާތު ކަކުނިފާޑުގެ ސޫތްޕެވެ. މިމަހުގެ މަތީކޮތަރިބައިގައި 10 ހަރުކަށްޓާއެކު 13 ނުވަތަ 14 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 11 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑުގައި 10 ނުވަތަ 18 މަޑުކަށިހުރެއެވެ.

މިބާވަތުގެ ޅަމަހުގެ ކަންފަތްގަޑު ވަރަށް ދިގެވެ. ފޮނިޔަމަހުގެ ކުލައަކީ ގަދައަޅިކުލައެވެ. މިމަސް ތަޒާކަންމަތީ އޮންނައިރު ބޮލުގެ ދެފަރާތުގައި ރީނދޫކުލައިގެ ކުރެހުންބައެއް ފަނޑުކޮށް ފެންނަން ހުރެއެވެ. މިބާވަތުގެ ޅަމަސް ހުންނަނީ ކަޅުކުލައިގައެވެ. މަހުގެ ކަރުތާފަތުން ފެށިގެން ނިގޫފަތުގެ ކޮޅާހަމައަށް ދެމިފައިވާ ފުޅާ ހުދު ރޮނގެއް ހުރެއެވެ. އަދި ބަނޑުދަށްފަރާތުގައިވެސް މިފާޑުގެ ހުދު ރޮނގެއް ހުރެއެވެ. ފޮނިޔަމަސް ޢާއްމުކޮށް އުޅެނީ 5 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Black and white snapper

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!