މަސްވެރިކަމާއި ގުޅޭ

shiyam1

މަސްވެރިން ކަނޑުމަތީގެ މުޒާހަރާއަކަށް ނިކުންނަށް ތައްޔާރުވެފައިވާކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެ

މަސްވެރިން ކަނޑުމަތީގެ މުޒާހަރާއަކަށް ނިކުންނަށް ތައްޔާރުވެފައިވާކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު މަޖިލީހަށް ހުށައެޅި ޤަރާރަށް މަޖިލީހުގައި ވާހަކަ ދައްކަމުންނެވެ. ނަމަވެސް މަސްވެރިން ރާވާކަމަށް ވިދާޅުވި މުޒާހަރާގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

މި ޤަރާރަށް ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ، މަސްވެރިން މިހާރު އުޅެނީ ވަރަށް ހާލުގައިކަމަށާއި، ލިބޭ އާމްދަނީން ދެކޮޅުވެސް ނުޖެހޭކަމަށެވެ.

"މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށްޓަކާ 5 ގަރާރެއް މި އިއްޒަތްތެރި މަޖިލީހަށް ހުށައެޅިގެން ދިޔަ. ސަރުކާރަށް 2 އަހަރު ވެގެންދިޔައިރު މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ކިހާވަރަކަށްތޯ ހައްލުކުރެވުނީ. އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން މި ދައްކަނީ 18 ހާހަށްވުރެ ގިނަ ދިވެހި ރައްޔިތުން ސީދާ ގޮތެއްގައި އެ ސިނާއަތެއްގައި ހަރަކާތްތެރިވާ ސިނާއަތެއްގެ ވާހަކަ. 1 ލައްކަ ދިވެހި ރައްޔިތުން ޚިއްޞާވާ ޞިނާޢަތެއްގެ ވާހަކަ މި ދައްކަނީ. އިއްޒަތްތެރި ރައީސް. މިއަދު މި 1 ލައްކަ ރައްޔިތުން މިތިބީ މި ސިނާއަތުން ލިބޭ އެއްޗަކުން ނުފުދިފަ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ކުރިން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑުތަކުން ހެޔޮވެފައިވާކަމަށާއި، ނަމަވެސް މަސްވެރިންނަށް ވިއްކާ ތެލުން މި ބަދަލު ނުފެންނަކަމަށެވެ.

"މީގެކުރިން ކަންނެލީގެ އަގުހުރި ގޮތާ މިއަދު އަގު ހުރިގޮތާ އުޑާ ބިމާހާ ތަފާތު. މަހުގެ އަގު ދޫކޮށްލުމުން އަގުވެއްޓިގެން ދިޔައީ. އޭގެފަހުން މަސްވެރިންނާ ދިމާލަށް ބަލާލުމެއް ސަރުކާރުން ނޯވޭ. އިއްޒަތްތެރި ރައީސް. މިއަހަރުގެ މާރޗުމަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވެއްޓިގެން ދިޔަ 14 ޑޮލަރަށް 16 ޑޮލަރަށް. އެހެންނަމަވެސް މަސްވެރިންނަށް ވިއްކާ ތެޔޮ އަގުހެޔޮވެގެން އެވާހަކަ ދެއްކި މަސްވެރިއެކުނެތް. މިދިޔަ ހަފްތާގައި މިއަޑު އިވުނީ އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރި ވާހަކަ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުންވެސް ކަންނެނި ނުކިރިގެން ހަތްފާއެއްވަންދެން މަޑުކުރަން ޖެހޭކަމަށާއި، މީގެ ސަބަބުން ކަންނެނި ހަލާކުވެ ނުއަގުގައި ވިއްކާލަން ޖެހޭކަމަށެވެ.

"3 ހަފްތާ ވަންދެން ލޮލާ ބޮލާ ފިއްސައިގެން ކަންނެލި ކޮޅު ބާނައިގެން ހުޅުމާލޭ ފަޅުގައި 6 ދުވަސް 7 ދުވަސް ކަންނެލިކޮޅު ނުކިރިފަ. ކަންނެލި ކިރޭއިރު މި ހުންނަނީ ހުރިހާ ކަންނެއްޔެއް ރިޖެކްޓް ވާވަރު ވެފަ. އައިސްއެޅޭނެ ގޮތެއްނެތި މިގޮތަށް 6 ދުވަސް 7 ދުވަހު އޮންނަންވީމަ ހުރިހާ ކަންނެއްޔެއް ވަނީ ރިޖެކްޓް އިއްޒަތްތެރި ރައީސް. ރިޖެކްޓް ކަންނެލި މި ކިރާލަނީ 10 ރުފިޔާއަށް 12 ރުފިޔާއަށް ކިލޯއެއް. އިތުރު ޗޮއިސްއެއް ނޯވޭ މަސްވެރިންނަކަށް. 3 ހަފްތާވަންދެން ކަނޑުމަތީގައި އުޅެފައައިސް މިލިބެނީ 1500 ރުފިޔާ. ނޫނީ 2000 ރުފިޔާ. ކިހިނެއްތޯ އާއިލާތައް ބަލަހައްޓަނީ އިއްޒަތްތެރި ރައީސް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ގޭދޮށު މަސްފެކްޓްރީގެ ވާހަކަ ދެއްކިޔަސް އިހުލާސްތެރި ހިތަކައިގެން މަސައްކަތްކޮށްގެން ނޫނީ މައްސަލަތައް ހައްލެއް ނުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!