މަސްވެރިކަމާއި ގުޅޭ

Jaabir

މަސްވެރިން އެކުރާ ބުރަ މަސައްކަތަށް އަޅުގަނޑުމެން މިތާ ކޮޅަށް ތިބެ ސެލިއުޓު ކުރަންޖެހޭ: ޖާބިރު

މަސްވެރިން އެކުރާ ބުރަ މަސައްކަތަށް އަޅުގަނޑުމެން މިތާ ކޮޅަށް ތިބެ ސެލިއުޓު ކުރަންޖެހޭކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ހުށައެޅުއްވި ޤަރާރަށް ވާހަކަ ދައްކަވަމުން އަބްދުﷲ ޖާބިރު ވިދާޅުވީ، މިއަދު މަސްވެރިން ތިބީ ވަރަށް ހާލުގައިކަމަށެވެ. އަދި ކުރީގެ ސަރުކާރުންވެސް މި ސަރުކާރުންވެސް މަސްވެރިންގެ މައްސަލަތައް ހައްލުކުރަން މަސައްކަތް ނުކުރާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ތަރައްޤީ ކުރާ ފަދައިން މަސްވެރިކަން ވެސް ތަރައްޤީ ކުރަން ޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ.

"ފާއިތުވި ސަރުކާރުންް ވައުދާ ހިލާފުވެއްޖެ. އެއަށް އަޅުގަނޑުމެން އެޑްރެސް ކުރަންވީ. ހަނދާން އާކުރަން އެބަޖެހޭ. ކީކޭތޯ ވިދާޅުވީ. ބެޔަސް ނުބެޔަސް ދޭނަމޭ 10 ހާސް ރުފިޔާ. ނުދިން. އަޅުގަނޑުމެން ނުލާހިކު ބާރަށް ބާރަށް މަސްވެރިކަން ކުރިއަށް ގެންދާ ވާހަކަ މި ދައްކަނީ. މިމަޖިލީހަށް ކިތައް ޤަރާރު އަޅުގަނޑު ހުށައަޅައިފިންތޯ. ފެށުނީއްސުރެ އަޅުގަނޑު މިކުރަނީ މި މަސައްކަތް. އަޅުގަނޑަކީ މަސްވެރިއެއްގެ ދަރިއެއް ވީމައެއްނޫން. އަޅުގަނޑަކީ މަސްވެރިއެއް ވީމާ. ރާއްޖޭގެ ޓޫރިޒަމް ތަރައްޤީ ކުރާ ފަދައިން މަސްވެރިކަން ތަރައްޤީ ކުރަންޖެހޭ." ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގައި މަސްވެރިކަން ކުރެވޭނެ ތަހުޒީބު ގޮތްތަކެއް ހޯދަންޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ލޭނުގެ މަސްވެރިކަން ފަދަ މަސްވެރިކަމުގެ ބާވަތްތަކަށް ފުރުޞަތު އޮންނަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ، މަސްވެރިކަމާބެހޭ ވަޒީރު ފައިލްވެފައިވާކަމަށެވެ.

"މިނިސްޓަރު ޒަހާ ވަހީދު ވަގުތުން ވަގުތަށް ވަކިކުރަން ޖެހޭ، އެކަމަނާ ނާޤާބިލް ވެއްޖެ. އެކަމަނާ އިންސާނިއްޔަތާ ހިލާފުވެއްޖެ. އިއްޒަތްތެރި ރައީސް. ދިވެހިރާއްޖޭގެ މަސްވެރިން ތިބީ ވަރަށް ހާލުގަ. އަޅުގަނޑު ޖެހޭނީ ޤަރާރު ހުށައެޅި މެމްބަރަށް ޝުކުރު ދަންނަވަން. މިކަމުގައި ސެލިއުޓު ޝުކުރެއް އަޅުގަނޑު މި ދަންނަވަނީ. އެއީ މަސްވެރިން ނަގާ ސެލިއުޓް އެމަނިކުފާނަށް. އެމަނިކުފާނު ޑިފެންސް މިނިސްޓަރުކަމުގައި ހުންނެވި އިރު އޭރު މަސްވެރިކަން ހިނގަމުން އައި ގޮތް ނޭންގިދާނެ، އެއީކީ މައްސަލައެއް ނޫން. ހަތިޔާރުގެ ވާހަކައެއް ނޫން މި ދައްކަނީ. މަަސްވެރިކަމާ ބެހޭ ވާހަކަ މިއަދު މި ދައްއްކަނީ. މަސްވެރިންނަނށް މަސްވެރިކަން ކުރެވޭނެ ތަހުޒީބު ގޮތެއް ހީދަން އެބަ ހޯދަން ޖެހޭ. ކީއްވެގެންތޯ މަސްވެރިކަން ތަރައްޤީ ނުކުރެވިގެން މިއުޅެނީ. ކީއްވެގެންތޯ ލޭނު ނޭޅެންވީ. ޔޫރަޕިއަން ޔޫނިއަން އިން މުއާހަދާއެއް އެބައޮތޯ. ކޮބާތޯ ޔޫރަޕިއަން ޔޫނިއަނުން ގަންނަ މަހުގެ އަދަދަކީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، މަސްވެރިކަން ޕްރައިވެޓައިޒް ކުރަންޖެހޭކަމަށެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮވެ މަސްވެރިންގެ ކަންކަން ހައްލުކުރަން މަސައްކަތް ނުކުރާކަމަށް ތުހުމަތު ކުރެއްވިއެވެ.

