މަސްވެރިކަމާއި ގުޅޭ

Raees Nasheed1

މަސް ރައްކާކުރާ ސްޓޯރޭޖްތައް އަޅަން ސަރުކާރުން އުޅުމަކީ ކާމިޔާބުވާނެ ކަމެއް ނޫން: ރައީސް ނަޝީދު

މަސް ރައްކާކުރަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ސްޓޯރޭޖްތައް ޤާއިމް ކުރުމަކީ ކާމިޔާބުވާނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު މަޖިލީހަށް ހުށައެޅި ޤަރާރުގެ ބަހުސް މިއަދުގެ މަޖިލީހުގައި ކުރިއަށް ދަނިކޮށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ އެކިއެކި ސަރަހައްދުގައި ބިނާކޮށްފައިވާ މަސް ފިނިކުރާ ތަންތަނާއި ކާރުހާނާތައް އަބަދުވެސް ހިންގަނީ ބޮޑެތި ބޮޑެތި ގެއްލުމުގައިކަމަށާއި، އެއީ އެކަމުގައި ސަރުކާރު ހިއްސާ ކުންފުނިތައް ކަމުން ވާ ގެއްލުން ކަމަށް ބެލެވޭ ކަމަށެވެ. މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ފައިދާ ބޮޑުވާނެކަމަށް ދިރާސާތަކުން ފެންނަނީ އަމިއްލަ މީހުން ގޭދޮށުގައި މަސް ޕްރޯސެސްކޮށްގެން ވިއްކުނީމާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"2010 ވަނައަހަރުގައި އަމިއްލަ ފަރާތްތަކަށް ކަޅުބިލަމަސް ގަނެ ޕްރޯސެސްކޮށް ބޭރުކުރުމުގެ ހުއްދަ ދިނުމުން މިހާރު 50 ޓަނު އެބަ ބޭރުކުރޭ ޕްރޯސެސް ކޮށްފަ އަމިއްލަ ފެކްޓްރީތަކުން. އެމީހުންގެ ފެކްޓްރީތަކަށް ސަބްސިޓީގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މަހަކު އެއްފަހަރު މިލިޔަނުން މިލިޔަނުން ރުފިޔާ ފޮނުވައިދޭކަށެއް ނުޖެހޭ. އަބަދުވެސް ފާހަގަވެފައި އޮތީ މިފްކޯ ޖެހޭނީ އުވާލަންކަމާ، ފެލިވަރު ޖެހޭނީ ބަންދުކުރާންކަމާ، އަމިއްލަ މީހުންނަށް ގޭދޮށުގައި މަސް ޕްރޮސެސްކޮށްގެން ވިއްކުނީމަކަން މިކަމުގައި އަޅުގަނޑުމެންނަށް ފައިދާއެއް ލިބެންއޮތީ. އެއީ މިދިޔަ 30 އަހަރުގައި ހަދާފައިވާ ހުރިހާ ދިރާސާއެއް ބަޔާންކުރާ ހަޤީޤަތްތަކެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ރާއްޖޭގެ އިޤްތިޞާދު އެތައް ޒަމާނެއް ވަންދެން މަސްވެރިކަމުގެ މައްޗަށް ބަރޯސާވެފައި އޮތްކަމަށާއި، އޭރު ދިވެހިން މަސް ބޭރުކުރީ ގޭދޮށުގައި އަމިއްލައަށް މަސްކައްކާ ހިއްކައިގެން ކަމަށެވެ. އަދި 70 ގެ އަހަރުތަކުގައި ދޯނިފަހަރުގެ އިންޖީނު އެޅުމުގެ ކުރިންވެސް ރާއްޖެއިން މަސް ބޭރުކުރާތާ 800 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ 70 ގެ އަހަރުތަކުގެ ތެރޭގައި ދޯނިފަހަރުގައި އިންޖީނުއެޅުމުގެ ކުރީގައި ދިވެހިން މަސްބާނާ، މަސްކައްކާ، މަސް ހިއްކައިގެން މަސް ބޭރުކުރާތާ 800 އަހަރަށްވުރެ ގިނަވެއްޖެ. މިރާއްޖޭގެ އިޤްތިޞާދު އެތައް ޒަމާނެއް ވަންދެން މަސްވެރިކަމުގެ މައްޗަށް ބިނާވެފައި ހުރި. މިއަދު ރާއްޖޭގައި ބާނާ މަހުގެ 70 ޕަސެންޓް މަސް ބޭރުކުރަނީ ރޯމެޓީރިއަލްގެ ގޮތުގައި. ޕްރޯސެސް ނުކޮށް. ރޮލާ ބޭރުކުރީމާ އެމަހަށް ލިބެނީ ޓަނަކަށް 1200 ޑޮލަރު. ޕްރޯސެސްކޮށްފަ މަސް ބޭރުކުރީމާ އެންމެ ގޯސް ދުވަހެއްގައިވެސް 2500 ޑޮލަރު އެބަޖެހޭ ޓަނަކަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރު ރާއްޖޭގެ އުތުރާއި ދެކުނުގައި މަސް ރައްކާކުރާ ސްޓޯރޭޖްތައް ޤާއިމްކުރަން 25 މިލިޔަން ޑޮލަރު ހަރަދުކުރަން ހަމަޖެހިފައިވާކަމަށް ކެނދިކޮޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވުމުން، އެވާހަކަ މެދުކަނޑުއްވާ ލައްވާ ރައީސް ނަޝީދު ވަނީ އެ ސްޓޯރޭޖްތައް ހެދުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"އިއްޒަތްތެރި މެމްބަރު، އަޅުގަނޑަށް ތިޔަކަން ފާހަގަވީ ނާކާމިޔާބުވާނެ ކަމެއްގެ ގޮތުގައި. އަޅުގަނޑު ދެންމެވެސް ފާހަގަކޮށްފިން ތިޔަ ބޮޑެތި ސްޓޯރޭޖްތަކާ ތަންތަން ހަދަމުން ދިޔައީމާ ވަމުންދާގޮތް". ރައީސް ނަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!