"ކުރިން 4 ވިޔަފާރިވެރިއެއްގެ ކޮންޓްރޯލްގެ ދަށުގައި މަސްވެރިކަން އޮތީ. އެހެން އޮއްވާ މިހާރު މިއޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އެއްކޮށް ނަގާފަ. ކޮބާތޯ އޭގެ ފައިދާއަކީ. މިއަދާ ހަމައަށް ދިޔައިރު ތިޔަބުނާ ފެކްޓްރީއެއްވެސް ނޭޅުނު. އެންމެ ފަހުން އިއްޒަތްތެރި މަނިކުފާނުގެ ޕާޓީން ތަޢާރަފް ކުރީ ދުމަށި އަޅާ ވާހަކަ. މިއީ ކޯއްޗެއް ކަމެއްވެސް ސާފެއް ނުވޭ. ރައްޔިތުންނަކަށްވެސް، އަޅުގަނޑަކަށްވެސް، މި މަޖިލީސް މެމްބަރުންނަކަށްވެސް. ހިތާމަޔަކީ މިއަދު މަސްވެރިކަން ހުޅުވާލަން އަޅުގަނޑުމެން އާދޭސްކޮށްކޮށް މެޖޯރިޓީ މިތާ އެމްޑީޕީ އޮވެ އެކަމަށް އިސްކަން ނުދީ، މިނިސްޓަރަކަށް ހުރި ބޭފުޅާ އެތައްފަހަރަކު މިތާ މިސްޓޭކު ހެދިއިރުވެސް މެޖޯރިޓީ އޮތް ޕާޓީން ފިޔަވަޅުވެސް ނޭޅި. މިކަން ކުރުމުގެ ނަތީޖާއަކަށްވަނީ ދިވެހި މަސްވެރިން ހަނާވެދިއުން." ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގައި މަސްވެރިކަމުގެ ސިޔާސަތު ބައްޓަންވެފައިވާ ގޮތަށް ޖާބިރުވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި އުނދަގޫތަކާއެކުވެސް މަސްވެރިން އެކުރާ ބުރަ މަސައްކަތަކަށް މަޖީލީހުގެ ހުރިހާ މެމްބަރުން ސެލިއުޓު ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"މަސް ގަންނަ ކުންފުންޏަކީ ސިޔާސީ ކުންފުންޏެއް. ސިޔާސީ މީހުން އެތާ ތިބެނީ. ކިހާ ހަރަދު ބޮޑުވާނެތޯ. ހަޤީޤަތުގައިވެސް މަސްވެރިކަމުގެ ސެކްޓަރު ޕްރަވެޓައިޒް ކުރަން ޖެހޭ. ހުވަދޫ މަސްވެރިން މިއަދު ތިބީ ނުކައި. އައްޑޫ މަސްވެރިން މިއަދު ތިބީ ނުކައި. ސިޓީއުރައެއްވެސް ދެނީކީ ނޫން. އެހެންވީމާ، މަސްވެރިން އެކުރާ ބުރަ މަސައްކަތައް އަޅުގަނޑުމެން މިތާ ކޮޅަށްތިބެ ސެލިއުޓު ކުރަންޖެހޭ ނޫންތޯ އެބޭފުޅުންނަށް." ޖާބިރު ވިދާޅުވިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!